ދުނިޔެއިން ވަރަށް ބޮޑަށް މަދުވެފައިވާ ރާމާމަކުނުގެ ބާވަތެއްކަމަށްވާ އޮރޭންގްއުޓޭން ތައިލެންޑަށް ވަގަށް އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ޗައިނާ، ވިއެޓްނާމް އަދި ޓައިވާންގެ އަގުބޮޑު ކަޅު ބާޒާރަށް ދިރޭތަކެތި ސްމަގްލްކުރުމުގައި ތައިލެންޑަކީ ބޮޑު ޓްރާންސިޓް ހަބެކެވެ.
އުމުރުން 47 އަހަރުގެ މީހާ އަތުލައިގަތީ ވެރިރަށް ބެންކޮކްގެ ޕެޓްރޯލް ސްޓޭޝަނެއްގައި ތުއްތު ދެ އޮރޭންގްއުޓޭން، އެ ސޮރުމެން ގަތް މީހާއަށް ހަވާލުކުރަން އުޅެނިކޮށެވެ.
އެއް އޮރޭންގްއުޓޭންގެ އުމުރަކީ އެއް އަހަރުކަމަށްވާއިރު އަނެއް އޮރޭންގްއުޓޭންގެ އުމުރަކީ އެއް މަހެވެ. ފުލުހުން ހާމަކުރި ފޮޓޯތަކުން ފެންނަނީ އެ ސޮރުމެން ނެޕީ ޖައްސައިފައި، ބުއްފުޅިއާއެކު ޕްލާސްޓިކް ބާސްކެޓަށް ލައިފައިވާ މަންޒަރެވެ.
މި އިން ކޮންމެ އޮރޭންގްއުޓޭނެއްގެ އަގު 300،000 ބާތު ނުވަތަ 8،900 ޑޮލަރު (137،570ރ.)އަށް އަރައެވެ.
ސްމަގްލްކުރަން އުޅުނު މީހާގެ މައްޗަށް އުފުލައިފައިވަނީ ތައިލެންޑްގެ ގާނޫނުގެ ދަށުން "ހިމާޔަތްކުރެވިފައިވާ މަހުލޫގުން ގަވައިދާ ހިލާފަށް ގެންގުޅުނު"ކަމުގެ ދައުވާއެވެ. މި ކުށް ސާބިތުވެއްޖެ ނަމަ އޭނާއަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާނެއެވެ.
"ހައްޔަރުކުރެވުނު މީހާ އެއްބަސްވީ މި ދެ އޮރޭންގްއުޓޭން، އެ ސޮރުމެން ގަތް މީހާއާ ހަވާލުކުރަން ހަވާލުވިކަމަށް. އެ ސޮރުމެންގެ އަގެއް ނުބުނޭ. އެ ސޮރުމެން ޓްރެފިކްކުރަން އުޅުނު ބޮޑު ވިއުގަ މިހާރު ތަހުގީގުކުރަމުން މި އަންނަނީ،" ތައިލެންޑްގެ ތަހުގީގުތަކާ ބެހޭ މައި އިދާރާ، ސެންޓްރަލް އިންވެސްޓިގޭޝަން ބިއުރޯގެ ފުލުސް އޮފިސަރު ކަސިޑަޗް ޗަރޮއެންލެޕް އޭ.އެފް.ޕީއަށް ބުންޏެވެ.
އޮރޭންގްއުޓޭންއަކީ މެލޭޝިއާ، އިންޑޮނޭޝިއާ އަދި ބުރުނާއީން ހިއްސާވާ ބޯނިއޯ ޖަޒީރާ އާއި އިންޑޮނޭޝިއާގެ ސުމަޓްރާއަށް ވަޒަންވެރި މަހުލޫގެކެވެ. މިއީ ދުނިޔެއިން އެންމެ ބޮޑަށް މަދުވެފައިވާ އެއް ހައިވާނުކަމަށް އައި.ޔޫ.ސީ.އެންގެ ރަތް ލިސްޓްގައި ހިމަނައި އަދި ސީ.އައި.ޓީ.އީ.އެސް މުއާހަދާގައި ވެސް ހިމާޔަތްކޮށްފައިވާ ޖަނަވާރެކެވެ. އޮރޭންގްއުޓޭންއަކީ ދުނިޔޭގައި އެންމެ ގިނައިން ސްމަގްލްކުރާ ރާމާމަކުނުގެ ބާވަތެވެ.
އަތުލައިގަނެވުނު ދެ ތުއްތު އޮރޭންގްއުޓޭން މިހާރު ހަވާލުކޮށްފައިވަނީ ތައިލެންޑްގެ ގައުމީ ޕާކްތަކާއި، ހައިވާނާއި ގަސްގަހާގެހި ހިމާޔަތްކުރާ އިދާރާ، ޑިޕާޓްމަންޓް އޮފް ނެޝަނަލް ޕާކްސް، ވައިލްޑްލައިފް އެންޑް ޕްލާންޓް ކޮންސަވޭޝަންއާއެވެ. އެއީ އެ ސޮރުމެންގެ ސިއްހަތު ޗެކުކޮށް، ފަރުވާ ދިނުމަށެވެ.
ސްމަގްލަރު ހައްޔަރުކުރެވުނީ އެމެރިކާގެ މަހާއި އެހެނިހެން މަހުލޫގުން ހިމާޔަތްކުރާ، ޔޫ.އެސް ފިޝް އެންޑް ވައިލްޑްލައިފް ސާވިސް އިދާރާ އާއި އދ.ގެ މަސްތުވާތަކެއްޗާއި ކުށްކުރުމާ ބެހޭ ޖަމާއަތް، ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) ގުޅިގެން ކުރި ތަހުގީގަކުންނެވެ.



advertisment