އިންޑިއާގައި ކޮމިއުނިސްޓުންނާ ދެކޮޅަށް މިހާތަނަށް ހިންގި އެންމެ ބޮޑު އޮޕަރޭޝަންގައި 31 ހަނގުރާމަވެރިން މަރައިލައިފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
"އޮޕަރޭޝަން ބްލެކް ފޮރެސްޓް"ގެ ނަމުގައި ކައްރެގުއްޓަގެ ފަރުބަދަތަކުގައި މި ދިޔަ މަހު 21 އިން ފެށިގެން ހިންގި 21 ދުވަހުގެ އޮޕަރޭޝަންގައި ސަލާމަތީ ބާރުތަކުގެ 26،000 މުވައްޒަފުންގެ ތެރޭގައި ޗަޓިސްގަރުގެ ފުލުހުންނާއި ސެންޓްރަލް ރިޒާވް ޕޮލިސް ފޯސްގެ މުވައްޒަފުން ބައިވެރިވިއިރު އެއިން އެއްވެސް މީހަކު މަރު ނުވާކަމަށް ކަމާ ބެހޭ އިދާރާތަކުން ބުންޏެވެ.
"ނަމަވެސް އައި.އީ.ޑީތަކެއް ގޮވުމުގެ ސަބަބުން 18 މީހުން ޒަހަމްވި،" އޮފިޝަލަކު ބުންޏެވެ.
ސެންޓްރަލް ރިޒާވް ޕޮލިސް ފޯސްގެ ވެރިޔާ ޖީ.ޕީ ސިންގް ބުނީ "އަދަދު ނޭނގޭ" ވަރަކަށް ކޮމިއުނިސްޓުން މަރުވިކަމަށާއި ފަރުބަދަތައް ހުރި ގޮތުން އެ މީހުންގެ ހަށިގަނޑުތައް ހޯދިފައި ނުވާކަމަށެވެ.

"އަމާޒަކަށްވީ ޗަޓިސްގަރު އަދި ޓެލަންގާނާ ގުޅޭ ބޯޑަރުގެ އަސްކަރީ ގޮތުން މުހިންމު ފަރުބަދަތައް ސަރުކާރުގެ ބާރުގެ ދަށަށް ގެނައުން،" އޮފިޝަލަކު ބުންޏެވެ.
ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ މި އޮޕަރޭޝަނުން ދައްކައިދެނީ ކޮމިއުނިސްޓުންނާއި ސަރުކާރާ ދެމެދު އެތައް ދަހަރަކަށް ދެމިގެން ގޮސްފައިވާ ކުރިމަތިލުންތައް ނިމުމަކަށް ގެންނަން ސަރުކާރުން އެދޭ ސިޔާސަތަށް ބަދަލެއް ނާންނަކަމަށެވެ.
"މި އޮޕަރޭޝަން ކުރިއަށް ދިޔައީ ރަނގަޅު މިސްރާބަށް. ކޮމިއުނިސްޓުންގެ އަސަރުކޮށްފައިވާ ސަރަހައްދުތަކަށް ސުލްހަ ގެނެސް، ތަރައްގީގެ މައިގަނޑު ވިއުގައާ ގުޅުވައިލައިނަން،" މޯދީ ވިދާޅުވިއެވެ.
ދާހިލީ ވަޒީރު އަމިތު ޝާހު އެކްސްގައި ވިދާޅުވީ މި އޮޕަރޭޝަން ކާމިޔާބުވުމަކީ "ތާރީހީ ކުރިއެރުމެއް"ކަމަށެވެ.

"ކޮމިއުނިސްޓުންނާ ދެކޮޅަށް މިހާތަނަށް ހިންގި އެންމެ ބޮޑު އޮޕަރޭޝަން އެންމެ 21 ދުވަހުގެ ތެރޭގައި ނިންމައިލައި، ސަލާމަތީ ބާރުތަކުގެ އެންމެ މުވައްޒަފަކު ވެސް މަރު ނުވުމަކީ އަހަރެންނަށް ވަރަށް ބޮޑު އުފާވެރިކަން ލިބުނު ކަމެއް،" އޭނާ ވިދާޅުވިއެވެ.
މައިގަނޑު ގޮތެއްގައި ޗަޓިސްގަރު އަދި ޓެލަންގާނާގެ ޖަންގަލިތަކުގައި ހަނގުރާމަކުރަމުންދާ ހަރުކަށި ވައަތުފިޔައިގެ ފިކުރުގެ ކޮމިއުނިސްޓުން ބުނަނީ އެ މީހުން މަސައްކަތްކުރަމުންދަނީ ގައުމުގެ މެދުތެރޭ ސަރަހައްދުތަކުގެ އަސްލު ވަޒަންވެރި ބާގަތަކުގެ ހައްގުތައް ހޯދައިދިނުމަށްކަމަށެވެ. އެ ގޮތުން "އަޅުވެތި ސިފަ ޖެހިފައިވާ ސަރުކާރު ވައްޓައިލައި، ފަގީރުންނަށް ބިމާއި ވަޒީފާ ހޯދައިދިނުމަށް" އެ މީހުން ވަކާލާތުކުރެއެވެ.
އޮޕަރޭޝަން ބްލެކް ފޮރެސްޓްގައި ސަލާމަތީ ބާރުތަކުންވަނީ ކޮމިއުނިސްޓުންގެ 214 ސިއްރު މަރުކަޒުތަކާއި ފިލާ ތިބޭ ބަންކަރުތައް ނައްތައިލައި ބައިވަރު ހަތިޔާރު އަތުލައިގެންފައެވެ. އޭގެ ތެރޭގައި 800 ގްރެނޭޑް ލޯންޗަރު ޝެލް އަދި 450 އަށްވުރެ ގިނަ އައި.އީ.ޑީ ހިމެނޭކަމަށް ސިންގް ބުންޏެވެ. ޗަޓިސްގަރުގެ ބިޖަޕޫރުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ކޮމިއުނިސްޓުންގެ ބަންކަރުތަކާއި ހޮހަޅަތަކުގެ ފޮޓޯތައް ވަނީ ދައްކައިލައިފައެވެ. މީގެ އިތުރުން ކޮމިއުނިސްޓުން ބޭނުންކުރި ބަޑި، ޝެލް އަދި ގޮވާތަކެތި ވެސް ވަނީ ދައްކަން ބަހައްޓައިފައެވެ.
ކޮމިއުނިސްޓުންނާއި ސަރުކާރާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކަކީ އިންޑިއާގައި އެންމެ ދިގުދެމިގެން ގޮސްފައިވާ ދާހިލީ ހަމަނުޖެހުމެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި އަސްލު ސަބަބުތައް ދެނެގަނެ، މަޝްވަރާކުރުން އިހުތިޔާރުކުރުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ސަރުކާރަށްވަނީ ގޮވައިލައިފައެވެ.

ޗައިނާގެ ކުރީގެ ވެރިޔާ މައޯ ޒެޑޯންގެ އަމިއްލަ ކޮމިއުނިސްޓް ފަލްސަފާއަކަށް ތަބާވާ އިންޑިއާގެ ކޮމިއުނިސްޓުން ސިފައިންނާ ހަނގުރާމަކުރާތާ އެތައް ދަހަރެއްވީއިރު ގައުމުގެ މެދުތެރޭ ސަރަހައްދުތަކުގައި ދަނީ އަމިއްލަ ސަރުކާރެއް ހިންގަމުންނެވެ.
ފަހުގެ ތާރީހެއްގައި އިންޑިއާގެ މައި ސަރުކާރުން އަންނަނީ ކޮމިއުނިސްޓުންނާ ދެކޮޅަށް ހަމަލާއަކަށް ފަހު ހަމަލާއެއްދެމުންނެވެ. މި ދިޔަ އަހަރު އެޕްރިލްގައި ޗަޓިސްގަރުގައި ދިން އެންމެ ނުރައްކާތެރި އެއް ހަމަލާގައި 29 ކޮމިއުނިސްޓް ހަނގުރާމަވެރިން މަރައިލައިފައިވެއެވެ. އޭގެ އެއް އަހަރު ކުރިން ކޮމިއުނިސްޓުންވަނީ ޗަޓިސްގަރުގައި ސަލާމަތީ ބާރުތަކުގެ ވެހިކަލަކަށް ހަމަލާދީ މަދުވެގެން 10 މުވައްޒަފުންނާއި ޑްރައިވަރު މަރައިލައިފައެވެ.
ސަރުކާރުން ކުރިން ބުނެފައިވަނީ ކޮމިއުނިސްޓުންނަކީ ގައުމުގެ އެންމެ ބޮޑު ދާހިލީ ނުރައްކާކަމަށެވެ.



advertisment