ޖަޕާންގެ ފޫޖީ ފަރުބަދައަށް އެރި އުމުރުން 27 އަހަރުގެ ޗައިނާގެ ދަރިވަރެއް އެއް ފަހަރު ސަލާމަތްކުރިތަނާ އޭގެ ހަތަރު ދުވަސް ފަހުން އަނެއްކާވެސް އެރުމުން ސަލާމަތްކުރަންޖެހިއްޖެއެވެ. އެއީ ފޯން ހޯދަން އަނބުރާ އެރުމުންނެވެ.
ފުލުހުން ނަން ހާމަކޮށްފައި ނުވާ ދަރިވަރު ސަލާމަތްކުރަންޖެހުނީ ވައިގެ މަގުންނެވެ. އެއީ އޭނާއަށް "އަލްޓިޓިއުޑް ސިކްނަސް" ޖެހުމުންނެވެ. މިއީ ކުއްލިއަކަށް އުސް ތަނަކަށް އެރުމުން އޮކްސިޖަން މަދުވުމާއި ވައިގެ ޕްރެޝަރަށް ހަށިގަނޑު ހޭނޭނެ ވަގުތު ނުލިބުމުން ބޮލުގައި ރިއްސުމާއި ހޮޑުލެވުމާއި ނިދި ނައުން ފަދަ މައްސަލަތައް ކުރިމަތިވާ ހާލަތެކެވެ.
ކަމާ ބެހޭ އިދާރާތަކުން ދަރިވަރު ސަލާމަތްކުރީ އެމަޖެންސީކޮށް އެ ތަންތަނަށް އޭނާ ފޯންކުރުމުންނެވެ. އެއީ ކަނޑުގެ ލޮނުގަނޑަށްވުރެ ގާތްގަނޑަކަށް 10،000 ފޫޓު އުހަށް އެރުމަށް ފަހުއެވެ.
"ދެވަނަ ފަހަރަށް އޭނާ ފޫޖީއަށް އަނބުރާ އެރީ އޭނާ ފުރަތަމަ ފަހަރަށް ސަލާމަތްކުރިއިރު ފަރުބަދަމައްޗަށް ދޫކޮށްލައިފައިވާ އޭނާގެ ފޯނާއި އެހެނިހެން ތަކެތި ހޯދުމަށް،" އޮފިޝަލަކު ބުންޏެވެ.
ދެވަނަ ފަހަރު ކަމާ ބެހޭ ފަރާތްތަކަށް ގުޅީ އެހެން މީހެކެވެ. އެއީ ދަރިވަރަށް ހަރަކާތް ނުކުރެވިފައިވާ ތަން ފެނިފައެވެ. ބެލެވޭ ގޮތުގައި ދެވަނަ ފަހަރަށް ވެސް ދަރިވަރަށް އަލްޓިޓިއުޑް ސިކްނަސް ޖެހުނީއެވެ.
ފަރުބަދައަށް އަރާ މީހުން ސަލާމަތްކުރުމުން އަދަބެއް ނުދެއެވެ. ނަމަވެސް މި ދަރިވަރުގެ ކޭސްގެ ސަބަބުން ސޯޝަލް މީޑިއާގައި މީހުންވަނީ ނުރުހުން ފާޅުކޮށް، އެންމެ ކުޑަ މިނުން ދެވަނަ ފަހަރަށް ސަލާމަތްކުރުމުގެ ހަރަދު އޭނާގެ އަތުން ހޯދުމަށް ގޮވައިލައިފައެވެ.
މިއީ ފޫޖީއަށް އެރުމުގެ އޮފް ސީޒަނެވެ. މިހެންވެ، ފިނިގަދަވުމާއި ފަރުބަދައިގައި ސްނޯ ހުރުމާއި އަދި މޫސުން ތަން ނުދިނުމާމެދު ސަމާލުވުމަށް އޮފިޝަލުން އިލްތިމާސްކުރެއެވެ.
ފޫޖީގައި ހައިކް ކުރުމަށް ނުވަތަ ހިނގަން އޮންނަ މަގުތަކުގައި ހިނގުމަށް ރަސްމީ ގޮތުން ހުޅުވައިލަނީ ޖުލައި އާއި ސެޕްޓެމްބަރާ ދޭތެރޭގައެވެ. ނަމަވެސް އޮފް ސީޒަންގައި ވެސް ހިނގަން ދިއުމަކީ މަނާ ކަމެއް ނޫނެވެ.
އެންމެ މަގުބޫލު މަގުގައި ހިނގުމަށް ފީއެއް ނަގައި، އެ މަގުގައި ހިނގޭނެ މީހުންގެ އަދަދު މި ދިޔަ އަހަރުވަނީ ކަނޑައަޅައިފައެވެ.
"މައިގަނޑު އެހެން މަގުތަކުގައި ވެސް މި ފަދަ ގަވައިދުތައް މި އަހަރު ފަހުކޮޅު ހަދާނެ. ނަމަވެސް އޮފް ސީޒަންގައި ފަރުބަދައަށް އެރުމާއި މަގުތައް ނޫން ތަންތަނުގައި ހިނގުމަކަށް ފީއެއް ނުނަގާނެ،" އޮފިޝަލަކު ބުންޏެވެ.



advertisment