އެމެރިކާއިން ހަނގާކުރިޔަސް ބޯނުލަނބާނެ ކަމަށް އީރާނުން ބުނެފިއެވެ.
އީރާންގެ ރައީސް މަސްއޫދު ޕަޒަޝްކިއަން އިއްޔެ އީރާންގެ ދައުލަތުގެ މީޑިއާއަށް މިހެން ވިދާޅުވީ، ގަލްފުގެ ތިން ގައުމަކަށްކުރައްވާ ދަތުރެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒްގައި ބޭއްވި ގަލްފު ކޫޕަރޭޝަން ކައުންސިލް (ޖީ.ސީ.ސީ) ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުކުރެއްވުމުގައި އީރާނަކީ ޓެރަރިޒަމް ސްޕޮންސާކޮށް، ނިއުކްލިއާ ހަތިޔާރު އުފައްދަން އުޅޭ ގައުމެއްކަމަށް ވިދާޅުވެ، އަނެއްކާ ވެސް ދަތިކުރުމުގެ ފިޔަވަޅެއް އެޅުއްވުމުންނެވެ.
"ޓްރަމްޕް ހީކުރައްވަނީ މި ތަނަށް ވަޑައިގެން، ޝިއާރުތައް ފާޅުކުރައްވައި އަހަރެމެން ބިރުގަންނަވައިލެއްވިދާނެކަމަށް. އެނދެއްގައި އޮތުމަށްވުރެ ވެސް ޝަހީދުވުމަށް އަހަރެމެން މާ ލޯބިކުރަން،" މަސްއޫދު ވިދާޅުވިއެވެ.
ބޭނުންވެ ވަޑައިގަންނަވަނީ "ސުލްހައިގެ ޑީލެއް" ކަމަށް ޓްރަމްޕް އަނެއްކާ ވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މި ކަމަށް އީރާނުން ދެކޮޅު ހަދައިފި ނަމަ "އެންމެ މަތީ ދަރަޖައިން ބޮޑު ޕްރެޝަރެއް" އީރާނަށް ކުރައްވާނެކަމަށް އިންޒާރުދެއްވިއެވެ.
އުމާން މެދުވެރިވެގެން އީރާނާއި އެމެރިކާއާ ދެމެދު އީރާންގެ ނިއުކްލިއާ މަޝްރޫއާމެދު ހަތަރު މަޝްވަރާ ބައްދަލުވުމެއް ބޭއްވި ނަމަވެސް އީރާނުން ބެލިސްޓިކް މިސައިލްގެ އާލާތްތައް އުފައްދާތީ އެ ކަމާ ދެކޮޅަށް ޓްރަމްޕް އިއްޔެ ވަނީ ފިޔަވަޅު އަޅުއްވައިފައެވެ. އަދި އުމާން މެދުވެރިވެގެން ކުރިއަށް ވާހަކަތައް ކުރިއަށް ގެންދިޔަ ނަމަވެސް އެމެރިކާއިން އީރާނާ ދެކޮޅަށް އަޅައިފައިވާ ފިޔަވަޅުތައް ނައްތައިލުމަށް ޓްރަމްޕް ވަނީ ދެކޮޅުހައްދަވައިފައެވެ.
ސައުދީ އަރަބިއްޔާ، ގަތަރު އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)އަށް ކުރައްވާ ދަތުރުގައި އިއްޔެ ގަތަރުގެ ވެރިރަށް ދޫހާއަށް ވަޑައިގެން، ރޭގަނޑުގެ ފަރިއްކޮޅެއްގައި ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ނިޔަތް ސާފުކަމަށެވެ.
"އަހަރެމެން ބޭނުންވަނީ އެތައް މިލިއަން މީހުންގެ ފުރާނަ ސަލާމަތްކުރެވިދާނެ ކަހަލަ ކަމެއްކުރަން. މިހާރު މި ވަނީ ނުރައްކާތެރި ހާލަތަކަށް ވެއްޓިފައި. އަހަރެމެން ބޭނުންވަނީ ރަނގަޅު މަގުން މަސައްކަތްކުރަން. ސަބަބަކީ ބައެއް ކަހަލަ ކަންތައްތައް ބޮއްސުންލައިގެން ދާތީ. އީރާނުން ނުސީދާކޮށް ކުރަމުންދާ ހަނގުރާމަތައް ހުއްޓައިލައި، ނިއުކްލިއާ ހަތިޔާރު ހޯދުމަށްކުރަމުން އަންނަ މަސައްކަތް ފާޅުކޮށް އަދި ދާއިމީކޮށް ހުއްޓައިލަން ޖެހޭނެ. ބޯޅަ އޮތީ މިހާރު އީރާން ކޮޅުގައި،" ޓްރަމްޕް ވިދާޅުވިއެވެ.
އިރާނާއެކު ބައިނަލްއަގުވާމީ މުޖުތަމައުން 2015 ގައި ގާއިމުކުރި ނިއުކްލިއާ މުއާހަދާއިން އެމެރިކާ ފެއަށް ޖެހުނީ 2018 ގައި ޓްރަމްޕް ރައީސްކަމަށް ވަޑައިގެންފައި އެ މުއާހަދާއިން އެމެރިކާ ބޭރުކޮށްލެއްވުމުންނެވެ.
އީރާނާ ދެކޮޅަށް އަޅައިފައިވާ ފިޔަވަޅުތަކާއި އަދި ބައިނަލްއަގުވާމީ މުޖުތަމައުގެ ޕްރެޝަރާ ކުރިމަތިލާން ޖެހިފައިވާ ނަމަވެސް އީރާނުން އަދިވެސް ހުރީ ގޮތް ދޫ ނުކުރާ ގޮތަށެވެ.
އަންގާރަ ދުވަހު ޓްރަމްޕް ވިދާޅުވެފައި ވަނީ "އެމެރިކާއިން ހުށަހެޅި ޒައިތޫނި އޮފިކޮޅު އީރާނުން ބަލައިނުގެންފި ނަމަ އީރާނާ ދެކޮޅަށް ފިޔަވަޅު އެޅުން ނޫން ގޮތެއް ނެތް"ކަމަށާއި "އީރާނަށް ނިއުކްލިއާ ހަތިޔާރެއް ލިބުނަ ނުދޭނެ"ކަމަށެވެ.
އެމެރިކާގެ ސަރުކާރުތަކުން މިހާތަނަށް ވެސް ވަނީ އީރާނަށް ނިއުކްލިއާ ހަތިޔާރު ނުލިބޭނެ ގޮތް ހެދުމަށް މަސައްކަތްކޮށްފައެވެ.



advertisment