ހަމާސް އާއި އިސްރާއީލާ ދެމެދު ސުލްހަ ގާއިމުކުރުމުގެ މަޝްވަރާތައް ގަތަރުގެ ވެރިރަށް ދޫހާގައި މިހާރު ވެސް ކުރިއަށް ގެންދާއިރު ޣައްޒާއަށް މިއަދު ވެސް ހަމަލާ ދީ މަދުވެގެން 70 މީހުން ޝަހީދުކޮށްލައިފިއެވެ.
ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ޖަބާލިޔާ ރެފިއުޖީ ކޭމްޕުން 50 މީހުން ޝަހީދުވިއިރު 10 މީހުން ޚާން ޔޫނިސްއިން ޝަހީދުވެފައިވާކަމަށެވެ.
"ސުންނާފަތިކޮށްލައިފައިވާ ތަންތަނުގެ ދަށުން އާއިލާތަކުން ދަނީ ޝަހީދުވެފައިވާ ކުޑަކުދިންގެ ހަށިގަނޑުތައް ނެރެމުން. އެއީ ފޯންގެ އަލި ބޭނުންކޮށްގެން،" އޮފިޝަލަކު ބުންޏެވެ.
އިސްރާއީލުން މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ހަމަލާތައް އަމާޒުކުރަނީ ޣައްޒާގެ ރަށްވެހިން ގެދޮރުން ބޭރުކޮށްލުމަށްކަމަށް އަލްޖަޒީރާއިން ރިޕޯޓުކުރިއެވެ.
ގަތަރުގައި ސުލްހައިގެ ވާހަކަތައް ކުރިއަށްގެންދަނީ އެމެރިކާ، މިސްރު އަދި ގަތަރުގެ ބައިވެރިވުމާއެކުއެވެ. ނަމަވެސް އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ ބުނީ ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާނުލާނެކަމަށެވެ.
އޮކްޓޫބަރު 2023 ގައި ފެށި ޣައްޒާ ހަނގުރާމާގައި މިހާތަނަށް 52،900 މީހުން ޝަހީދުވެފައިވެއެވެ. އަދި ޣައްޒާގެ 90 ޕަސެންޓް ރަށްވެހިންގެ ގެދޮރުވަނީ ނެތިފައެވެ.
ޣައްޒާއަށް އިންސާނީ އެހީ ވެއްދުން އިސްރާއީލުން މަނާކޮށްފައި އޮތްއޮތުމަކީ "ލަދުވެތި"ކަމެއްކަމަށް ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވިދާޅުވިއެވެ. އަދި އިސްރާއީލަށް ގޮވައިލެއްވީ ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށް ފުރުސަތު ދިނުމަށެވެ.
ބައިނަލްއަގުވާމީ ތަޖުރިބާކާރުން ބުނީ ޣައްޒާގެ ބައި މިލިއަނެއްހާ މީހުން ބަނޑަށްޖެހުމުގެ ފުރުސަތު އެބައޮތްކަމަށެވެ.



advertisment