ޖަލަށް ލައިފައިވާ ޕާކިސްތާންގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާން މިނިވަންކުރުމަށް މަސައްކަތްކޮށްދެއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އިމްރާންގެ ދެ ދަރިން ކަމަށްވާ ސުލައިމާން އާއި ގާސިމް އިލްތިމާސްކޮށްފިއެވެ.
މިދިޔަ މަހު ކަޝްމީރުގެ އިންޑިއާ ފަޅީގައި 26 ޓޫރިސްޓުން މަރައިލި ޓެރަރިސްޓު ހަމަލާއާ ގުޅިގެން އިންޑިއާއިން ޕާކިސްތާނަށް ހަމަލާ ދީ، ދެ ގައުމުގެ ދެމެދުގައި ފެށި ހަމަލާ ބަދަލުކުރުމުގެ މައްސަލަ، މެދުވެރިއެއްގެ ރޯލު ކުޅުއްވައިގެން ޓްރަމްޕް ވަނީ ހައްލުކޮށްދެއްވައިފައެވެ.
ޓްރަމްޕް މި ވަގުތު ހުންނެވީ ގަލްފުގެ ތިން ގައުމު ކަމަށްވާ ސައުދީ އަރަބިއްޔާ، ގަތަރު އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)އަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރެއްގައެވެ.
"ބައްޕަ މިނިވަންކޮށްދިނުމަށް މަސައްކަތްކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ވެސް ގޮވައިލަން،" ސުލައިމާނާއި ގާސިމް އެކްސްގައި ބުންޏެވެ.
ދެބެއިން ބުނީ ފުރަތަމަ ފަހަރަށް މި ފަދަ އިލްތިމާސްއެއްކުރަން ނިންމީ ގާނޫނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ބައްޕަ މިނިވަންކުރެވިދާނެ ހުރިހާ ގޮތެއް ބަލައިފައި "ގޮތްހުސްވުމުން" ކަމަށެވެ.
އިނގިރޭސި ވިލާތުގެ ރައްޔިތުކަން އޮންނަ އުމުރުން 28 އަހަރުގެ ސުލައިމާނާއި އުމުރުން 26 ގެ ގާސިމް ބުނީ ރަވަލްޕިންޑިގެ ޖަލެއްގައި 2023 އިން ފެށިގެން އުމުރުން 72 އަހަރުގެ އިމްރާން ގެންގުޅެނީ "ކުޑަ ގޮޅީގައި އަސާސީ ހައްގުތަކުން މަހްރޫމުކޮށް، ލާއިންސާނީ ހާލަތުގައި" ކަމަށެވެ.
އިމްރާން ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ދަނީ 150 އަށްވުރެ ގިނަ ދައުވާ ސާބިތުވެގެންނެވެ. އޭނާގެ ޕާޓީ ތަހްރީކޭ އިންސާފުން ބުނީ މިއީ ހުސް ސިޔާސީ ދައުވާ ކަމަށެވެ. އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މަސްރަހު ހޫނުވެފައިވާތީ އިމްރާންގެ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށާއި ޕެރޯލް ހޯދަން އެދިފައިވާ ކަމަށް ވެސް ޕާޓީން ބުންޏެވެ.



advertisment