Support Us

ދުނިޔޭގެ ކާބޯތަކެތީ އިނާމު ބްރެޒިލްގެ އަންހެން ސައިންސްވެރިއަކަށް

ދުނިޔޭގެ ކާބޯތަކެތީގެ އިނާމު ބްރެޒިލްގެ މައިކްރޮބަޔޮލޮޖިސްޓެއް ކަމަށްވާ މަރިއެންޖެލާ އުންގްރިއްޔާއަށް ދީފިއެވެ.

އެމެރިކާގެ އަޔޯވާ ސްޓޭޓްގައި ގާއިމުކޮށްފައިވާ "ވޯލްޑް ފުޑް ޕްރައިޒް" ނުވަަތަ ދުނިޔޭގެ ކާބޯތަކެތީގެ އިނާމު ފައުންޑޭޝަނުން 500،000 ޑޮލަރު (ހަތް މިލިއަން ރުފިޔާ)ގެ އިނާމު، ސައިންސްވެރިޔާ މަރިއެންޖެލާއަށް ދިނީ ކެމިކަލް ފަޓިލައިޒަރާ ނުލާ ދަނޑުވެރިކަން ކުރެވިދާނެ ގޮތްތައް ހޯދުމަށް 40 އަށްވުރެ ގިނަ އަހަރު އޭނާ އިސްނަގައިގެން މަސައްކަތްކުރުމުން އެ ކަން ފާހަގަކުރުމަށެވެ.

މަރިއެންޖެލާ ދިރާސާކޮށްފައިވަނީ "ބަޔޮލޮޖިކަލް ނައިޓްރިޖަން ފިކްސޭޝަން"ގެ ޒަރީއާއިން ދިރޭ ސޫފި ނައިޓްރިޖަން މާއްދާ ގަސްގަހާގެއްސަށް ބޭނުންކުރެވޭނެ ގޮތް ހަދައިދޭ އިލްމަށެވެ. މި ނިޒާމަކީ ބިމުގައި އުޅޭ ޖަރާސީމު ގަސްހެދުމުގެ ދުވެލި އަވަސްކޮށްދޭ ގުދުރަތީ ނިޒާމެކެވެ.

މަރިއެންޖެލާގެ ދިރާސާ ހާއްސަކޮށްފައިވަނީ ސޯއިބީންސްއަށެވެ. ނަމަވެސް އޭނާގެ ދިރާސާއިން ގޮދަން، ޒުވާރި އަދި ތޮޅި ވެސް އުފެދޭ މިންވަރުވަނީ އިތުރުވެފައެވެ. މަރިއެންޖެލާގެ ދިރާސާގެ ސަބަބުން ސޯއިބީންސް އުފެއްދުމުގައި ބްރެޒިލް މިހާރު ވަނީ އެމެރިކާ އާއި އާޖަންޓީނާ ފަހަތަށް ޖައްސައިލައި، ދުނިޔޭގައި ސޯއިބީންސް އެންމެ ގިނައިން އުފައްދާ ގައުމަށްވެފައެވެ.

ފުރަތަމަ ދުވަސްވަރު ދަނޑުވެރިން ޝައްކުތަކެއްގެ ތެރޭގައި އުޅުނަސް، އެ މީހުންނާ މަރިއެންޖެލާ ސީދާ ގުޅިގެން މަސައްކަތްކޮށް، މަސްނޫއީ ނުވަތަ ކެމިކަލް ފަޓިލައިޒަރާ ނުލާ ދަނޑުގޮވާމުގެ އުފެއްދުންތެރިކަން އިތުރުކުރެވޭކަން އޭނާ ސާބިތުކޮށްދިނެވެ. ކެމިކަލް ފަޓިލައިޒަރަކީ ކޯރު ފަދަ ފެން ހުންނަ ތަންތަން ތަޣައްޔަރުކުރާ، އަދި މޫސުމަށް ބަދަލުގެންނަ ސީދާ ވަސީލަތެކެވެ.

"ބަނޑުހައިހޫނުކަން ނައްތައިލުމަކީ އެންމެ ކުޑައިރުއްސުރެ އަހަރެން ބޭނުންވި ކަމެއް. މި އިނާމު ލިބުނުކަން އަހަރެންނަށް އަދިވެސް މި ހުރީ ގަބޫލު ނުކުރެވިފައި. އަހަރެންގެ މުޅި ހަޔާތުގައި ހުރިހާ މީހުން ބުނީ އަހަރެން ދިޔައީ ނުބައި މަގުންކަމަށް. އެ މީހުން ބުނީ ކެމިކަލް ފަޓިލައިޒަރު ބޭނުންކުރުމަށް. ނަމަވެސް މިއަދު އަހަރެންނަށް މި ވަނީ ދަނޑުވެރިކަމާ ގުޅޭ އެންމެ މުހިންމު އިނާމު ލިބިފައި. މިއީ ހުވަފެނެއް ކަހަލަ ކަމެއް. ބައެއް ފަހަރު ހިތަށް އަރާ ހޭލެވޭއިރު މިއީ އަހަރެންނަށް ނުލިބޭ އިނާމަކަށް ވެދާނެއޭ،" މަރިއެންޖެލާ ބުންޏެވެ.

އޭނާއަށް ދޭ އިނާމު ހަވާލުކުރަން ހަމަޖައްސައިފައިވަނީ އަންނަ އޮކްޓޫބަރުގައި އަޔޯވާގައި ބާއްވާ ރަސްމިއްޔާތެއްގައެވެ. އަހަރަކު އެއް ފަހަރު ބާއްވާ މި ހަފުލާގައި ދަނޑުވެރިކަމާ ބެހޭ ދިރާސާކުރާ ދުނިޔޭގެ އެތައް ބަޔަކު ބައިވެރިވާނެއެވެ.

ބިމުގެ ދުޅަހެޔޮކަން ދެމެހެއްޓުމާއި ޖަންގަލިތައް ނައްތައި ނުލާ ފެހި ދަނޑުވެރިކަމެއް ކުރެވޭނެކަން ވެސް މަރިއެންޖެލާގެ ދިރާސާގެ ސަބަބުން ސާބިތުކޮށްދިނުމުން ވޯލްޑް ފުޑް ޕްރައިޒް ފައުންޑޭޝަނުން ވަނީ އެ ކަމަށް ތައުރީފުކޮށްފައެވެ.

"މަރިއެންޖެލާގެ މަސައްކަތުގެ ސަބަބުން ދެކުނު އެމެރިކާގެ ދަނޑުވެރިކަން ބަދަލުކޮށްލައިފި. އޭނާ މި ވަނީ އޭނާގެ އަމިއްލަ ގައުމުންނާއި މުޅި ދުނިޔެއިން ވެސް ބަލައިގެންފައި،" ވޯލްޑް ފުޑް ޕްރައިޒް އިނާމު ދޭ ކޮމިޓީގެ ޗެއާކަމަށްވާ ޖެބިސާ އެޖެޓާ ބުންޏެވެ.

ވޯލްޑް ފުޑް ޕްރައިޒަކީ އެމެރިކާގެ ދަނޑުވެރިޔާ ނޯމަން ބޯލޯގްއަށް 1970 ގައި ނޮބެލް ސުލްހައިގެ އިނާމު ލިބުމުން އޭނާ ގާއިމުކުރި 1987 ގައި ދޭން ފެށި އިނާމެކެވެ. އޭނާގެ މަސައްކަތުންވަނީ ދަނޑުގޮވާމުގެ އުފެއްދުންތެރިކަން އިތުރުވެ، ގިނަ ގައުމުތަކެއް ބަނޑަށްޖެހުމުން ސަލާމަތްވެފައެވެ. މިހާތަނަށް މި އިނާމު 55 މީހަކަށް ދީފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *