އެމެރިކާގެ ރައީސްގެ ބޭނުމަށް ރިޔާސީ މަތިންދާބޯޓެއްގެ ގޮތުގައި މަތީ ފެންވަރުގެ ލަގްޒަރީ ޖަމްބޯ ޖެޓެއް ގަތަރުގެ ޝާހީ އާއިލާއިން ހަދިޔާކުރުމާ ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށް އެބަދެއެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް މި ބޮއިން 747-8 އެއާލައިނާ ގަބޫލުކުރައްވައިފި ނަމަ މި މަތިންދާބޯޓުވެގެން އަންނާނީ އެމެރިކާގެ ސަރުކާރަކުން ބަލައިގަތް އެންމެ އަގުބޮޑު ހަދިޔާއަށެވެ. ސަބަބަކީ މި މަތިންދާބޯޓުގެ އަގަކީ 400 މިލިއަން ޑޮލަރު (ހަ ބިލިއަން ރުފިޔާ)ކަމަށްވާތީއެވެ.
އެމެރިކާގެ ރައީސް ބޭނުންކުރައްވާ، އުމުރުން 40 އަހަރުވީ ރަސްމީ މަތިންދާބޯޓަކީ "އެއާ ފޯސް ވަން"ގެ ނަމުން ނަން ދީފައިވާ މަތިންދާބޯޓެކެވެ. ޓްރަމްޕް ވިދާޅުވީ ގަތަރުން ދޭ މަތިންދާބޯޓު ބޭނުންކުރައްވާނީ ވަގުތީ ގޮތުންކަމަށެވެ.
ޓްރަމްޕަށް ފާޑުކިޔާ ފަރާތްތަކުންނާއި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ބުނީ ގަތަރުން ދޭ މަތިންދާބޯޓު ޓްރަމްޕް ގަބޫލުކުރެއްވުން ވާނީ ސުލޫކީ މިންގަނޑުތަކާ އަދި ދުސްތޫރީ އުސޫލުތަކާ ވެސް ހިލާފު ކަމެއްކަމަށެވެ.

ގަތަރުން ބުނީ މަތިންދާބޯޓު ދެނީ ހަދިޔާއެއްގެ ގޮތުގައި ނޫންކަމަށާއި މަތިންދާބޯޓު "ވަގުތީ ބޭނުމަށް ދޫކުރުމާ ބެހޭ މަޝްވަރާތައް ކުރިއަށްދާކަމަށެ"ވެ.
"މިއީ ގަތަރާއި އެމެރިކާގެ ދިފާއީ ވުޒާރާއާ ދެމެދު ހިޔާލު ބަދަލުކުރަމުން އަންނަ ކަމެއް. އެއްވެސް ނިންމުމެއް އަދި ނުނިންމާ،" ގަތަރު ސަރުކާރުގެ ތަރުޖަމާނު އަލީ އަލް-އަންސާރީ ބުންޏެވެ.
ނަމަވެސް އާދީއްތަ ދުވަހުގެ ރޭ ޓްރަމްޕް އޭނާގެ މީސް މީޑިއާ ސައިޓްކަމަށްވާ ޓްރުތް ސޯޝަލްގައި ވިދާޅުވި އެއްޗަކުން ދޭހަވީ މަތިންދާބޯޓު ހަދިޔާއެއްގެ ގޮތުގައި ބަލައިގަންނަވާކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލީނާ ލީވިޓް ބުނީ ބިދޭސީ ސަރުކާރުތަކުން ދޭ ހުރިހާ ހަދިޔާއެއް ވެސް ގަބޫލުކުރަނީ ކަމާ ގުޅޭ ހުރިހާ ގާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށެވެ.
"ރައީސް ޓްރަމްޕްގެ ސަރުކާރުން ކަންތައްތައްކުރާނީ މުޅިން ވެސް ދެ ފުށް ފެންނަ ގޮތަށް،" އޭނާ ބުންޏެވެ.
ގަތަރުން ހަދިޔާކުރުމާމެދު މަޝްވަރާކުރަމުން އަންނަ މަތިންދާބޯޓު ޓްރަމްޕް ވަނީ ފެބްރުއަރީ މަހު ބައްލަވައިލައްވައިފައެވެ. އެއީ އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގައި ހުންނަ އޭނާގެ މާރް-އަ-ލާގޯ ރިސޯޓު ކައިރީގައި އޮންނަ ޕާމް ބީޗް ބައިނަލްއަގުވާމީ އެއާޕޯޓުގައި ޕާކުކޮށްފައިވަނިކޮށެވެ. އެ ދުވަސްވަރު ވައިޓް ހައުސުން ބުނީ ޓްރަމްޕް މި މަތިންދާބޯޓު ބައްލަވައިލެއްވީ އެމެރިކާގެ ރައީސުން ދަތުރުކުރައްވާ އެއާ ފޯސް ވަން މަތިންދާބޯޓުތަކުގައި ހުންނަންވާނެ ސިފަތަކާއި އާލާތްތައް ރަނގަޅަށް ފަހުމްވެ ވަޑައިގަތުމަށްކަމަށެވެ.
އަލް-އަންސާރީ ބުނީ މަޝްވަރާކުރަމުން އަންނަ ރޭވުމުގެ ދަށުން ގަތަރުން މަތިންދާބޯޓު "ހައިރާތު"ކުރަނީ އެއާ ފޯސް ވަންގެ ގޮތުގައި ޓްރަމްޕްގެ ރިޔާސީ ދައުރުގައި ބޭނުންކުރެއްވުމަށްކަމަށެވެ. އެއަށް ފަހު ޓްރަމްޕް ރައީސްކަމުން ފައިބައިވަޑައިގަތުމުން މަތިންދާބޯޓު ދޭނީ އެމެރިކާގައި ގާއިމުކުރާ ރިޔާސީ ކުތުބުހާނާ އަދި ދާރުލްއާސާރަށްކަމަށް އެމެރިކާގެ ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މި ހަފުތާގައި ގަލްފަށްކުރައްވާ ދަތުރެއްގައި ޓްރަމްޕް ގަތަރަށް ޒިޔާރަތްކުރައްވަން ހަމަޖައްސަވައިފައިވެއެވެ. ގަތަރުގައި ހުންނަވާއިރު މަތިންދާބޯޓު ހަދިޔާއެއް ނުކުރާނެއެވެ. އަދި ޓްރަމްޕްގެ ގަތަރު ދަތުރުގައި މަތިންދާބޯޓު ބަލައިގަންނަވަން ވެސް ހަމަޖައްސަވައިފައެއް ނުވެއެވެ.



advertisment