އެމެރިކާ މެދުވެރިވެގެން އިންޑިއާ އާއި ޕާކިސްތާންގެ ދެމެދުގައި އިއްޔެ ގާއިމުކުރި ސުލްހައިގެ އެއްބަސްވުމާ ހިލާފުވެއްޖެކަމަށް އެއް ގައުމުން އަނެއް ގައުމަށް ތުހުމަތުކޮށްފިއެވެ.
"ސްރީނަގަރު އަދި ޖައްމޫއަށް ޕާކިސްތާނުން ހަމަލާދީފި،" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސުލްހަ ގާއިމުކުރެއްވިކަން އިއުލާންކުރެއްވިތާ މަޑު ގަޑިއިރެއްގެ ތެރޭގައި އިންޑިއާއިން ބުންޏެވެ.
މި އެއްބަސްވުން ގާއިމުކުރެވުނީ ދެ ގައުމުގެ ދެމެދުގައި ހިނގި ހަމަލާ ބަދަލުކުރުމުގައި ޖުމްލަ ގޮތެއްގައި ދެ ގައުމުން އާއްމުންގެ 60 މީހުން މަރުވި ފަހުންނެވެ.
މިދިޔަ މަހު ކަޝްމީރުގެ އިންޑިއާ ފަޅީގައި 26 ޓޫރިސްޓުން މަރައިލުމާ ޕާކިސްތާނާ ގުޅުން ހުރިކަމަށް ބުނެ އިންޑިއާއިން ފެށި އަސްކަރީ ހަމަލާތައް އަމާޒުކުރީ ޕާކިސްތާނުގައި ހުރި ހަތިޔާރުއެޅި ހަނގުރާމަވެރިންގެ މަރުކަޒުތަކަށްކަމަށް އިންޑިއާއިން ބުންޏެވެ. ބަދަލުގައި ޕާކިސްތާނުން ވަނީ އިންޑިއާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައިކަމަށް އިންޑިއާއިން ތުހުމަތުކުރިއެވެ.
ޕާކިސްތާނުން ބުނީ އިސްވެ ހަމަލާ ނުދޭކަމަށާއި ސުލްހައިގެ އެއްބަސްވުމާ ހިލާފުވީ އިންޑިއާއިންކަމަށެވެ. މިހެންވެ، އެއް ރެއަށް ދެމިގެންދިޔަ ވާހަކަތަކަށް ފަހު ޓްރަމްޕް ގެންނެވި ސުލްހަވަނީ ނުރައްކަލަށް ހުށަހެޅިފައިކަމަށް ސިޔާސީ ތަޖުރިބާކާރުން ބުންޏެވެ.
އެމެރިކާ އާއި ތުރުކީ ފަދަ ގައުމުތަކުން ވަނީ، ދެކުނު އޭޝިއާގައި ނިއުކްލިއާ ހަތިޔާރު ހުރި ދެ އަވަށްޓެރިންގެ ދެމެދުގައި ސުލްހަ ގާއިމުކުރުމުން އެ ކަމަށް މަރުހަބާ ކިޔައިފައެވެ.
ޓްރަމްޕް ގެންނެވި ސުލްހައިގެ ކަންތައްތައް ކުރިއަށްގެންދާނޭ ގޮތަކާމެދު މަޝްވަރާކުރުމަށް އިންޑިއާ އާއި ޕާކިސްތާންގެ އަސްކަރީ އޮފިޝަލުން މާދަމާ ބައްދަލުކުރަން ހަމަޖައްސައިފައިވެއެވެ.



advertisment