Support Us

ކޮލަމް ދޭހަ

މި ނޫން ގޮތެއް ނުއޮންނާނެތޯ؟

ލިބޭ އާމްދަނީން މިހާރު ޓެކްސް ދައްކަން ފަށައިފިއެވެ. މީގެ ކުރިން ވެސް އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ލިބުނު އާމްދަނީން ޓެކްސް ދައްކަމުން ގެންދިޔައެވެ. ތަފާތު ނަންނަމުގައެވެ. އެހެންނަމަވެސް އެ މީހުންނަށް ވަނީ އެކައްޗަކަށެވެ. އެ މީހުންނަށް ލިބުނު އާމްދަނީން ޓެކްސް ދެއްކުމެވެ. މިހާރު މިއޮތީ ލިބޭ އާމްދަނީން ޓެކްސް ނެގުން މުސާރަވެރިންނާއި ހަމައަށް އައިސްފައެވެ. ވަކި އަދަދަކަށް ވުރެ ގިނައިން މުސާރަ ލިބޭ މީހުން، އެ ލިބޭ މުސާރައެއްގެ އިންސައްތައެއް ޓެކްސްގެ ގޮތުގައި ދައްކާ ގޮތަށެވެ. ޓެކްސްގެ ގޮތުގައި ލިބޭ ފައިސާ އިން ސަރުކާރުން ރައްޔިތުންނަށް ދޭ ޚިދްމަތްތަކަށް ބަލާލާއިރު، ލިބޭ އާމްދަނީން ސަރުކާރަށް ޓެކްސް ދައްކާ މީހުން، ސަރުކާރަށް، މަހަކު ދައްކަން ޖެހެނީ ނިސްބަތުން ކުޑަ އަދަދެކެވެ. އެހެން ނަމަވެސް ބައެއް މުސާރަވެރިން ބުނާ ގޮތުގައި މުސާރަ ހިސާބު ކުރުމުގައި މައްސަލަ ތަކެއް އެބަހުއްޓެވެ. މުސާރަކަމަށް ބެލެނީ ހަމައެކަނި ކޮންމެ މަހަކު މުސާރަވެރިންނަށް އެ ނަމުގައި ދޭ ފައިސާ އެކަންޏެއް ނޫނެވެ. އެ މީހަކު މަސައްކަތްކުރާ ތަނަކުން ދޭ އެހެނިހެން ޢިނާޔަތްތައްވެސް މުސާރައިގެ ތެރޭގައި ހިމެނެއެވެ. މިސާލަކަށް ދަންނަވާ ނަމަ ތަފާތު އެލަވަންސްތަކެވެ. ގެދޮރު އެލަވަންސް، ކާރު އެލަވަންސް ފަދަ އެއްޗެއްސެވެ. ހިސާބު ކުރުމުގައި މައްސަލަ ނުކުންނަ ކަމަށް ބައެއް މުސާރަވެރިން ބުނަނީ އެ މީހަކު ވަޒީފާގައި ދެމިހުންނައިރު ބޭނުން ކުރުމަށް ދީފައި އޮންނަ، އެ މީހުންގެ އަތުގައި މިލްކުވެރިކަމުގެ ލިއުމެއް ނުއޮންނަ އޮފީހުގެ ފުޅަނދާ ހިސާބުންނެވެ. މިސާލަކަށް ދަންނަވާނަމަ ކުންފުންޏެއްގެ މެެނޭޖިންގ ޑައިރެކްޓަރު، އޭނާ އެ މަޤާމުގައި ހުންނައިރު ދުއްވާ ކާރު އޭނާ އަށް ލިބޭ އިނާޔަތެއްގެ ގޮތުގައި ބެލެވެއެވެ. އަދި އޭނާގެ ކާރު ދުއްވާ ޑުރައިވަރުގެ މުސާރަ ވެސް ކުންފުނިން ދޭ ކަމުގައި ވަނީ ނަމަ އޭނާ އަށް ލިބޭ ޢިނާޔަތްތަކުގެ ތެރޭގައި ހިމެނެ އެވެ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ އޭނާ އަށް ލިބޭ މުސާރައިގެ އަދަދު ކަނޑައަޅާއިރު މި ބައިތައް ވެސް ޝާމިލުވެއެވެ. އެއީ އެހެން ޤައުމުތަކުގައި ވެސް އެ ހިސާބުކުރާ ގޮތް ކަމުގައި ވެއެވެ.

މި ނިންމުމުގައި މައްސަލަ ނުކުންނަނީ ކާރު ގަންނަ ހިިސާބުންނެވެ. ކާރު ގަންނަނީ ކުންފުނީގެ ފައިސާގައެވެ. ކުންފުނިންނެވެ. ކާރު ރަޖިސްޓުރީ ކޮށްފައި އޮންނަނީ ކުންފުނީގެ ނަމުގައެވެ. އަހަރީ ފީ ދައްކަނީ ކުންފުނިންނެވެ. ކުންފުނިން ކާރު ގަންފައި އޮތީ ކާރުގެ އަސްލު އަގަށްވުރެ އެތައް ގުނައެއް ބޮޑުކޮށް ކަމުގައި ވެސް ވެދާނެ އެވެ. ރާއްޖޭގައި މިކަހަލަ ކަންތައް ހިނގާ ގޮތް ކަމަށް އެއްބަސްވެ ވާހަކަ ދައްކާ މީހުންގެ ޢާއްމުކުރެވިފައިވާ ފޯނުކޯލް ތަކަށް ބަލާއިރު، މި ގޮތަށް ވެދާނެ އެވެ. ކުންފުނީގެ ކާރު ބޭނުންކުރުން، ޢިނާޔަތެއްގެ ގޮތުގައި ލިބޭ މުއައްޒަފު ކުންފުނީގެ ވަޒީފާ އިން ވަކިކުރެވޭ ދުވަހު އޭނާ ދާންޖެހޭނީ ކުންފުންޏަށް ކާރު ދޫކޮށްފައެވެ. ކާރު ދީފައި އޮތީ އޭނާގެ މަޤާމަށެވެ. މިހެން ކަން އޮތް އިރު އެ ކާރު އޭނާ ބޭނުން ކުރާތީވެ އެ ކާރު ގަތް އަގު، އޭނާ އަށް ލިބުނު ޢިނާޔަތެއްގެ ގޮތުގައި، އޭނާ އަށް ލިބޭ މުސާރައިގެ ތެރޭގައި ހިސާބުކުރުން ރަނގަޅުވާނެ ބާވައެވެ؟ އޭނާ ކާރު ބޭނުންކުރާތީވެ އެއީ އޭނާ އަށް ލިބޭ ޢިނާޔަތެއް ގޮތުގައި ބެލެވިދާނެ އެވެ. އެހެންނަމަވެސް އެބައި އޭނާގެ މުސާރައިގެ ތެރޭގައި ޝާމިލުކުރަން ހިސާބުކުރާނީ ކިހިނެއްތޯއެވެ؟ އަޅުގަނޑުމެން ކަންކަން ކުރުމުގައި ހުރިހާ ގޮތަކުން ވެސް އިންޞާފްވެރިވާންވާނެ އެވެ. ތަންފީޒީ އިދާރާ ތަކުން މިކަހަލަ މައްސަލަތައް މަޖިލީހަށް ގެންގޮސްގެން ނަމަވެސް ހައްލެއް ހޯދަންޖެހެއެވެ. ކުރިން ދެންނެވުނު ގޮތަކީ ލިބޭ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގައި މުސާރަ، އެ ފަރާތަށް މާނަކުރެވޭ ގޮތްކަމުގައި ވާނަމައެވެ. ތަންފީޒީ އިދާރާތަކުގެ ޢިޚްލާޞްތެރިކަން އޮންނަންވާނީ ރައްޔިތުންނަށެެވެ. އެ ތަންތާނގައި މަސައްކަތްކުރާ މީހުންނަށް ވަޒީފާ ދިނީ ސަރުކާރުންނެވެ. ރައްޔިތުންނަށް ޚިދުމަތް ކުރުމަށެވެ. އެ މީހުންނަށް މުސާރަ އާއި ޢިނާޔަތްތައް ދެނީ ރައްޔިތުން ޓެކްސްގެ ގޮތުގައި ސަރުކާރަށް ދައްކާ ފައިސާއިންނެވެ.

މި ކަމުގައި މި ނޫން ގޮތެއް ނުއޮންނާނެތޯއެވެ؟

ބޭންކުގެ ވިޔަފާރި އަކީ ވެސް އެހެން ވިޔަފާރި އެކޭ އެއްގޮތަށް ނަފާ ހޯދުމަށްކުރާ ވިޔަފާރިއެއް ކަން އެންމެންނަށް ވެސް އެނގެއެވެ. ބޭރު ޤައުމުތަކުގެ ވަރަށް ގިނަ ބޭންކުތަކުން ދަނޑިވަޅު ބަލާފައި ނާޖާއިޒް ފައިދާ ނަގާކަން ވެސް ވަނީ އެތައް ފަހަރަކު ފަޅާއަރާފައެވެ. މިފަދަ ކަން ކަން އެގުމުން ބޭންކްތަކާއި ބެހޭ ޤާނޫނާއި ޤަވައިދު ތަންފީޒް ކުރާ ފަރާތްތަކުން އެފަދަ ބޭންކްތަކާ މެދު ހަރުކަށި ފިޔަވަޅު ވެސް އަޅާފައިވެއެވެ.

"ވިސާ ޑައިރެކްޓް" އާއި "މާސްޓަރ ކާޑް ސެންޑް" ފަދަ ބޭރުގެ ޑިޖިޓަލް ވޮލަޓްތަކުން ފޮނުވާ ފައިސާ ޑޮލަރު އެކައުންޓަށް ޖަމާކޮށްދިނުން އަޅުގަނޑުމެންގެ ޤައުމީ ބޭންކުން މިހާރު ވަނީ ހުއްޓާލާފަ އެވެ. މި ޚިދްމަތަކީ އޮންލައިންކޮށް ވިޔަފާރިކުރާ ފަރުދުން ބޭރުގެ ޑިޖިޓަލް ވޮލަޓްތަކުން ޑޮލަރު އެކައުންޓް ތަކަށް ފައިސާ ޖަމާކުރުމަށާއި ނެގުމަށް ބޭނުން ކުރާ ވަސީލަތެކެވެ. ޢާއްމުގޮތެއްގައި މި ވިޔަފާރި އެހާ ފުޅާކޮށް ރާއްޖޭގައި އަދި ކުރެވޭ ކަމުގައި ނުވެއެވެ. އެހެންނަމަވެސް ދިވެހިން ދަނީ މަޑުމަޑުން މި ވިޔަފާރީގެ ތެރެއަށް ވަންނަމުންނެވެ. މި ވަސީލަތުގެ ބޭނުންކުރުމުގައި މިފަހަރުވެސް އެންމެ އުނދަގޫ އުފުލަން ޖެހޭނީ ކުދިކުދި ވިޔަފާރިވެރިން ނެވެ.  މިސާލަކަށް ދަންނަވާ ނަމަ، އަތްތެރި މަސައްކަތުގެ އުފެއްދުމެއް ކަހަލަ ދިވެހި އުފެއްދުމެއް، ނުވަތަ ކުރެހުމެއް ބޭރުގެ ފަރާތަކަށް ވިއްކާ ފަރާތްތަކަށެވެ. އެހެންނަމަވެސް ގެއްލުން ބޮޑުވާނީ ފައިސާގެ މާރުކޭޓްގައި އިންވެސްޓްކޮށްގެން ފައިދާ ހޯދާ ފަރާތްތަކަށެވެ. ރާއްޖޭގެ ބޭންކްތަކުން މި ޚިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިދީފައި ނުއޮންނާތީ ވެ މަސައްކަތްތެރިއެއްގެ އަމިއްލަ އުފެއްދުމެއް، ރާއްޖޭގައި ހުރެގެން އެ އުފެއްދުމެއް ބޭނުންވެގެން އުޅޭ ރާއްޖެއިން ބޭރުގައި ހުރި މީހަކަށް ވިއްކާ ލެވެން އޮތް ހަމައެކަނި ގޮތަކީ ބޭރުގެ ޑިޖިޓަލް ވޮލެޓެއްގެ ބޭނުންކޮށްގެންނެވެ. މިހާރު ބޭންކުން ހަމަޖައްސައިފައި އޮތްގޮތުން އަދިވެސް ޑޮލަރުން ފައިސާ ޖަމާކުރެވޭނެއެވެ. އެހެންނަމަވެސް އެ ފައިސާ ނެގޭނެ ކަމުގައި ވަނީ ރުފިޔާ އެކައުންޓުންނެވެ. އޭގެ މާނަ އަކީ ޑޮލަރު ބޭންކުގެ އެތެރެއިން މާރު ކުރެވިގެންނެވެ. ބޭންކުން ޑޮލަރު ގަންނަ ރޭޓަކީ ޢާއްމުކޮށް ޑޮލަރު ގަންނަން އޮންނަ ރޭޓަށް ވުރެ ވެސް ދަށް ރޭޓެކެވެ.

ބޭންކުގެ މި ނިންމުމަކީ، މި ދުވަސްވަރު ކުރިމަތިވެފައި އޮތް ޑޮލަރު ހޯދުމުގެ ތަދުކަމާއި ގުޅިފައި އޮތް ނިންމުމެއް ކަމަށް ބަލައިގެން ނުވާނެއެވެ. އަދި މި މަގުން ބޭންކަށް ވަންނާނެ ޑޮލަރަކީ ވެސް ޑޮލަރު ވިޔަފާރި އަށް އަސަރު ކުރާނެ ވަރުގެ އަދަދަކަށް ނުވާނެއެވެ. ބޭންކަށް މި މަގުން ވަންނަ ޑޮލަރު، ލިބޭ މީހާގެ އިޒްނައަކާ ނުލައި ބޭންކުން ދިވެހި ރުފިޔާ އަށް މާރުކުރުމަށް ފަހު ދިވެހި ރުފިޔާގެ އެކައުންޓަށް ޖަމާކުރުމަކީ މައްސަލައެއް ކަމުގައި ނުވެދާނެއެވެ. ސުވާލަކީ ބޭންކުން މިގޮތަށް ކަންތައް ކުރުމަށް ޤާނޫނު ހުއްދަ ކުރޭ ބާވައެެވެ. ރާއްޖޭގެ މާލީ އިދާރާ ތަކަކީ ޤާނޫނުގައި ވަރަށް ހިފަހައްޓާ ތަންތަނެކެވެ. ޚާއްޞަކޮށް ފައިސާ ދޮވުމާއި، ގޮތް ނޭނގޭ، ޝައްކު އުފެދޭ ފައިސާގެ މުއާމަލާތްތައް ކުރުން ހުއްޓުވުމުގަ އެވެ. ކިތަންމެ މަތިން އޯޑަރު އައިކަމުގައި ވިޔަސް އެ ތަންތަނުން ޤާނޫނާއި ޚިލާފަށް ބޭންކީ މުއާމަލާތެއް ނުކުރާނެ އެވެ.

މި ކަމުގައި މި ނޫން ގޮތެއް ނުއޮންނާނެތޯއެވެ؟

ކުރީގެ ސަރުކާރުން ރާއްޖެ އިން ބޭރަށް ބިދޭސީން ފޮނުވާ ބޭރު ފައިސާ ފޮނުވުން ކަންޓްރޯލް ކުރުމުގެ ނިޔަތުގައި ނުވަތަ ޤަވައިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ހޯދާ ފައިސާ އެ މީހުންގެ ޤައުމަށް ފޮނުވުމުގެ ދޮރު ބަންދު ކުރުމުގެ ނިޔަތުގައި، ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ބިދޭސީންގެ ނަމުގައި ބޭންކުގައި އެކައުންޓެއް ހުޅުވަން މަޖުބޫރުކުރުވި އެވެ. އަދި އެ މީހުންގެ މުސާރަ އަށް ދޭ ފައިސާ އެ މީހުންގެ ނަމުގައި ހުޅުވާފައި އޮންނަ އެކައުންޓަށް ޖަމަޢަކުރަން ލާޒިމް ކުރުވި އެވެ. އެ ޤާނޫނާއި އެކީގައި ބިދޭސީން ރާއްޖެ އިން ބޭރަށް ފޮނުވާ ބޭރު ފައިސާ އިން ޓެކްސް ނެގުމުގެ ޤާނޫނެއް ވެސް ތަޢާރަފް ކުރެވުނެވެ. ބައެއް މީހުންނަށް ހީވެފައި އޮތީ ބިދޭސީ މަސައްކަތްތެރިންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން މަޖްބޫރު ވީ އެހެން ޤައުމަކަށް ފޮނުވާ ބޭރު ފައިސާ އިން ޓެކްސް ނެގުމުގެ ބޭނުމުގައި ކަމުގަ އެވެ. އެހެންނަމަވެސް ގިނަ ބިދޭސީ މަސައްކަތު މީހުން ބޭރު ޤައުމުތަކަށް ފައިސާ ފޮނުވަނީ އެ މަސައްކަތް ކުރާ ޚާއްޞަ އޭޖެންސީތައް މެދުވެރިކޮށެވެ. އަޅުގަނޑުމެންގެ ޤައުމީ ބޭންކުން މަސައްކަތްތެރިންނަށް ހުޅުވައި ދިނީ ކަރަންޓު އެކައުންޓެކެވެ. އެ މީހުން ޖަމާކުރާ ފައިސާ އިން ކޮންމެ މަހަކު ފަސް ޑޮލަރު ކެނޑޭ ގޮތަށެވެ. ފަސް ޑޮލަރަކީ ފަޤީރު މަސައްކަތު މީހަކަށް ކުޑަ އަދަދެއް ނޫނެވެ. ބައެއް ބޭންކުތަކުން ބުނި ގޮތުގައި މަސައްކަތު މީހުންނަށް އެ ބޭނުމަށް ހުޅުވައިދިން އެފަދަ އެކައުންޓް ތަކުން މަހު ފީ ނުނަގަ އެވެ.

މި ކަމުގައި މި ނޫން ގޮތެއް ނުއޮންނާނެތޯއެވެ؟