Support Us

ޕާކިސްތާނުން އިންޑިއާއަށް މިސައިލެއް ފޮނުވައިލަނީ

އިންޑިއާ- ޕާކިސްތާން އަސްކަރީ ކުރިމަތިލުންތަކުގައި އާއްމުންގެ 60 މަރު

މިދިޔަ މަހު 22 ގައި ކަޝްމީރުގެ އިންޑިއާ ފަޅީގައި އޮންނަ ޕަހަލްގަމްގައި 26 ޓޫރިސްޓުން މަރައިލުމާ ގުޅިގެން އިންޑިއާއިން ޕާކިސްތާނުގެ ބޮލުގައި ޒިންމާ އަޅުވައި، ޕާކިސްތާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ޕާކިސްތާނުން ވެސް ރައްދު ދީ، އެއް ގައުމުން އަނެއް ގައުމާ ދެމެެދުގައި މިހާރު ކުރިއަށްދާ ހަމަލާތަކުގައި މިއަދުގެ މިހާތަނަށް އާއްމުންގެ 60 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

ޓޫރިސްޓުންނަށް ހަމަލާދިނީ ޕާކިސްތާނާ ގުޅިފައިވާ ހަތިޔާރު އެޅި ޖަމާއަތަކުންކަމަށް ބުނެ އިންޑިއާއިން ފެށި "އޮޕަރޭޝަން ސިންދޫރު"އަށް ބަދަލުހިފުމުގެ ގޮތުން ޕާކިސްތާނުން "ބުންޔާން މާރްސޫސް" އޮޕަރޭޝަންގެ ނަމުގައި އިންޑިއާއަށް ހަމަލާ ދޭން ފަށައިފައިވާއިރު، ދެ ގައުމުގެ ދެމެދުގައި މިހާރު ކުރިއަށްދާ ހަމަލާތަކުގައި ދެ ގައުމުގެ އިންފްރާސްޓްރަކްޗަރުތައް ވެސް ދަނީ ހަލާކުވަމުންނެވެ.

ޕާކިސްތާނުން ބުނީ އިންޑިއާއިން ދިން މިސައިލް ހަމަލާތަކުގައި މަދުވެގެން 31 އާއްމުން މަރުވިއިރު އޭގެ ތެރޭގައި ކުޑަކުދިން ހިމެނޭކަމަށެވެ. މީގެ އިތުރުން 46 އަށްވުރެ ގިނަ މީހުން ޒަހަމްވިކަމަށް ޕާކިސްތާނުން ބުންޏެވެ.

އިންޑިއާއިން ދިން ހަމަލާއެއްގައި އަހްމަދުޕޫރު ޝަރްގިޔާގައި ހުރި މިސްކިތެއް ހަލާކުވެ، ފަސް މީހުން މަރުވިއިރު އޭގެ ތެރޭގައި ތިން އަހަރުގެ އަންހެން ކުއްޖަކު ހިމެނޭކަމަށް ވެސް ޕާކިސްތާނުން ބުންޏެވެ.

"މީގެ އިތުރުން މުރިދްކޭ، ސިޔާލްކޫތު އަދި މުޒައްފަރުއާބާދުގެ ދީނީ އަދި ތައުލީމީ މުއައްސަސާތަކަށް ގެއްލުން ލިބިފައިވޭ،" ޕާކިސްތާންގެ އޮފިޝަލަކު ބުންޏެވެ.

އިންޑިއާއިން ބުނީ ޕާކިސްތާނުން ޖައްމޫ އަދި ކަޝްމީރުގެ ޕޫންޗް އަވަށަށް ދިން އާޓިލަރީ ޝެލިން ހަމަލާއެއްގައި އާއްމުންގެ 15 މީހުން މަރުވިއިރު އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނޭކަމަށެވެ. އަދި 43 މީހުން ޒަހަމްވިކަމަށް އިންޑިއާއިން ބުންޏެވެ.

"ޝެލިންގެ ސަބަބުން ސިކުންގެ ފައްޅިއަކާއި ސްކޫލަކާއި އަދި ބައިވަރު ގެދޮރު ހަލާކުވި،" އިންޑިއާގެ އޮފިޝަލަކު ބުންޏެވެ.

އިންޑިއާ އާއި ޕާކިސްތާންގެ ދެމެދުގައި މިހާރު ބަދަލުކުރަމުންދާ ހަމަލާތަކަކީ އިނގިރޭސީންގެ އަތްދަށުން 1947 ގައި މިނިވަންކަން ލިބުމަށް ފަހު ވޭތުވެދިޔަ ދަހަރުތަކުގައި ދެ ގައުމުގެ ދެމެދުގައި ބަދަލުކުރަމުންދާ އެންމެ ހޫނު ހަމަލާތަކަށް މިހާރު ވަނީ ވެފައެވެ.

މިސައިލް އާއި ޑްރޯން ބޭނުންކޮށްގެން، ނިއުކްލިއާ ހަތިޔާރު ވެސް ހުރި ދެކުނު އޭޝިއާގެ ދެ އަވަށްޓެރިން އަދިވެސް ހަމަލާތައް ބަދަލުކުރަމުންދާއިރު ސުލްހަ އިސްކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ގޮވައިލައި ގޮވައިލުން ވެސް އަންނަނީ ވަރުގަދަވަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *