މިދިޔަ މަހު 22 ގައި ކަޝްމީރުގެ އިންޑިއާ ފަޅީގައި 26 ޓޫރިސްޓުން މަރައިލި ހާދިސާގެ ޒިންމާ ޕާކިސްތާންގެ ބޮލުގައި އަޅުވައިގެން އިންޑިއާއިން ފަށައިފައިވާ އަސްކަރީ ކުރިމަތިލުންތަކުގައި ދެ ގައުމުން ހަމަލާ ބަދަލުކުރުން އިތުރަށް ހޫނުވެއްޖެއެވެ.
އިންޑިއާއިން ދިން މިސައިލް ހަމަލާތަކުގައި މިއަދާ ހަމައަށް 32 އާއްމުން މަރުވެ، 57 މީހުން ޒަހަމްވެފައިވާކަމަށް ޕާކިސްތާނުން ބުންޏެވެ.
ބަދަލުގައި ޕާކިސްތާނުން އިންޑިއާއަށް ދިން ހަމަލާތަކުގައި މިއަދާ ހަމައަށް 17 އާއްމުން މަރުވެ، 60 މީހުން ޒަހަމްވެފައިވާކަމަށް އިންޑިއާއިން ބުންޏެވެ.
ދެ ގައުމުން މަރުވި ސިފައިންގެ އަދަދާމެދު ދެ ގައުމުން ދައްކާ ވާހަކަ ދިމައެއް ނުވެއެވެ. އިންޑިއާއިން ބުނީ އިންޑިއާގެ ސިފައިންގެ އެކަކު މަރުވެ ސިފައިންގެ ދެ މީހަކު ޒަހަމްވިކަމަށެވެ. ޕާކިސްތާނުން ބުނީ އިންޑިއާގެ އެތައް ސިފައިން މަރުވިކަމަށެވެ. ޕާކިސްތާނުން ބުނީ ޕާކިސްތާންގެ ސިފައިންގެ ހަތަރު މީހުން އިންޑިއާގެ ޑްރޯންތަކުން ޒަހަމްކޮށްލިކަމަށެވެ.
"އޮޕަރޭޝަން ސިންދޫރު"ގެ ނަމުގައި އިންޑިއާއިން ފެށި އަސްކަރީ އޮޕަރޭޝަންގައި ހަތިޔާރު އެޅި 70 އެއްހާ ހަނގުރާމަވެރިން މަރުވިކަމަށް އިންޑިއާއިން ބުންޏެވެ.
ޕާކިސްތާނުން ބުނީ އިންޑިއާގެ 29 ޑްރޯން ވައްޓައިލިކަމަށާއި ފައިޓަރު ޖެޓުތަކަށް ހަމަލާދިންކަމަށެވެ.
ކަޝްމީރުގެ ދެ ފަޅިން އިންޑިއާ އާއި ޕާކިސްތާން ކޮންޓްރޯލްކުރާ ބޯޑަރުގައި އަދިވެސް ޝެލް ބޭނުންކޮށްގެން ހަމަލާތައް ގެންދަނީ ކުރިއަށެވެ. މި ކަމުގެ އެންމެ ބޮޑު ނޭދެވޭ އަސަރުކުރަމުންދަނީ އާއްމުންނަށެވެ. އެ ގޮތުން ކަރަންޓު ކެނޑުމާއި އެއާޕޯޓުތައް ބަންދުކުރުމުގެ އިތުރުން އާއްމުން ދަނީ އަސާސީ މުދާ ރައްކާކުރަމުންނެވެ.
އދ. އާއި ދުނިޔޭގެ ނުފޫޒު ގަދަ ގައުމުތަކުން އަންނަނީ ދެ ގައުމުން ސުލްހަ އިސްކުރުމަށް ގޮވައިލަމުންނެވެ.
"އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ސުލްހަ ގާއިމުކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރުމަށް އަހަރެމެން ތައްޔާރު،" ޕާކިސްތާންގެ އަވަށްޓެރި އީރާނުން ބުންޏެވެ.



advertisment