Support Us

އެންމެ މުސްކުޅި މީހާގެ މުސްކުޅިކަމުގެ ސިއްރުތައް

ދުނިޔޭގައި މި ވަގުތު ދިރިހުރި އެންމެ މުސްކުޅި މީހާކަމުގެ ރެކޯޑު މި ދިޔަ ހަފުތާގެ ބުދަ ދުވަހު ލިބުނު އިނގިރޭސި ވިލާތުގެ އަންހެންމީހާ އެތަލް ކޭޓަހަމް އޭނާގެ އުމުރު 115 އަހަރަށް ދެމިގެން ދިޔަ ގޮތުގެ ސިއްރުތައް ކިޔައިދީފިއެވެ.

"އަހަރެން ދުވަހަކު ވެސް މީހަކާ ޒުވާބެއް ނުކުރަން. އެހެން މީހުން ދައްކާ ވާހަކަ އަހަރެން އަޑު އަހަން. އަދި އަހަރެން ކުރަނީ އަހަރެން ބޭނުންވާ ކަންތައްތައް،" އެތަލް ބުންޏެވެ.

އެތަލްއަށް ދުނިޔޭގެ ރެކޯޑު ލިބުނީ ބްރެޒިލްގެ މުދައްރިސް އަދި ނަސޯރާ އަންހެން ފާދިރީއެއްކަމަށްވާ އުމުރުން 116 ގެ އިނާހް ކަނަބާހޯ މަރުވުމުން ކަމަށް، މުސްކުޅިކަމާ ބެހޭ ދިރާސާތައްކުރާ ޖެރޮންޓޮލޮޖީ ރިސާޗް ގްރޫޕު (ޖީ.އާރް.ޖީ)އިން ބުންޏެވެ.

އެތަލް މިހާރު ދިރިއުޅެނީ މުސްކުޅިންނަށް ފަރުވާކުރާ، އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަންގެ ހުޅަނގު ދެކުނުން އޮންނަ ސަރީގައި ހުންނަ ކެމްބަލީގެ ހޯލްމާކް ލޭކްވިއު ލަގްޒަރީ ކެއާ ހޯމްގައެވެ.

ދުނިޔޭގެ ރެކޯޑު ލިބުމާއެކު އެ ތަނުންވަނީ މި ދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެތަލް ކޭކެއް ފަޅާ މަންޒަރުގެ ފޮޓޯތަކެއް ފޭސްބުކްގައި ހިއްސާކޮށްފައެވެ. ފޮޓޯތަކުން ފެންނަނީ އެތަލް "115″ ޖަހައިފައިވާ ތާޖެއް އަޅައިގެން ވެސް އިންނަ މަންޒަރެވެ.

"މިއީ ރަނގަޅު ހަޔާތެއް ވޭތުކުރެވުނުކަމުގެ ހަގީގީ ހެއްކެއް،" ފަރުވާ ދޭ މަރުކަޒުން ފޭސްބުކްގައި ބުނެފައިވެއެވެ.

އެ ތަނުން ބުނީ އެތަލްގެ "ވަރުގަދަކަމާއި ރޫހާއި ވިސްނުންތެރިކަމުން އަހަރެމެން އެންމެންނަށް ހިތްވަރު ލިބޭ" ކަމަށާއި "މިއަދު މި ފާހަގަކުރަނީ އެތަލްގެ އާދަޔާ ހިލާފު ދަތުރު" ކަމަށެވެ.

ދުނިޔޭގެ ރެކޯޑުތައް ބަލަހައްޓާ ގިނެސް ވޯލްޑް ރެކޯޑްސްއިން ބުނާ ގޮތުގައި މިހާތަނަށް އެންމެ މުސްކުޅިކަމަށް ރެކޯޑުކުރެވިފައިވަނީ ފްރާންސްގެ އަންހެނެކެވެ. އެއީ ޖީން ކެލްމޮންޓެވެ. އޭނާ މަރުވީ އުމުރުން 122 އަހަރުގައެވެ.

އެތަލް އުފަންވީ 1909 ގެ އޯގަސްޓް 21 ގައި އިނގިރޭސި ވިލާތުގެ އިންގްލެންޑްގެ ދެކުނުގައި އޮންނަ ޝިޕްޓަން ބެލިންޖާ ވިލެޖަށެވެ. އެއީ ފުރަތަމަ ބޮޑު ހަނގުރާމަ ފެށުމުގެ ފަސް އަހަރު ކުރިންނެވެ.

އޭނާގެ އަށް ބެއިން ތިބެއެވެ. އޭނާއަކީ އޭނާގެ މައިންބަފައިންނަށް ލިބުނު ދެވަނަ ދަރިފުޅެވެ.

އެތަލްއަކީ ދަތުރުކުރާހިތްވާ މީހެކެވެ. އުމުރުން 18 އަހަރުގައި 1927 ގައި އޭނާ އިންޑިއާއަށް ޒިޔާރަތްކުރިއެވެ. އެ ތަނުގައި އިނގިރޭސި އާއިލާއެއްގެ ދަރިން ބަލަހައްޓާ ނެނީއެއްގެ ގޮތުގައި މަސައްކަތްކުރިއެވެ. އެނބުރި އިންގްލެންޑަށް އައީ ތިން އަހަރު ފަހުންކަމަށް ޖީ.އާރް.ޖީން ބުންޏެވެ.

އެތަލްއަށް އޭނާގެ ފިރިމީހާ ނޯމަންއާ ދިމާވީ 1931 ގައި އޮތް ރޭގަނޑުގެ ޕާޓީއަކުންނެވެ. އެއިރު ނޯމަންއަކީ އިނގިރޭސި އަސްކަރިއްޔާގައި މޭޖާގެ މަގާމުގައި ހުރި މީހެކެވެ. ނޯމަން ބަހައްޓައިފައި ހުރީ ހޮންގް ކޮންގާއި ޖިބްރޮލްޓާގައެވެ.

ދެމަފިރިންނަށް ދެ އަންހެން ދަރިން ލިބުނެވެ. އެ ކުދިން ބޮޑުކުރީ އިނގިރޭސި ވިލާތުގައެވެ. ނޯމަން މަރުވީ 1976 ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *