Support Us

ކަޝްމީރުގެ އިންޑިއާއިން ކޮންޓްރޯލްކުރާ ފަޅީގައި އިންޑިއާ ސިފައިންގެ މީހަކު އިއްޔެ ފޯރިމަރަނީ

އިންޑިއާ- ޕާކިސްތާން ކުރިމަތިލުންތަކުގައި މަރުވާ އާއްމުންގެ އަދަދު މައްޗަށް

އިންޑިއާ އާއި ޕާކިސްތާނުން މިހާރު ބަދަލުކުރަމުންދާ ހަމަލާތަކުގައި މިހާތަނަށް ދެ ގައުމުން މުޅިއެކު އާއްމުންގެ 12 މީހުން މަރުވެއްޖެއެވެ.

ޕާކިސްތާނުން މަރުވީ ނުވަ މީހުންނެވެ. އިންޑިއާއިން ތިން މީހުންނެވެ. ޕާކިސްތާނުގައި 38 މީހުން ޒަހަމްވެފައި ވެސްވެއެވެ.

ޕާކިސްތާނުން މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ހިމެނޭކަމަށް ބުންޏެވެ.

އިންޑިއާގެ ބާރު ހިނގާ ކަޝްމީރު ފަޅީގައި މިދިޔަ މަހު 26 އާއްމުން މަރައިލި ޓެރަރިސްޓު ހަމަލާއާ ގުޅިގެން ފެށި އަސްކަރީ ކުރިމަތިލުންތަކުގައި އިއްޔެ ހަމަލާ ދިނީ ކަޝްމީރުގެ ޕާކިސްތާން ފަޅިއަށްކަމަށް އިންޑިއާއިން ބުންޏެވެ. އެއީ "އޮޕަރޭޝަން ސިންދޫރު"ގެ ނަން ދީފައިވާ އަސްކަރީ އޮޕަރޭޝަނެއްގައި ނުވަ ތަނަކަށްކަމަށް ބުންޏެވެ.

"މި ތަންތަނަކީ ޖައިޝޭމުހައްމަދާއި ލަކްޝަރޭތޮއިބާ ފަދަ ހަތިޔާރުއެޅި ގްރޫޕްތަކުގެ ތަންތަން،" އިންޑިއާގެ އޮފިޝަލަކު ބުންޏެވެ.

އިންޑިއާގެ ވައިގެ ސިފައިން ވަނީ އެސް.ސީ.އޭ.އެލް.ޕީ މިސައިލާއި އޭ.އޭ.އެސް.އެމް ހެމާ ބޮން ހަރުކުރި ރަފޭލް ޖެޓުތަކެއް ބޭނުންކޮށްގެން 23 މިނެޓުގެ އަސްކަރީ އޮޕަރޭޝަނެއް ހިންގައިފައެވެ. ހަމަލާ ދިން ތަންތަނުގެ ތެރޭގައި ބަހަލްވަޕޫރު، މުރިދްކޭ، ސިއަލްކުޓް، ބިމްބަރު، ކޮޓްލީ އަދި މުޒައްފަރުއާބާދު ހިމެނެއެވެ.

ޕާކިސްތާނުން ވަނީ ޖައްމޫ އަދި ކަޝްމީރުގައި ދެ ގައުމުން ކޮންޓްރޯލްކުރާ ފަޅި ކަނޑައަޅައިދޭ ބޯޑަރުކަމަށްވާ ލައިން އޮފް ކޮންޓްރޯލް (އެލް.އޯ.ސީ) ހުރަސްކޮށް އިންޑިއާއަށް ހަމަލާ ދީފައިކަމަށް ޕާކިސްތާނުން ބުންޏެވެ.

"އިންޑިއާއިން ދިން ހަމަލާތަކަކީ ހަނގުރާމަމަތީ އަމަލެއް،" ޕާކިސްތާންގެ އޮފިޝަލަކު ބުންޏެވެ.

އޭނާ އިތުރަށް ބުނީ ޕާކިސްތާނުން ހަމަލާ ދިނީ އާޓިލަރީ އަދި ޑްރޯން ބޭނުންކޮށްގެންކަމަށެވެ.

އިންޑިއާގެ ފަސް ފައިޓަރު ޖެޓާއި އެއް ޑްރޯން ވައްޓައިލެވުނުކަމަށް ޕާކިސްތާނުން ބުންޏެވެ. އިންޑިއާއިން ބުނީ ޕާކިސްތާނަށް ވައްޓައިލެވުނީ އިންޑިއާގެ އެއް ފައިޓަރު ޖެޓުކަމަށެވެ.

"ޕާކިސްތާނުން ދިން ހަމަލާތައް އާއްމުން ދިރިއުޅޭ ތަންތަނަށް ފޯރި،" އިންޑިއާގެ އޮފިޝަލަކު ބުންޏެވެ.

ޝެލް ބޭނުންކޮށްގެން އަދިވެސް ހަމަލާ ބަދަލުކުރުން ކުރިއަށް ގެންދާއިރު، އާއިލާތަކުން ގެދޮރު ދޫކޮށް ދާން ޖެހުމާއި ކުއްލި އެހީ ދިނުމަށް ހުރަސްއެޅިފައިވާކަމަށް ދެ ގައުމުން ބުންޏެވެ.

ކަޝްމީރުގެ މައްޗަށް ބާރު ހިންގަން، 1947 ގައި މިނިވަންކަން ލިބުމަށް ފަހު، ނިއުކްލިއާ ހަތިޔާރު ހުރި ދެކުނު އޭޝިއާގެ ދެ ގައުމުން މިހާތަނަށް ތިން ހަނގުރާމަކޮށްފައިވާއިރު، އަލުން މި ފެށި ހަމަލާ ބަދަލުކުރުންތަކުގެ ސަބަބުން މަރުވަމުންދާ އާއްމުންގެ އަދަދު އިތުރުވެދާނެތީ، މި މައްސަލަ އިތުރަށް ގޯސްވެދާނެކަމަށް އދ.އިން އިންޒާރު ދިނެވެ.

"އެންމެ މަތީ ފެންވަރުން މި ކުރިމަތިލުންތައް ފިނިކުރަން ޖެހޭ. އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައި އަސްކަރީ ކުރިމަތިލުމެއް ހިނގުމަށް ދުނިޔެއަކަށް ތަހައްމަލެއް ނުކުރެވޭނެ،" އދ.ގެ އަމީން އާއްމު އެންޓޯނިއޯ ގުޓެރޭސް ވިދާޅުވިއެވެ.

އިންޑިއާއާ އެކުވެރި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ "އިންޑިއާއިން ދިން ހަމަލާތަކަކީ ބޮޑު ދެރަ ކަމެއް"ކަމަށާއި މަސްރަހު ފިނިކުރަން ބާރުއަޅުއްވާކަމަށެވެ.

އިންޑިއާއާ ވާދަވެރި ޗައިނާއިން ބުނީ "އިންޑިއާގެ އަސްކަރީ އަމަލުތަކާމެދު ހިތާމަކުރާކަމަށާއި އިންޑިއާ އާއި ޕާކިސްތާނުން ވެސް އިސްކަންދޭން ޖެހޭނީ ސުލްހައަށް"ކަމަށެވެ.

އިންޑިއާއާއެކު މިހާރު ގުޅުން ރަނގަޅުކުރަމުންދާ އިސްރާއީލުން ބުނީ "އިންޑިއާއަށް އަމިއްލަ ގައުމު ދިފާއުކުރުމުގެ ހައްގު އޮންނަން ޖެހޭނެކަމަށާއި ޓެރަރިޒަމް ކުށްވެރިކުރާ"ކަމަށެވެ.

"މައުސޫމް މީހުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ކުށްތަކުން ސަލާމަތްވެގެން ފިލައި ތިބެވޭނެ ތަނެއް ނެތްކަން ޓެރަރިސްޓުންނަށް އެނގެން ޖެހޭނެ،" އިސްރާއީލުން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *