Support Us

ލޮރީއެއް ފުރޮޅައިލައި އެތައް މިލިއަން "ލާރި" މަގުމައްޗަށް

އެމެރިކާގެ ޓެކްސަސް ސްޓޭޓްގެ ހަލިމަގެއް މައްޗަށް ޓްރެކްޓާ-ޓްރެއިލާއެއް ފުރޮޅައިލައި 800،000 ޑޮލަރު (12 މިލިއަން ރުފިޔާ)ގެ އަގުހުރި ޑައިމް، ނުވަތަ ދިވެހިން ކިޔާ ގޮތުން ނަމަ ލާރި، މަގުމައްޗަށް އޮހިއްޖެއެވެ.

އަސްކަރީ ބޭނުންތަކާ އެއްގޮތަށް ހަދައިފައިވާ، ސިފައިންނާއެކު ދަތުރުކުރި އުޅަނދު އަރިއަޅައިލުމުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

މިއިން ކޮންމެ ލާރިއެއްގެ އަގަކީ އެމެރިކާގެ 10 ސެންޓް (1.54ރ.)އެވެ. މިއީ އެމެރިކާގެ ފައިސާގައި ހިމެނޭ އެންމެ ކުޑަ އަދި އެންމެ ހިމަ ލާރިއެވެ. ލާރިފޮއްޗެއްގެ ބަރުދަނަކީ 2.268 ގްރާމެވެ.

ވީޑިއޯއަކުން ފެންނަ ހަބަރެއްގައި ދައްކަނީ މަގުމަތިން ލާރިތައް ހޮވަން، ފައިސާ ޗާޕުކުރާ އެމެރިކާގެ މިންޓްގެ މުވައްޒަފުން މަސައްކަތްކުރާ މަންޒަރެވެ. މި ކަމަށް ބައި ދުވަސް ހޭދަކުރިކަމަށްވެއެވެ. ލާރިތައް ހޮވީ ކަކޫ މައްޗަށް ތިރިވެ، އަތުންނާއި ފިހިގަނޑާއި އުދަލި އަދި ވެކިއުމް ކްލީނަރު ފަދަ އާލާތްތައް ބޭނުންކޮށްގެންނެވެ. މި ކަމަށްޓަކައި ހަލިމަގުން ބައެއް ބަންދުކުރަންޖެހުނެވެ.

"ވެހިކަލް ފުރޮޅައިލީ ފަތިހު އަދި އެ މަގު އަލުން ހުޅުވީ އަނެއް ދުވަހުގެ ރޭ،" މި ދިޔަ ހަފުތާގައި ހިނގި ހާދިސާއާ ބެހޭ ގޮތުން ޓެކްސަސް ސްޓޭޓްގެ އާއްމު ރައްކާތެރިކަމާ ބެހޭ އިދާރާއިން ބުންޏެވެ.

އެމެރިކާގެ މި 10 ސެންޓްގެ ލާރީގެ އެއް ފަރާތުގައިވަނީ އެމެރިކާގެ ކުރީގެ ރައީސް ފްރޭންކްލިން ރޫސްވެލްޓްގެ މޫނުގެ ކުރެހުމެކެވެ. އެއީ ސިކުނޑި އާއި މައިބަދައަށް ޖެހޭ، މީހާ ވާކޮށްލާ ބައްޔެއްކަމަށްވާ ޕޯލިއޯއާ ދެކޮޅަށް އޭނާ ކުރެއްވި މަސައްކަތް ފާހަގަކުރެއްވުމަށެވެ.

ރޫސްވެލްޓްއަށް ވެސް ޕޯލިއޯ ޖެހުނެވެ. އެ ގޮތުން އޭނާގެ އަރިކަށިން ތިރި ވާވިއެވެ. ނަމަވެސް އެމެރިކާގެ ރައީސްކަން ޖެހިޖެހިގެން ހަތަރު ދައުރުކުރެއްވިއެވެ. އެއީ 1932 އިން ފެށިގެން 1944 އަށެވެ. މި ކަމާ ގުޅިގެން އެމެރިކާގެ ރައީސަކަށް ހުންނަވާ މީހެއްގެ މާ ނުފޫޒު ގަދަވެދާނެތީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން އެމެރިކާގެ ރިޔާސަތު ދެ ދައުރަށް ބަދަލުކުރިއެވެ.

މި ލާރީގެ އަނެއް ފުށުގައިވަނީ ދެ ލަފުޒެއް ލިޔެފައެވެ. އެއީ "ލިބަޓީ" ("މިނިވަންކަން") އާއި "އިން ގޯޑް ވީ ޓްރަސްޓް" ("އަހަރެމެން އިތުބާރުކުރަނީ ކަލާނގެއަށް")އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *