Support Us

އިސްރާއީލުން ހުރަސްއެޅުމުން މިސްރުގެ ބޯޑަރުން ޣައްޒާއަށް ވައްދަން ހުރި ކާބޯތަކެތި ކުނިވެފައި

ޣައްޒާއިން ކާބޯތަކެތި ހުސްވުމުން ހުޅަނގުގެ 4 ގައުމަކުން އިސްރާއީލު ކުށްވެރިކޮށްފި

ޣައްޒާއިން ކާބޯތަކެތި ހުސްވެއްޖެ ކަމަށް އދ.އިން އިއްޔެ ބުނުމުން ކެނެޑާ، ފްރާންސް، ޖަރުމަނީ އަދި އިނގިރޭސި ވިލާތުން ގުޅިގެން އިސްރާއީލު މިއަދު ކުށްވެރިކޮށްފިއެވެ.

"ކާބޯތަކެތި ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިގެން ނުވާނެ،" ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ ވިދާޅުވިއެވެ.

އދ.ގެ ކާބޯތަކެއްޗާ ބެހޭ ޕްރޮގްރާމް ކަމަށްވާ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔު.އެފް.ޕީ)އިން ކާބޯތަކެތި ފޯރުކޮށްދިނުމަށް ޣައްޒާއަށް އެއްވެސް ހުރަހެއް ނެތި ވަނުމަށް ހުއްދަ ދިނުމަށް އޭނާ އިސްރާއީލަށް ގޮވައިލެއްވިއެވެ.

ޑަބްލިޔު.އެފް.ޕީން އިއްޔެ ބުނީ މިހާރު ވެސް ޣައްޒާގެ ބޯޑަރުގައި ތާށިކޮށްލައިފައިވާ 116،000 މެޓްރިކް ޓަނުގެ ކާބޯތަކެތި އެބަހުރި ކަމަށާއި މީގެން ޣައްޒާގެ އެއް މިލިއަން މީހުންނަށް ހަތަރު މަހު ކާންދެވޭނެ ކަމަށެވެ.

ފްރާންސާއި ޖަރުމަނީ އަދި އިނގިރޭސި ވިލާތުން ވެސް ކެނެޑާއާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާގެ އާއްމުންނަށް އިންސާނީ އެހީ ދިނުމަށް އިސްރާއީލުން ހުރަސްއެޅުމަކީ "ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށެވެ.

"ބައިނަލްއަގުވާމީ އިންސާނީ އެހީގެ ގާނޫނުގެ ދަށުން އާއްމުންގެ ދުޅަހެޔޮކަން ދެމެހެއްޓުމަކީ އިސްރާއީލުގެ ވާޖިބެއް،" ބަޔާނުގައި ބުނެފައިވެއެވެ.

ވޭތުވެދިޔަ 18 މަސް ދުވަހުގެ ޣައްޒާ ހަނގުރައިމައިގައި އިސްރާއީލުން އަދިވެސް ބުނަމުން ދަނީ އެ ގައުމުން ހަމަލާ ދެނީ ހަމާސްގެ އަމާޒުފަތްގަނޑުތަކަށް ކަމަށާއި ޣައްޒާއަށް ވަންނަ ހުރިހާ އެހީއެއްގެ ބޭނުން ހިފަނީ ހަމާސްއިން ކަމަށެވެ. އަދި މިހެންވެ ހަމާސްއިން ރަހީނުކޮށްފައިވާ ހުރިހާ ޔަހޫދީން ދޫކޮށްނުލައިހާ ހިނދަކު ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށާއި އެއްވެސް ބައިނަލްއަގުވާމީ އެހީއެއް ޣައްޒާއަށް ވަނަ ނުދޭނެ ކަމަށެވެ. ޣައްޒާއަށް ވަންނަ އެހީ އިސްރާއީލުން ހުއްޓުވައިލައިފައިވަނީ މި ދިޔަ މަހުގެ ފުރަތަމަ ހަފުތާގައެވެ.

އޮކްޓޫބަރު 2023 ގައި ފެށި ޣައްޒާ ހަނގުރާމައިގައި ފަލަސްތީންގެ 51،000 އަށްވުރެ ގިނަ ރައްޔިތުން މިހާތަނަށް ވަނީ ޝަހީދުކޮށްލައިފައެވެ. ޣައްޒާގެ ސަރުކާރު މީޑިއާ އޮފީހުން ބުނީ އިސްރާއީލުން ސުންނާފަތިކޮށްލި އިމާރާތްތަކުގެ ދަށުގައި މަރުވި މީހުންގެ އަދަދު އެއްކޮށްލުމުން ޣައްޒާ ހަނގުރާމައިގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 61،700 އަށްވުރެ ގިނަ ކަމަށެވެ. ޒަހަމްވި މީހުންގެ އަދަދަކީ 117،416 ކަމަށް އެ އިދާރާއިން ބުންޏެވެ. އިއްޔެ އެކަނިވެސް އިސްރާއީލުގެ ހަމަލާތަކުގައި ވަނީ 45 މީހުން ޝަހީދުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *