Support Us

ކެޔޮނިރު ކޮލަމް

ކޮބައިހޭ "ހަރުކަށި" ފިކުރަކީ؟

ސައުދިއަރަބިއާ އަކީ "ހަރުކަށި" ފިކުރު އާލާކުރާ ޤައުމެއް ކަމަށާއި ސައުދީ ޔުނިވަރސިޓީތަކަކީ ހަރުކަށި ފިކުރު އާލާކޮށްދޭ ތަންތަން ކަމުގައި މަޖުލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވެއެވެ. ނަމަވެސް 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހު މެދުއިރުމައްޗަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސް ނަޝީދާއި ރައީސް ސޯލިހު ވަނީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދާލައްވައިގެން، ވަރަށް ބޮޑަށް ހިނިތުންވެ ތިއްބަވައި ފޮޓޯ ނަންގަވާ ޓްވީޓް ކުރައްވާފައެވެ. ހަރުކަށި ފިކުރު އާލާކުރާ ހަރުކަށި ޤައުމެއްގެ ވެރިއަކާއެކު އެކަހަލަ ފޮޓޯއެއް ނެންގެވީ ކީއްކުރައްވަންތޯއެވެ؟

މުސްލިމުންގެ އެންމެ މާތް ދެބިން ކަމުގައިވާ މައްކާ އާއި މަދީނާގައި ހުންނަ ދެ ޔުނިވަރސިޓީއިން ކިޔަވައިގެން ވަޑައިގެން ރާއްޖެއަށް ހިދުމަތް ކުރައްވާ ނުހަނު ގިނަ ދީނީ އިލްމުވެރިން ތިއްބެވި އިރު މިފަދަ "ހަރުކަށި" ފިކުރުގެ ބަޔަކު އޭގެ ތެރެއިން ނުފެނެއެވެ. ކޯޓުން ބޭރުން ކައިވެނިކޮށް، އަމިއްލައަށް ކޯޓު ހަދައިގެން މީހުންނަށް މަރުގެ ހުކުމް އިއްވަމުން އުޅޭ މީހުންނަށް ބަލާއިރު އެފަދަ ގިނަ މީހުންނަކީ ސައުދީ ކީއްކުރަން، އެއްވެސް ޔުނިވަރސިޓީ އަކުން ދީން ކިޔެވި ބައެއް ނޫންކަން ފާހަގަކުރެވެއެވެ. ވީއިރު ނަޝީދު އެ ވިދާޅުވާ ހަރުކަށި ފިކުރަށް އަމާޒުކުރައްވައި ދައްކަވާ ވާހަކަތަކުގައި ސީދާ ވަކި ޤައުމެއްގެ ނަން ކިޔައި، އެފަދަ ޤައުމުތަކާ ރާއްޖެއާ ޖެހޭ ގޮތަށް ވާހަކަ ދެއްކެވުމަކީ ރާއްޖޭގެ ހާރިޖީ މަސައްކަތަށް ހުރަސް އެޅޭނެ، ޒާތީ ވާހަކަ ތަކެއް ކަމަށް ބެލެވިދާނެއެވެ.

ހަރުކަށި ފިކުރު އާލާ ކުރާ ޤައުމެއްގެ ގޮތުގައި ސައުދީގެ ނަން ނަޝީދު ވިދާޅުވިއިރު ދާދި ފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ނަޝީދު ވިދާޅުވެފައި ވަނީ އިންޑިއާއަކީ މުސްލިމުންނަށް އަމާން ޤައުމެއް ކަމަށާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ހުރިހާ ގޮތަކުން ނަޝީދާ ޚިޔާލް އެއްގޮތް ކަމަށާއި 'ލޮލާ ލޯ ދިމާވާ" ކަމަށެވެ. ނަމަވެސް މޯދީ އަކީ، ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ކުރީން، ގުޖުރާތު ސްޓޭޓްގެ ޗީފް މިނިސްޓަރަކަށް ހުންނެވި އިރު އެތައްހާސް މުސްލިމުންނެއް މަރަން ހިތްވަރާއި ބާރު ދެއްވި ވެރިއެއްގެ ގޮތުގައި ސިފަކުރެވިފައިވާ؛ އަދި "ބުޗަރ އޮފް ގުޖްރާތް"ގެ ނަން ދީފައިވާ ފަރާތެކެވެ. މިހާރުވެސް އިންޑިއާގެ މުސްލިމުންނަށް ރައްޔިތުކަން ގެއްލޭ ގޮތަށް ހެދިފައިވާ ޤާނޫނާއި، ކަޝްމީރުގައި އިންޑިއާ ސިފައިން އަމަލު ކުރަމުންދާ ލާއިންސާނީ ގޮތުގެ ސަބަބުން އިންޑިޔާގައާއި ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި މުޒާހަރާކޮށް މޯދީގެ ސަރުކާރަށް ފާޑު ކިޔަމުން ދެއެވެ. ނަމަވެސް ނަޝީދުގެ ނަޒަރުގައި އިންޑިއާއާއި މޯދީގެ އެއްވެސް މައްސަލައެއް ނެތެވެ. މަޑުކައްޓެވެ. ލޮލާލޯ ދިމާވެއެވެ.

މިދިޔަ ޑިސެމްބަރ މަހު ކްރޮސް ރޯޑްގައި ބޭއްވުނު "ވިވަތި ރާއްޖެ" މަހާސިންތާގައި ވާހަކަ ދައްކަވަމުން މިފަދަ ތަފާތު އެތައް ވާހަކައެއް ރައީސް ނަޝީދު ދެއްކެވިއެވެ. އައިއެސްއާ ގުޅިގެން ހަރަކާތްތެރިވާ ކިތައް "ސެލް" ރާއްޖޭގައި އެބަހުރިތޯ އާއި އެފަދަ ސެލްތަކަށް ނިސްބަތްވާ މީހުން ހައްޔަރު ނުކޮށް ފުލުހުން ތިބެނީ ކީއްވެގެންތޯ ނަޝީދު ސުވާލު ކުރެއްވި އެވެ. އަދި ނަޝީދު އާދަވެގެން ސިފައިންނާއި ފުލުހުންގެ ބޮލުގައި އަޅުއްވާ އިލްޒާމް ތަކުރާރު ކުރެއްވިއެވެ. ސިފައިންނާއި ފުލުހުންގެ ތެރޭގައި އައިއެސް އާ ގުޅުން ހުރި ހަރުކަށި ފިކުރުގެ ކިތައް މީހުން ތިބިތޯ ސުވާލު ކުރެއްވިއެވެ. އެފަދަ ބަޔަކު ސިފައިނާއި ފުލުހުންގެ ތެރޭގައި ނެތް ކަމަށް ޑިފެންސް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރ މީގެ ކުރިން ވިދާޅުވެފައިވާއިރު ވެސް ނަޝީދު މިގޮތަށް މި އިލްޒާމް ސިފައިންނާއި ފުލުހުންގެ މުއައްސަސާ ބޮލުގައި އެޅުވުމުން ދިވެހިރާއްޖޭގެ ސިޔާސީ މަލަމަތި ހުތުރުވެ ޤައުމަށް ނޭދެވޭ އަސަރު ކުރިއަސް ނަޝީދުގެ ފަރުވާލެއް ހުރި ކަމަކަށް ނުބެލެވެއެވެ.

މިފަދަ އެހެން ވާހަކަ އެކެވެ. ހަރުކަށި ފިކުރުތައް ފެތުރުމަށް ރާއްޖޭގައި އުފައްދާފައިވާ މަދަރުސާ ތަކާއި މަރުކަޒުތައް ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމަށް މަސައްކަތް ކުރަންތޯ ނަޝީދު ސުވާލު ކުރެއްވިއެވެ. ނަމަވެސް ހަރުކަށި ފިކުރު ފަތުރާ ކަމަށް ބުނެ މިހާތަނަށް ރާއްޖޭގެ އެއްވެސް "މަދުރަސާ"އެއް އެއްވެސް މުއައްސަސާއަކުން ފާހަގަ ކޮށްފައެއް ނެތެވެ. ނަމަވެސް ނަޝީދުގެ ސުވާލު ހުރި ގޮތުން ހީވަނީ އެފަދަ އެތަކެއް "މަދުރަސާ" އް ރާއްޖޭގައި އެބަހުރި ހެނެވެ. މިއީ ވެސް ޤައުމުގެ އަގު ވެއްޓި އިގްތިސޯދަށް ބޮޑެތި ނޭދެވޭ އަސަރު ކުރުވަފާނެ ފަދަ ވާހަކަ ތަކެކެވެ. އެންމެ ދިވެހި ފަރުދަކު ދައްކާ ވާހަކަ އަކުން ވެސް ބޭރުގެ ބަޔަކު ޤައުމު ހިފައިފާނެ ކަމަށް ހޯމް މިނިސްޓަރ ހަމަ އެ ޖަލްސާގައި ވިދާޅުވިއިރު، ނަޝީދުގެ މިފަދަ ޒިއްމާދާރުކަން ކުޑަ ވާހަކަ ތަކަށް ހޯމް މިނިސްޓަރ ވެސް އެއްވެސް ރައްދެއް ދެއްވިތަނެއް ނުފެނެއެވެ.

އަދިވެސް ނަޝީދު ސުވާލު ކުރެއްވި އެވެ. މަދަރުސާތަކުގެ މަންހަޖު ބަދަލުކުރުމަށް މަސައްކަތް ފައްޓަވަނީ ކޮން އިރަކުންތޯ އެއްސެވިއެވެ. ރާއްޖޭގެ ސްކޫލްތަކުގެ މަންހަޖު ބަދަލުކުރާ ވާހަކަ އަކީ އެމް.ޑީ.އެންގެ ލާދީނީ ރިޕޯރޓްގައި އޮތް ވާހަކަ ތަކެކެވެ. ސަރުކާރުން އެއްވެސް އިރަކު ދައްކާފައި އޮތް ވާހަކައެއްވެސް ނޫނެވެ. މިގޮތަށް ނަޝީދު ސުވާލު ކުރެއްވުމުން ހީވަނީ އެމަންހަޖު ތަކުގައި ހަރުކަށި ފިކުރު ހިމެނޭތީ ސްކޫލްތަކުގެ މަންހަޖު ބަދަލު ކުރުމަކީ ސަރުކާރުން ނިންމާފަ އޮތް ކަމެއް ހެނެވެ.

ހަރުހަށި ފިކުރޭ ވިދާޅުވެ އިލްޒާމްތައް ތަކުރާރު ކުރެއްވުމަށް ފަހު ދެން ނަޝީދު ދެއްކެވީ މިއުޒިކާއި މުނިފޫފިލުވުމުގެ ހަރަކާތަކަށް ހިއްވަރު ދެއްވުމުގެ ވާހަކަ އެވެ. މިއުޒިކާއި މުނިފޫހި ފިލުވުން ކުރިއެރުވުމަށް ސަރުކާރުން ކުރަނީ ކޮންކަމެއްތޯ ސުވާލު ކުރެއްވި އެވެ! އަދި، ރާބޯ މީހުން ހައްޔަރު ކުރަން ހޭދަކުރާ ފައިސާ އަކީ ބޭކާރު ހޭދައެއް ކަމަށް ދޭހަވާ ގޮތަށް ވެސް ނަޝީދު ސުވާލު ކުރެއްވިއެވެ. އަދި ކޮންމެ ރަމަޟާންމަހަކާ ދިމާކޮށް މުއައްޒަފުންނަށް އިނާޔަތް ދިނުމާއި ބޭރު ގައުމުތަކުން ހާފިޒުން ރާއްޖެ ގެނައުމަށް ކުރާ ހަރަދަކީ ބޭކާރު ހަރަދުތަކެއް ކަމަށް ވެސް މި ބައްދަލުވުމުގައި ނަޝީދު ވިދާޅުވިއެވެ. މައްކާ އާއި މަދީނާއިން ކިޔެވުމަކީ ރައީސް ނަޝީދުގެ ނަޒަރުގައި ހަރުކަށި ފިކުރަށް މަގުފަހިވާ ކަމެކެވެ.

"ތިޔަބޭފުޅުން ކައުންސިލުގެ ބޮޑު ބަޖެޓުން ހަރަދު އެބަ ކުރައްވާ ރޯދަމަހަށް ކަރަންޓް ހިލޭ ކުރައްވަން. އެއީ ކާކަށް ކޮންފައިދާއެއް ވާނެ ކަމެއްތޯ؟ އެއަށްވުރެ ބޮޑަށް ރައްޔިތުންގެ ލާރި އުކާލެވޭނެ ގޮތެއް އެބައޮތްތޯ. ރޯދަމަހާ ދިމާކޮށް ރައްޔިތުންނަށް ކަރަންޓުގެ އަގު ހެޔޮކޮށްދިނުމަކީ ނަޝީދުގެ ނަޒަރުގައި ރައްޔިތުންގެ ފައިސާ އުކާލުމެވެ!

ކައުންސިލްތަކުން ހަރަދުކޮށްގެން، ރޯދަމަހު ދީނީ ނަސޭހަތްދީ ވައުލު ބުނަން ބޭރުން އިލްމުވެރީން ގެނައުމަކީވެސް ބޭކާރު ހަރަދެއް ކަމުގައި ނަޝީދު މިބައްދަލުވުމުގައި ވިދާޅުވެފައިވެއެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ހަރުކަށި ފިކުރުގެ އެއްވެސް މީހަކު ކުރިއަށްއޮތް އިންތިހާބްގައި ކައުންސިލް ތަކަށް އިންތިހާބް ނުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިއަހަރު ކުރީކޮޅު ކްރޮސްރޯޑްސްގައި ދެ ދުވަހަށް ކުރިއަށްދިޔަ "ވިއަވަތި ރާއްޖެ" މަހާސިންތާގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރ މަރީޔާ ދީދީ ވެސް ވަނީ "ހަރުކަށި" ފިކުރަށް ރައްދު ދެއްވައި، ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރަން ސަރުކާރުން ނުކުމެ ތިބީ ވަރަށް ކެރިގެން ކަމަށް ވިދާޅުވެފައެވެ. ހަމަ މި މަހާސިންތާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހުވެސް ވަނީ ހަރުކަށި ފިކުރުގެ ސަަބަބުން ރާއްޖެ އަށް ނުރައްކާތެރި ދަތި ހާލަތެެއް ކުރިމަތިވެފައިވާ ކަމަށާއި އެކަންކަމަށް ކުރިމަތިލައިގެން ގައުމު އެ ދަތި އުނދަގުލުން ސަލާމަތް ކޮއްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާ، މަޖުލިސް ރައީސް، ޑިފެންސް މިނިސްޓަރ އަދި ހޯމް މިނިސްޓަރުވެސް މި "ހަރުކަށި" ފިކުރުގެ ވާހަކަ މިވަރަށް ދައްކަވާއިރު؛ އަދި ވަކީން ހާއްސަކޮށް ރައީސް ނަޝީދު މިވާހަކަތައް ދައްކަވާއިރު، މި ހަރުކަށި ފިކުރަކީ ކޮބައިތޯ ވެސް ކޮންމެވެސް ބަޔަކު ސާފުކޮށް ބަޔާންކޮށްދޭން އެބަޖެހެއެވެ. ފަރުލް ފަސް ނަމާދު ޤަވާއިދުން ކޮށް، ސުންނަތާ އެއްގޮތަށް ތުނބުޅި ބަހައްޓައި، އަންހެނަކު ނަމަ ބުރުގާ އަޅައި، ރިބާ ހަރާމް ކަމަށް ބުނެ، ރަލުގެ ވިޔަފާރި ހަރާމް ކަމަށް ބުނެ، މިއުޒިކް ހަރާމް ކަމަށް ބުނުމަކީ "ހަރުކަށި" ފިކުރު ތޯއެވެ؟ އެހެން ކަމަށްވާނަމަ ގިނަ މުސްލިމުންނަކީ ހަރުކަށި ފިކުރުގެ މީހުންތާއެވެ!

ކޯޓުން ބޭރުގައި ކައިވެނިކޮށް، އަމިއްލައަށް ކޯޓު ހަދައިގެން މީސް މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވައި، ކާފަރުންގެ މުދަލޭ ކިޔާފައި ރިސޯޓް ތަކުން ވައްކަން ކުރުން ހުއްދަކޮށް، ޖާނުންފިދާވެގެން އަމިއްލައަށް މަރުވުން ހުއްދަކޮށް ހެދުމަކީ ހަރުކަށި ފިކުރު ކަމުގައި ވަނީ ނަމަ އެފަދަ ދިވެހީންގެ އަދަދު ހާހުން ގުނޭނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެއީ ހަރުކަށި ފިކުރަށް ވެދާނެއެވެ. ނަމަވެސް އެފަދަ ފިކުރަކީ ދިވެހީންގެ ތެރޭގައި ޢާއްމު އެއްޗެއް ނޫނެވެ. އެފަދަ ފިކުރު ރާއްޖެއިން ނައްތާލެވޭނީ ހެޔޮލަފާ ސޯލިހު މުސްލިމުންނަށް ރައްދުވާ ގޮތަށް ބަދު ބަސް ނުބުނެ، އަހްލާޤީ ގޮތުން ރަނގަޅު ބަސްމަގު ބޭނުންކޮށްގެންނެވެ. މަޖުލިސް ރައީސް ފަދަ އިސް ފަރާތްތަކުން މިފަދަ ވާހަކަ ދައްކަވާއިރު މިއަށް ވުރެ ޒިއްމާދާރު ވާންޖެހެއެވެ. މަޑުމައިތިރި، ރަނގަޅު މުސްލިމް ދިވެހީންނަކީ ވެސް ހަރުކަށި ފިކުރުގެ މީހުން ކަމަށް ދޭހަވާ ގޮތަށް، އަދި ރޯދަމަހުގެ ހާއްސަކަން ފާހަގަ ކުރުމަކީ ވެސް ހަރުކަށި ކަމެއް ކަމަށް ހަދާފައި، މައްކާ މަދީނާ އަށް ކިޔަވަން ދިއުމަކީ ވެސް އެފަދަ ކަމަކަށް ހަދާފައި ވާހަކަ ދެއްކުމުން ރައްޔިތުނަށް މިފަދަ ކަންކަމާމެދު އޮޅުންއަރައި، ޤައުމުގެ އެއްބައިވަންތަކަން ގެއްލި، ޤައުމުގައި އިސްލާމް ދީން ބަލިކަށިވެ، މުޖުތަމައުގައި ފިތުނަ އާއި ދެކޮޅުވެރިކަން އުފެދިގެން ދާނެއެވެ.

އެފަދަ ހާލަތެއްގައި "ހަރުކަށި" ފިކުރު ނައްތާލެވުމުގެ ބަދަލުގައި އެފިކުރު އިތުރަށް އާލާވުމުގެ ފުރުސަތު ދާނީ ބޮޑުވެގެންނެވެ. ހަރުކަށި ފިކުރަކީ ހަމައެކަނި އިސްލާމް ދީނާ ގުޅުވަން އޮތް އެއްޗެއް ނޫނެވެ. ލާދީނީ ވެގެން ގޮސްވެސް ހަރުކަށި ފިކުރު އުފެދެއެވެ. ވާހަކަ ދައްކަން ޖެހެނީ ހުރިހާ ކޮޅަކަށް ވިސްނާފައެވެ. އަނގައެއް އޮތީތީ، ނުވަތަ މަޤާމެއް ލިބިފައި ވީތީ، ނުވަތަ ޕްލެޓްފޯމެއް ލިބިފައިވީތީ ހިތަށް އެރިހާ ވާހަކައެއް ދެއްކުމަކީ ހަމަ ހަރުކަށި ކަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
51

One Response

  1. މި ނަޝީދު . މިދިވެހި ރާއްޖޭގައި އަޅާލާނެ މީހަކު ނެތި ތާއީދެއް ނެތި މަގުމަތީގައި އާވާރާ ވެގެން ބިއްޖެހިގެން އުޅޭތަން ދުނިޔޭގައި ތިބި ބަޔަކަށް ފެނުމަކީ ދުރުގައި އޮތް ކަމެއް ނޫން … އިންސާނާގެ ހަލާކަކީ އެމީހާގެ ދޫ…
    ދެރަދުން ކިޔާފައި ފޮތެއް ނެރުނު އިރު އެއް ވެސް ލިޔުމަކަށް ހަވާލާ ދީ ފައި ނެތުމަކީ ލިޔުން ތެރިންނަށް ކުރި މަލާމާތެއް ފޮތް ތަކުން ކަޓް ޕޭސްޓް ހަދައިގެން ފޮތް ނެރުމަކީ ތިމާގެ މޮޅު ކަމެއް ނޫން މީގެ 200 އަހަރު ކުރީގެ ވާހަކަތައް ހިތައް އެރި ގޮތަކަށް ލިޔެ މުޅި ތާރީޚް އޮޅުން ބޮޅުން ކުރާއިރު މިފޮތް ފާސްކޮށް ދިން ބަޔަކުވެސް ބަލަން ޖެހޭ
    ބުޝްރީ އަށް ޝުކުރިއްޔާ … އިންޑިޔާގެ ރޯ އެޖެންޓުން މިހާރު އެންމެ ބޮޑަށް ފާރަލާ މީހުންގެ ތެރޭގައި މަނިކުފާނުވެސް ވޭ ވިސްނައިގެން އުޅުއްވާތި ނުބައި މަޅިއަކަށް ފައްތާލަފާނެ އިސްރާއީލް ގެ މޮސާޑްގެ މީހުންގެ އެހީގައި ރާއްޖޭގައި އެމީހުން ހަރަކާތް ތެރިވަނީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *