ދެކުނު އޭޝިއާގެ ނިއުކްލިއާ އެއް ބާރު ކަމަށްވާ އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރު ފަޅީގައި ކަޝްމީރު ރެސިސްޓެންސުން އަންގާރަ ދުވަހު ހަމަލާދީ ޓޫރިސްޓުންނާއި ދެ ބިދޭސީން ހިމެނޭ ގޮތަށް 26 އާއްމުން މަރައިލައި 30 މީހުން ޒަހަމްކޮށްލުމުން މިއީ ޕާކިސްތާންގެ ރޭވުމެއް ކަމަށް ބުނެ އިންޑިއާއިން އިންޑަސް ކޯރުގެ މުއާހަދާ ސަސްޕެންޑްކޮށްފިއެވެ. ވޯލްޑް ބޭންކުން މެދުވެރިވެގެން 1960 ގައި ގާއިމުކުރި މި އެއްބަސްވުން ސަސްޕެންޑްކުރުމަކީ "ހަނގުރައިމައިގެ އަމަލެއް" ކަމަށް، ދެކުނު އޭޝިއާގެ އަނެއް ނިއުކްލިއާ ބާރު ކަމަށްވާ ޕާކިސްތާނުން ބުންޏެވެ. ޕާކިސްތާންގެ ދަނޑުވެރިކަމުގެ 80 ޕަސެންޓް ބަރޯސާ ވަނީ މި ކޯރުން ލިބޭ ފެނުގެ މައްޗަށެވެ.
"މިއީ ނިއުކްލިއާ ބާރު ހުރި ދެ އަވަށްޓެރިންގެ ދެމެދުގައި އަލުން ހަނގުރާމައެއް ފެށުމުގެ ފުރުސަތު އޮތް ކަމެއް،" ސިޔާސީ ތަޖުރިބާކާރަކު ބުންޏެވެ.
އދ.އިންނާއި ދުނިޔޭގެ ބައެއް ވެރިން ވަނީ ޓޫރިސްޓުންނަށް އަމާޒުކޮށް ދިން ހަމަލާ ކުށްވެރިކޮށް، ދެ ގައުމުގެ ދެމެދުގައި ހޫނުވަމުންދާ މަސްރަހު ފިނިކުރަން ގޮވައިލައިފައެވެ.
ގިނައިން އިންޑިއާގެ ރައްޔިތުން މަރުވި ހަމަލާއާ ގުޅިގެން އިންޑިއާއިން މިހާރު ވަނީ ޕާކިސްތާންގެ ޑިޕްލޮމެޓުން ބޭރުކޮށްލައި، ދެ ގައުމުގެ ދެމެދުގައި އެންމެ ފަސޭހަކޮށް މީހުން ދަތުރުކުރާ އައްޓަރި-ވަގަހު ބޯޑަރު ބަންދުކޮށްލައި، ޕާކިސްތާނަށް ދަތުރު ނުކުރުމަށް އިންޑިއާ ރައްޔިތުންނަށް ނަސޭހަތްތެރިވެފައެވެ.

ޕަހަލްގަމްގައި ޓޫރިސްޓުންނަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅުމެއް ނުވާ ކަމަށް ބުނެ ޕާކިސްތާނުން ވަނީ އިންޑިއާގެ ޑިޕްލޮމެޓުން ބޭރުކޮށްލައި، އިންޑިއާގެ ފްލައިޓްތަކަށް ޕާކިސްތާންގެ ވައިގެ ސަރަހައްދު ބަންދުކޮށްލައިފައެވެ. މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ކުރަމުން އަންނަ ވިޔަފާރި ވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.
އިންޑިއާއިން އެޅި ފިޔަވަޅުތަކުގެ ތެރޭގައި އަންނަ އާދީއްތަ ދުވަހާ ހަމައަށް ޕާކިސްތާންގެ ހުރިހާ ރައްޔިތުން އިންޑިއާއިން ފޭބުމަށް ވަނީ އަންގައިފައެވެ. ޕާކިސްތާން ރައްޔިތުންނަށް ދީފައިވާ ސިއްހީ ވިސާތަކުގެ މުއްދަތު އަންނަ އަންގާރަ ދުވަހާ ހަމައަށް ބާތިލުވާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފައެވެ. މީގެ އިތުރުން ދެކުނު އޭޝިއާގެ ގައުމުތަކުގެ އެއްބާރުލުމުގެ ޖަމިއްޔާ ކަމަށްވާ ސާކްގެ ދަށުން ވިސާ ނަގަން ނުޖެހޭ މަޝްރޫއުން ޕާކިސްތާން ވަނީ އުނިކޮށްފައެވެ.
ހަމަލާދިން ކަމަށް ޝައްކު ކުރެވިގެން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. އެއީ ވަސީމް އަހްމަދު ޝާހު އާއި އަދްނާން އަހްމަދު ބައިޣްއެވެ. އެ މީހުން ހައްޔަރުކުރިއިރު އަތުގައި ހަތިޔާރު ހުއްޓެވެ. އޭގެ ތެރޭގައި ފިސްތޯލައަކާއި ގްރެނޭޑަކާއި އޭ.ކޭ-47 ބަޑީގެ 120 ވަޒަން ހިމެނެއެވެ.

ކަޝްމީރު ރެސިސްޓެންސުން ބުނީ ހަމަލާދިނީ ކަޝްމީރުން ބޭރު ރައްޔިތުން ކަޝްމީރުގައި ވަޒަންވެރިވާން އިންޑިއާއިން ހުއްދަ ދޭތީ ކަމަށެވެ.
ބައެއް ފަރާތްތަކުން ޝައްކުކުރަނީ ކަޝްމީރު ރެސިސްޓެންސަކީ ޕާކިސްތާންގެ ލަޝްކަރޭތޮއިބާއާ ގުޅިފައިވާ ގްރޫޕެއް ކަމަށެވެ.



advertisment