Support Us

ފަލަސްތީން އޮތޯރިޓީ (ޕީ.އޭ)ގެ ރައީސް މަހްމޫދު އައްބާސް

ޣައްޒާ ރަށްވެހިންގެ ކިބައިން އައްބާސް މައާފަށް އެދެން ގޮވައިލައިފި

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ޒިންމާ ނަގަން ޖެހޭނީ ޣައްޒާ ރައްޔިތުންނާއި ހަމާސް ކަމަށް، ހުޅަނގު އައްސޭރި ހިންގާ ފަލަސްތީން އޮތޯރިޓީ (ޕީ.އޭ)ގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވުމުން އެ ކަމަށް މައާފަށް އެދިވަޑައިގަތުމަށް ހަމާސް އާއި މުޖާހިދީން މުވްމަންޓުން މިއަދު ގޮވައިލައިފިއެވެ.

އިއްޔެ ދެއްވި ތަގުރީރެއްގައި އައްބާސް ވިދާޅުވީ ޣައްޒާ ހިންގާ ހަމާސްއިން ރަހީނުން ދޫކޮށްނުލުންވެފައިވަނީ ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާން ކުރިއަށްގެންދަން އިސްރާއީލަށް ލިބިފައިވާ އުޒުރެއް ކަމަށެވެ.

ކުޑައިމީސްކޮށްލަން އަރަބިން ބޭނުންކުރާ އިހާނެތި ބަހެއްކަމަށްވާ "ކުއްތާގެ ދަރިން"، މި ބަސް ހަމާސްއަށް އަމާޒުކުރައްވައި އައްބާސް ވިދާޅުވުމުން ހަމާސްއިން ވަނީ މި ކަން ވަގުތުން ކުށްވެރިކޮށްފައެވެ. އައްބާސް ވިދާޅުވީ ހަމާސްގެ ދަށުގައިވާ ރަހީނުން ދޫކޮށްލައި އިސްރާއީލުގެ އުދުވާނުން ފަލަސްތީން ރައްޔިތުން ސަލާމަތްކުރަން ޖެހޭ ކަމަށެވެ.

"މިއީ އިހާނެތި ބަހެއް. ފަލަސްތީންގެ މައްޗަށް އިސްރާއީލުން ހިންގާ އުދުވާނުގެ ޒިންމާ އައްބާސް އަޅުއްވަނީ ފަލަސްތީން ރައްޔިތުންގެ ބޮލުގައި،" ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ ބާސިމް ނައީމް ބުންޏެވެ.

މުޖާހިދީން މުވްމަންޓުން ވެސް ވަނީ އައްބާސްގެ ތަގުރީރު ކުށްވެރިކޮށްފައެވެ.

"މިއީ ފަލަސްތީން ރައްޔިތުންގެ ގުރުބާނީއަށް ވިދާޅުވި އިހާނެތި ބަހެއް. މި ކަމަށް އައްބާސް މައާފަށް އެދިވަޑައިގަންނަވަން ޖެހޭނެ،" އެ ގްރޫޕުން ބުންޏެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނީ އައްބާސް މިހެން ވިދާޅުވުމުން ފަލަސްތީން ރައްޔިތުންގެ މެދުގައި އޮތް އެއްބައިވަންތަކަމަށް ބުރޫއަރާނެ ކަމަށާއި މިއީ އިސްރާއީލުން ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް ޖަރީމާތައް ހިންގާ ދަނޑިވަޅެއްގައި އިސްރާއީލަށް ހިތްވަރު ލިބޭ ފަދަ ވާހަކަތަކެއް ކަމަށެވެ. އޮކްޓޫބަރު 2023 ގައި ފެށި ޣައްޒާ ހަނގުރައިމައިގައި މިހާތަނަށް ފަލަސްތީންގެ 51،305 ރައްޔިތުން ޝަހީދުކޮށްލައިފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *