ފަލަސްތީން ރެޑް ކްރެސެންޓްގެ މެޑިކުންގެ އިތުރުން ފަލަސްތީންގެ މަދަނީ ދިފާއި އިދާރާގެ ހަ މުވައްޒަފުންނާއި އަދި އދ.ގެ މުވައްޒަފެއް ހިމެނޭ ގޮތަށް ޖުމުލަ 15 ސިއްހީ އެހީތެރިން މިދިޔަ މަހު 23 ގައި ގަސްދުގައި މަރައިލުމުގެ މައްސަލައިގައި އިސްރާއީލު އަސްކަރިއްޔާއިން ހިންގި އެތެރޭގެ ތަހުގީގުގެ ނަތީޖާ މިއަދު ހާމަކުރިއިރު ފަޅާއެރީ ތަހުގީގުގައި ހަމަނުޖެހޭ ކަންތައްތަކެއް ހުރި ކަމެވެ.
"އަހަރެމެންގެ ތަހުގީގުން އެނގުނީ އިސްރާއީލު ސިފައިންނާ ދެކޮޅަށް ކުރީ ދޮގު ތުހުމަތުތަކެއްކަން،" އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ރަސްމީ ބަޔާނުގައި ބުންޏެވެ.
"ޕްރޮފެޝަނަލްކޮށް ވަރަށް ގިނަ ކަންތައްތައް ކުރުމުގައި އަހަރެމެންގެ ސިފައިން ފޭލިވި ކަމަށް އެއްބަސްވަން. އަދި ބައެއް ސިފައިން ވަނީ އަމުރުތަކާ ހިލާފުވެފައި. މީގެ އިތުރުން މި ހާދިސާގެ ފުރިހަމަ މައުލޫމާތު އިސްރާއީލު ސިފައިން އަސްކަރިއްޔާގެ މައި ފަރާތްތަކަށް ރިޕޯޓު ކުރުމުގައި ވެސް ފޭލިވެފައިވޭ. މިހެންވެ ކޮމާންޑަރެއްގެ ނައިބެއް ވަޒީފާއިން ވަކި ކުރަން ނިންމައިފައިވޭ،" ބަޔާނުގައި ބުންޏެވެ.
އިސްރާއީލުގެ އަސްކަރިއްޔާގެ މި ތަހުގީގުގެ ހޯދުންތަކާ ހިލާފަށް ލިބެން ހުރި ހެކިތަކުގައި، ރެޑް ކްރެސެންޓްގެ ވެހިކަލްތަކާއި މެޑިކުންނާ ދިމާއަށް ވަކި ހަމައެއް ނެތި އެތައް ފަހަރަކު ބަޑިޖަހައިފާ ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ. އަދި 15 ހަށިގަނޑު ވަޅުގަނޑަކުން ނެގި މީހުންނަށް ފެނުނީ އޭގެ ތެރެއިން ބައެއް މީހުންގެ އަތްފައި ބަނދެ ގަޔަށް ބަޑިޖަހައިފައިވާ ކަމުގެ ނިޝާންތަކެވެ.
މީގެ އިތުރުން ޝަހީދުކޮށްލި މެޑިކެއްގެ ފޯންގައިވާ ވީޑިއޯއަކުން ފެންނަނީ ރެޑް ކްރެސެންޓާއި އދ.ގެ ވެހިކަލްތަކާއި އަލިފާން ނިއްވާ ލޮރީއެއް ނަން ބޯޑު ހަރުކޮށްގެން އަދި ލައިޓްތައް ދިއްލައިގެން ދުއްވި މަންޒަރެވެ. އިސްރާއީލު އަސްކަރިއްޔާއިން މިއަދު ނެރުނު ބަޔާނުގައި ބުނީ މިއީ ކޮން ކަހަލަ ވެހިކަލްތަކެއްކަން ނޭނގޭ ކަމަށާއި ވެހިކަލްތައް އައީ "ޝައްކު އުފެދޭ ގޮތަކަށް" ކަމަށާއި "ހަމާސްގެ ވެހިކަލްތަކެއް ކަމަށް ހީކޮށް ބަޑިޖެހީ" ކަމަށެވެ.
ފަލަސްތީން ރެޑް ކްރެސެންޓްގެ ސިއްހީ އެހީތެރިން ޝަހީދުކޮށްލުންވެގެން ދިޔައީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކާއި ބައިނަލްއަގުވާމީ އެހެނިހެން ފަރާތްތަކުން ފާޑުކިއި ކަމަކަށެވެ. އަދި އިސްރާއީލުގެ އަސްކަރިއްޔާއިން އެތެރޭގެ ތަހުގީގެއް ހިންގުމުގައި ތެދުވެރިވާނެތޯ ސުވާލު އުފައްދައިފައިވެއެވެ.
އިސްރާއީލުގެ ސިޔާސީ ތަޖުރިބާކާރެއް ކަމަށްވާ އަކިވާ އެލްޑާ އަލްޖަޒީރާއަށް ބުނީ ފަލަސްތީންގެ ސިއްހީ އެހީތެރިން ޝަހީދުކޮށްލުމުގައި އިސްރާއީލުގެ "ފުންކަން ބޮޑު ނިޒާމީ މައްސަލައެއް"ވާ ކަމަށެވެ.
"ގައްޒާ މައްސަލައިގައި އެއްވެސް ބަޔަކަށް އިސްރާއީލާ ނުކުޅެލެވޭނެކަމުގެ މާހައުލެއް އުފައްދައިފައިވަނީ. އިސްރާއީލުގެ ކޮންމެ ސިފައިންގެ މީހަކު އަމަލު ކުރަނީ ޖެނެރަލެއްހެން. އެ މީހަކު އަމަލުކުރާނެ ގޮތެއް ނިންމަނީ އެ މީހަކު އަމިއްލައަށް. މި ކަމާ އިސްރާއީލުގެ އާއްމު ރައްޔިތުން އެންމެ ކުޑަމިނުން އަޅާނުލައި ތިބެދާނެ. ނަމަވެސް އެންމެ ނުބައިކޮށް ބަލާއިރު އިސްރާއީލުގެ އާއްމުން އިސްރާއީލުގެ ސިފައިންގެ މި ފަދަ އަމަލުތަކަށް ތާއީދުކުރޭ،" އަކިވާ ބުންޏެވެ.
އޭނާ އަލިއަޅުވައިލި ގޮތުގައި ފަލަސްތީން ރެޑް ކްރެސެންޓް މެޑިކުން ގަސްދުގައި ޝަހީދުކޮށްލި މައްސަލައިގެ ހަގީގަތް ހޯދުމަށް މީޑިއާއިން ތަހުގީގު ނުކުރި ނަމަ އިސްރާއީލުގެ ބަސް ދޮގުކުރަން ވަރަށް އުނދަގުވީހެވެ.
"އަހަރެމެންނަށް އެނގޭ ކަމަކީ އިސްރާއީލުގެ އަސްކަރިއްޔާއަށް އިތުބާރު ކުރެވޭކަށް ނެތްކަން. ޝަހީދުކޮށްލި މެޑިކްގެ ފޯނުން އެ ވީޑިއޯ ދަ ނިއު ޔޯކް ޓައިމްސް ނޫހަށް ނުލިބުނު ނަމަ އަހަރެމެންނަށް ހަގީގަތް ނޭނގޭނެހެން އަހަރެންނަށް ހީވަނީ. މި މައްސަލަ ވީސް އިސްރާއީލުން ފަސް އަޅައިލި އިތުރު މައްސަލައަކަށް،" އަކިވާ ބުންޏެވެ.
ފަލަސްތީން ރެޑް ކްރެސެންޓްގެ މުވައްޒަފުން ގަސްދުގައި ޝަހީދުކޮށްލުމުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކާއި ބައިނަލްއަގުވާމީ އެހެން ފަރާތްތަކުން، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަސްކަރީ އުދުވާނަށް ފާޑުކިޔުން އަންނަނީ އިތުރުވަމުންނެވެ. އާއްމުންނާއި އިންސާނީ މަސައްކަތްތެރިންނާ ދެކޮޅަށް އިސްރާއީލު ސިފައިން ހިންގަމުންދާ، ޒިންމާ ނުކުރުވޭ، އަނިޔާވެރިކަމަށް، ކުރީއްސުރެ ވެސް މި ފަރާތްތަކުން އަންނަނީ ސަމާލުކަން ގެންނަމުންނެވެ.



advertisment