Support Us

އެމެރިކާގެ ހާރިޖީ ވަޒީރު މަރްކޯ ރޫބިއޯ

އެމެރިކާ ވިސާ ދިނުމުގެ ކުރިން ޣައްޒާއަށް ޒިޔާރަތްކުރި މީހުންގެ ސޯޝަލް މީޑިއާ ބަލަނީ

މީގެ ފަހުން އެމެރިކާއަށް ވަނުމަށް ވިސާ ދޫކުރާނީ ވޭތުވެދިޔަ 18 އަހަރުގެ ތެރޭގައި ޣައްޒާއަށް ޒިޔާރަތްކުރި މީހުންގެ ސޯޝަލް މީޑިއާގައި ހުރީ ކޮން އެއްޗެއްތޯ ބަލައިފައިކަމަށް އެމެރިކާގެ ހާރިޖިއްޔާއިން ބުނެފިއެވެ.

މި ގޮތަށް ވަންނަ މީހުންގެ ތެރޭގައި އެމެރިކާއަށް ހިޖުރަ ކުރާ މީހުންނާއި ހިޖުރަ ކުރުމުގެ ނިޔަތުގައި ނޫން ގޮތަށް ޒިޔާރަތް ކުރާ މީހުންނާއި ކިޔަވާކުދިންނާއި ޓޫރިސްޓުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ މުވައްޒަފުންނާއި ވޮލަންޓިއަރުން ހިމެނޭ ކަމަށާއި މުއްދަތު ބަލާނީ 2007 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެކަކުން ފެށިގެން ކަމަށް ހާރިޖީ ވަޒީރު މަރްކޯ ރޫބިއޯ ވިދާޅުވިއެވެ.

"ސަލާމަތީ ކަންތައްތަކަށް ފާޑުކިޔާފައި ހުންނަ މައުލޫމާތު މި ފަރާތްތަކުގެ ސޯޝަލް މީޑިއާގައި ހުރި ނަމަ މި ފަދަ މީހުންނަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްތޯ ބެލުމަށް ތަހުގީގުކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް މި ފަދަ ފަރާތްތަކުގެ ސޯޝަލް މީޑިއާގައި ހުރި މައުލޫމާތު ފޮނުވުމަށް" އެދި މަރްކޯ ވަނީ ހާރިޖިއްޔާއަށް ކޭބަލްއެއް ފޮނުވައިފައި ކަމަށް ރޮއިޓާސްއިން ރިޕޯޓުކުރިއެވެ.

މި އަހަރުގެ މިހާތަނަށް 300 އަށްވުރެ ގިނަ ވިސާ ކެންސަލްކޮށްފައިވާ ކަމަށް ވެސް މަރްކޯ ވިދާޅުވިއެވެ. މީގެ ތެރޭގައި އިސްރާއީލުން ޣައްޒާގެ މައްޗަށް ހިންގަމުންދާ ހަނގުރާމައަށް ފާޑުކިޔާ، ކިޔަވާކުދިންކަމުގެ ވިސާ ލިބިފައިވާ ފަރާތްތަކުގެ ވިސާ ވެސް ބާތިލުކޮށްފައިވެއެވެ. ނަމަވެސް، ވިސާއަށް ބެލުމެއް ނެތި، އެމެރިކާގައި ހުރި ކޮންމެ މީހަކަށް ވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އެމެރިކާގެ ގާނޫނުއަސާސީން ދީފައިވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ވިދާޅުވެފައިވަނީ މި ފަދަ ދަރިވަރުންގެ ހަރަކާތްތަކަކީ އެމެރިކާގެ ހާރިޖީ ސިޔާސަތަށް ހުރި ނުރައްކަލެއް ކަމަށެވެ.

އޮކްޓޫބަރު 2023 ގެ ހަތެއްގައި ފެށި ޣައްޒާ ހަނގުރައިމައިގައި އިސްރާއީލުން ދައްކަމުންދާ އަނިޔާވެރިކަމާ ދެކޮޅަށް، އެމެރިކާގައި ތައުލީމު ދޭ މުއައްސަސާތަކުގައި ދަރިވަރުން މުޒާހަރާ ކުރާތީ ޓްރަމްޕް ވަނީ މި ފަދަ ތަންތަނާ ދެކޮޅަށް ފިޔަވަޅު އަޅުއްވަން ފަށްޓަވައިފައެވެ.

ޓްރަމްޕް އެންމެ ފަހުން ފިޔަވަޅު އެޅުއްވީ ހާވަޑް ޔުނިވާސިޓީއާ ދެކޮޅަށެވެ. އެ ގޮތުން އޭނާގެ ސަރުކާރުން ކަނޑައެޅި ސިޔާސަތުތަކެއް ތަންފީޒު ކުރުމާ ދެކޮޅު ހެދުމުން ޓްރަމްޕް ވަނީ އެ ޔުނިވާސިޓީއަށް ސަރުކާރުން ދޭން ކަނޑައެޅި ދެ ބިލިއަން ޑޮލަރު (30 ބިލިއަން ރުފިޔާ) ހިފަހައްޓަވައިފައެވެ.

ޓްރަމްޕް ހުށަހެޅުއްވި ސިޔާސަތުތަކުގެ ތެރޭގައި އެމެރިކާގެ ވެލިއުސް އާއި މުއައްސަސާތަކާ ދެކޮޅު ހިޔާލުތައް ގެންގުޅޭ މީހުންނަށް ޔުނިވާސިޓީގެ ދަރިވަރުކަން ނުދިނުމަށާއި އަދި ޔަހޫދީ ނަސްލާ ދެކޮޅަށް ގެންގުޅޭ އެންޓި-ސެމިޓިސަމް ތައައްސުބުގެ މައްސަލަ ހައްލުކުރުން ހިމެނެއެވެ.

މި ހަފުތާގެ ކުރީކޮޅު އެމެރިކާގެ ދާހިލީ ސަލާމަތާ ބެހޭ ވުޒާރާއިން ބުނީ ބައިނަލްއަގުވާމީ ދަރިވަރުން ބޭތިއްބުމުގެ ގާނޫނީ ހައިސިއްޔަތެއް ހާވަޑް ޔުނިވާސިޓީގައި މިހާރު ނެތްކަން އެކަށީގެންވާ ކަމަށެވެ. އެއީ "ހައްދުފަހަނަޅައިފައިވާ ނަޒަރިއްޔާތަކާއި" އަދި "ޔަހޫދީންނާ ދެކޮޅު ނަފުރަތު ފަތުރާ މުވައްޒަފުންނާއި އެމެރިކާގެ ވިސާ ގެންގުޅޭ އެހެން ގައުމުތަކުގެ ދަރިވަރުން މުޒާހަރާކުރާތީ" ކަމަށެވެ.

ޣައްޒާ ހަނގުރާމައިގައި މިހާތަނަށް ފަލަސްތީންގެ 50،000 އަށްވުރެ ގިނަ ރައްޔިތުންވަނީ ޝަހީދުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *