އިންޑިއާގެ އެއާލައިނެއްގައި އެއާ ހޮސްޓެސްއެއްގެ ވަޒީފާ އަދާކުރާ އުމުރުން 46 ގެ އަންހެނަކު އޭނާ ހޮސްޕިޓަލެއްގައި މުޅިން ހޭނާރާ ވެންޓިލޭޓަރުގައި އޮއްވައި ރޭޕްކޮށްލިކަމަށް ތުހުމަތުކޮށްފިއެވެ.
ވެސްޓް ބެންގަލް ސްޓޭޓްގެ އަންހެންމީހާ ހޮސްޕިޓަލަށް ގެންދިޔައީ ވެރިރަށް ދިއްލީ ކައިރީގައި ހުންނަ ޓެކް މަރުކަޒެއްގެ ސްވިމިން ޕޫލެއްގައި ތަމްރީން ހަދަމުން އަންނަނިކޮށް ކިރިޔާކިރިޔާ ނުގެނބުމުންނެވެ.
މެޑަންޓާ ހޮސްޕިޓަލަށް މި މަހު ފަހެއްގައި ގެންގޮސް ކުއްލި ފަރުވާގައި ހަފުތާއަކަށްވުރެ ގިނަ ދުވަހު ބޭއްވިއެވެ.
މި މަހު ހައެއްގައި ވެންޓިލޭޓަރުގައި އޮއްވާ އޭނާ ރޭޕްކޮށްލީ ހޮސްޕިޓަލްގެ ވޯޑުގައި މަސައްކަތްކުރާ މުވައްޒަފެއް ކަމަށް އޭނާ ތުހުމަތުކުރިއެވެ.
އޭނާ ބުނީ އޭނާ ބާއްވައިފައިވާ އައި.ސީ.ޔޫ ކޮޓަރީގައި ދެ ނަރުހުން ތިބި ކަމަށާއި ނަމަވެސް އޭނާ ރޭޕްކުރަން އުޅުމުން އެ ދެ ނަރުހުން އެ ކަން ނުހުއްޓުވި ކަމަށެވެ.
"އޭނާ އޮތީ ވާހަކަ ދެއްކޭ ހާލަތެއްގައެއް ނޫން. އޭނާ ރޭޕްކޮށްލި މީހާގެ އަމަލުތަކާ ދެކޮޅު ހެދުމަށްވުރެ ނިކަމެތި ހާލަތެއްގައިވެސްމެ،" އޭނާގެ ފަރާތުން ހުށަހެޅި ޝަކުވާގައި ބުނެފައިވެއެވެ.
ފިރިމީހާގެ ގާތުގައި އޭނާ މި ވާހަކަ ކިޔައިދިނީ ހޮސްޕިޓަލުން ދޫކޮށްލިތާ ހަ ދުވަސް ފަހުންނެވެ.
"ދެން ދެމަފިރިން މި ޝަކުވާ ހުށަހެޅީ،" އިންޑިއަން އެކްސްޕްރެސްއިން ރިޕޯޓުކުރިއެވެ.
ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށައިފައެވެ.
"ސީސީޓީވީ ފުޓެޖް ހޯދައިފިން. އޭނާއާ މުއާމަލާތްކުރި މުވައްޒަފުންނާ މި އަންނަނީ ސުވާލު ކުރަމުން،" ގުރުގްރަމްގެ ފުލުހުންގެ ކޮމިޝަނަރުގެ ނައިބު ގައުރަވް ބުންޏެވެ.
"ތަހުގީގަށް އެއްބާރުލުން ދެމުން މި އަންނަނީ. އޭނާ ކުރި ތުހުމަތުތައް ކަށަވަރު ކުރަން އަދި އެހާ ރަނގަޅު ހެކިތަކެއް ލިބިފައެއް ނެތް،" ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އިންޑިއާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދެއްކި ގޮތުގައި 2022 ގައި އަންހެނުންނާ ދެކޮޅަށް ކޮށްފައިވާ ކުށްތަކުގެ އަދަދަކީ 445،256 އެވެ. މިއީ އޭގެ ކުރީ އަހަރަށްވުރެ ހަތަރު ޕަސެންޓްގެ އިތުރުވުމެކެވެ. މީގެ މާނައަކީ ގަޑިއަކު 51 ކުށް އަންހެނުންނާ ދެކޮޅަށް ކުރެއެވެ. އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނީ ގިނަ ކުށްތައް ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ނުކުރާތީ މި އަދަދު އިތުރުވުން އެކަށީގެންވާ ކަމަށެވެ.



advertisment