Support Us

ބީއެމްއެލްގެ އޭޓީއެމް ހިދުމަތް ދ. އާއި ހއ.ގެ ހުރިހާ ރަށަކަށް

ބީއެމްއެލްގެ އޭޓީއެމް ދ. އަދި ހއ. އަތޮޅުގެ ހުރިހާ ރަށެއްގައި ބަހައްޓައިފިއެވެ.

ދ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކުރުމާއެކު 25 ފެބްރުއަރީން މި މަހު ނުވައަކަށް 13،000 މުއާމަލާތްކޮށްފައިވެއެވެ. މި މުއާމަލާތްތަކުގެ އަގު 47 މިލިއަން ރުފިޔާއަށް އަރާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

"މި މުއްދަތުގައި ޖަމާކޮށްފައިވާ އަދަދު 10.2 މިލިއަން ރުފިޔާއަށް އަރާ،" ބީއެމްއެލްއިން އިއްޔެ ބުންޏެވެ.

ހއ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުން މި ދިޔަ މަހުގެ 24 އިން މި މަހު ނުވައަކަށް 21،600 މުއާމަލާތްކޮށްފައިވެއެވެ. މި މުއާމަލާތްތަކުގެ އަގު 50 މިލިއަން ރުފިޔާއަށް އަރާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

"މި މުއްދަތުގައި ޖަމާކޮށްފައިވާ އަދަދު 15 މިލިއަން ރުފިޔާއަށް އަރާ،" ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްއިން އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ އޭޓީއެމް ވިއުގައިން ޖަނަވަރީ އެކަކުން ފެށިގެން ދުވާލަކު 15،000 މުއާމަލާތްކޮށްފައިވެއެވެ. މި މުއާމަލާތްތަކުގެ އަގު 41 މިލިއަން ރުފިޔާއަށް އަރާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

"މި މުއްދަތުގައި ދުވާލަކު ޖަމާކޮށްފައިވާ އަދަދަކީ 12.3 މިލިއަން ރުފިޔާ،" ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްގެ މުޅި އޭޓީއެމް ވިއުގައިން ޖަނަވަރީ އެކަކުން ފެށިގެން ދުވާލަކު 30،000 މުއާމަލާތްކޮށްފައިވެއެވެ. މި މުއާމަލާތްތަކުގެ އަގު 99 މިލިއަން ރުފިޔާއަށް އަރާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

"މި މުއްދަތުގައި ދުވާލަކަށް ޖަމާކޮށްފައިވާ އަދަދަކީ 28.6 މިލިއަން ރުފިޔާ،" ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްއިން އަމާޒު ހިފައިފައިވަނީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދޭށެވެ.