Support Us

ސޫރައަށް ވުރެ ކުރީން އެނގި ދަސްވީ އެ ނަމެވެ.

މަޑުލު ވަހީދުގެ ސޫރައަށް ވުރެ ކުރީން އަޅުގަނޑަށް އެނގި ދަސްވީ އެ ނަމެވެ. ލަފުޒުތަކާ ޢިބާރާތްތަކުންނެވެ. އެ މަނިކުފާނުގެ ހިނގާ ގަލަންކޮޅުގެ މަތިވެރި ޚިދުމަތުންނެވެ. ދިރިއުޅުމުގެ ފަލްޞަފާ އަންގައިދޭ އެކިއެކި ޢިބުރަތްތެރި ލިޔުންތަކުންނެވެ. ވަޙީދުގެ ކުރުވާހަކަތަކުންނެވެ. ބައެއް ވާހަކަތަކަކީ ތަކުރާރުކޮށް އަޅުގަނޑު ކިޔާފައިވާ ވާހަކަތަކެވެ. ބައެއް އިބާރާތްތަކާ ލިޔުންތަކަކީ އަޅުގަނޑުގެ ހިތާ ސިނކުޑީގައި ހަރުލާފައިވާ ލިޔުންތަކާ ޢިބާރާތްތަކެވެ. ރީތިކަމުންނެވެ. އަދަބީ ޒައުޤުގެ މަތިވެެރިކަމުންނެވެ.

އަބަދުވެސް ދިވެހިބަހުގެ ކަންކަމުގައި އުޅުމަށް އޮންނަ ޝައުޤެއްގެ ބޮޑުކަމުން 14 އޭޕްރީލް އަށް ތައްޔާރުވެވެ އެވެ. އެއީ މިއަދަކީ ދިވެހިބަހުގެ ދުވަހަށް ވާތީއެވެ. ނަމަވެސް މިއަދުގެ އިރާއެކު ލިބުނު ޚަބަރުން ސިހުން ގެނުވިއެވެ. ހިނދުކޮޅަކަށް ލިބުނު ޚަބަރު ޔަޤީން ނުވެގެން ވިސްނާލަން އިނދެވުނެވެ. އާދެ ދިވެހި ބަހުގެ ދުވަސް މިއަދު މި ފެށުނީވެސް ހިތާމަވެެރި ޚަބަރަކާއެކުއެވެ. ހިތާމައިގެ ގިހެއް ލަމުންނެވެ. ދިވެހިބަސް ފަދައިންނެވެ. ދިވެހި ބަހާ އަދަބިއްޔާތަށް އަގުނުކުރެވޭ ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ މުޙައްމަދު ވަޙީދު ( މަޑުލު) ގެ ހަޔާތުގެ ބައްތި ނިވި ނިމުމެއް ނުވާ ދުނިޔެއަށް ދަތުރުކުރި ޚަބަރު ދެމުންނެވެ.

ކުރިން އެ ޝަޚުސިއްޔަތު ދަންނަނީ ލިޔުންތަކާ ޢިބާރާތާ ފޮތުގެ ދުނިޔޭން ކަމުގައި ވިޔަސް 2001 ވަނަ އަހަރު އަޅުގަނޑު ސާނަވީ މުދައްރިސްކަމުގެ ކޯސް ހަދަމުން ދިޔައިރު މި ޝަޚުސިއްޔަތާ އަޅުގަނޑާ ބައްދަލުވިއެވެ. އެސައިމެންޓަށް މައުލޫމާތު ހޯދުމަށް ކުރެވުނު އިންޓަރވިއުއަކުންނެވެ. އެ ދުވަހު ބައްދަލުވެ ވާހަކަ ދައްކައިލުމުން ހިތުގައި އެ ޝަކުސިއްޔަތަށް އޮތް ޤަދަރާ ލޯބި އިތުރުވެގެން ދިޔައެވެ. ވާހަކަ ދެއްކުމުގެ ސާދާކަމާ އޯގާތެރިކަމުންނެވެ. މަޑުމައިތިރި މިޒާޖު ފެނިފައެވެ.

ސާނަވީ މުދައްރިސްކަމުގެ ކޯސްނިމި ބަހުގެ ދާއިރާގައި ޚިދުމަތްކުރަން ފެށި ހިސާބުން މަޑުލު ވަޙީދުއާ ގިނައިން ބައްދަލުވެ ވާހަކަދެކެވެން ފެށުނެވެ. ބައްދަލުވާ ކޮންމެ ފަހަރަކު ހާލު ބައްލަވައެވެ. ދަތިކަމެއް އޮތްތޯ އައްސަވާނެއެވެ. ރަނގަޅޭ ބުނި ކަމުގައިވިޔަސް ތިޔައީ ހިތުގެ އަޑީން ބުނާއެއްޗެއްތޯ އައްސަވާނެއެވެ. ދިރިއުޅުގެ އެކިއެކި ކަންކަމުގެ ނަޞޭހަތްދީ ހައްދަވައެވެ. ފޮތެއް ލިޔުއްވައިފިނަމަަ އަޅުގަނޑަށް ދެއްވައެވެ. ފިރިމިހާ އަތަށް ދިފައިވެސް ފޮނުއްވާނެއެވެ. ދިރިއުޅުމުގައި ބާގަނޑެއް ހެދުނަ ނުދީ އުޅުމަށް ނަޞޭހަތް ދެއްވައެވެ. ބައްޕައަކު ފަދައިންނެވެ. މަގެއް މަތިން ބައްދަލުވިޔަސް ހުއްޓިވަޑައިގެން އެތައް އިރަކު ވާހަކަދައްކަވަން ހުންނަވާނެއެވެ.

ހަޔާތުގެ އަޑިގުޑަންތަކުގައި ފޯނުން ވެސް ވަހީދު އަޅުގަނޑުގެ ހާލުބައްލަވައެވެ. މިއަދު އެ ހަނދާނުގެ ސިލްސިލާގެ ފަތްފުއްތައް ނިއުޅި ހުޅުވި ލޯ ކުރިމަތީ ސިފަވަމުންދާއިރު، ތަކުރާރުކޮށް ޢާއިލީ ގުޅުން ދެމެހެއްޓުމުގެ މުހިއްމުކަމާ ސާބިތުކަމާއެކު ހަޔާތުގެ ޞަފްޙާތައް ފުރުމަށް ދިން ހެޔޮ ނަސޭހަތްތައް ކަންފަތުގައި ގުގުމަމުން ދާހެން ހީވެއެވެ. ކެތްތެރިކަން އިސްކުރުމަށާ ޝުކުރުވެރިކަމާއެކު ހަޔާތުގެ ދަތުރު ނިންމުމަށް ދިން ނަސޭހަތްތައް ހަނދާންވެއެވެ. ދިރިއުޅުމުގެ ގޮންޖެހުންތަކާ ކުރިމަތިލައި ދަތި އުނދަގޫ ރާސްތާތައް ކަޑަތުކުރުމަަށް ހިތްވަރުދެއްވައެވެ. ތަކުރާރުކޮށް ދަރީންގެ ހާލު ބެއްލެވިއެވެ. ޚާއްޞަކޮށް ކުޑަދަރިފުޅުގެ ހާލަތު އައްސަވައި ގޮންޖެހުންތަކާ ހިތްވަރާއެކު ކުރިމަތިލުމަަށް ހިތްވަރު ދެއްވިއެވެެ.

އަޅުގަނޑުގެ ހިތުގެ ވިންދުން ތަކުރާރުކޮށް ކުރެވޭ ދުޢާ އަކީ މަޑުލު މުޙައްމަދު ވަޙީދުގެ ފާފަ ފުއްސަވައި ޢަފޫކުރައްވައި ކަށްވަޅު އަލި ކުރައްވައި ފަސޭހަ ކުރައްވުމެވެ. މަރްޙޫމަށް މާތްﷲ ފުއްސެވުމާއި ރުއްސެވުން ދެއްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި!

އަދި އާއިލާއަށް ކެތްތެރިކަން ދެއްވާށި!

އާމީން!

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *