Support Us

އިސްރާއީލުން އިއްޔެ ދިން ވައިގެ ހަމަލާގައި އަލް-އަހުލީ ހޮސްޕިޓަލްގެ އީ.އާރް، ފާމަސީ އަދި ވަށައިގެންވާ އިމާރަތްތައް ހަލާކުވެފައި

ޣައްޒާގައި ސަލާމަތުން މިހާރު ހުރި ހަމައެކަނި ހޮސްޕިޓަލަށް ހަމަލާ

ޣައްޒާގައި މިހާރު ސަލާމަތުން ހުރި ހަމައެކަނި ހޮސްޕިޓަލަށް ހަމަލާ ދީ އެ ތަނުގެ ބައެއް ހަލާކުކޮށްލައިފައެވެ.

ނަސޯރާ ބަޔަކު ހިންގާ އަލް-އަހުލީ ބެޕްޓިސްޓް ހޮސްޕިޓަލުން ބުނީ ހަމަލާ ދޭން އުޅޭ ކަމަށް އިސްރާއީލުގެ އޮފިޝަލަކު އިންޒާރު ދިނީ އެންމެ 20 މިނެޓަށްވެފައި ވަނިކޮށްކަމަށާއި ބަލިމީހުން ބޭރަށް ނެރެވުނު ނަމަވެސް ކުއްލި ފަރުވާ ނުދެވުމުން އޭގެ ތެރެއިން އެކަކު މަރުވިކަމަށެވެ.

"ހަމަލާ ދިނުމުން ހޮސްޕިޓަލްގެ ހިންގުން އެއްކޮށް ހުއްޓިއްޖެ،" އޮފިޝަލަކު ބުންޏެވެ.

ހަމަލާ މި ދިނީ ނަސޯރާއިން "ޕާމް ސަންޑޭ"ގެ ގޮތުގައި ފާހަގަކުރާ އީސާގެފާނު ގުދުސްއަށް ވަދެވަޑައިގަތުން ފާހަގަކުރާ ދުވަހުއެވެ.

އިސްރާއީލުން އިއްޔެ ދިން ވައިގެ ހަމަލާގައި އަލް-އަހުލީ ހޮސްޕިޓަލްގެ ބައެއް ހަލާކުވެފައި

"ހުރިހާ ސަރުކާރުތަކާއި ހެޔޮއެދޭ ހުރިހާ އެންމެންނަށް އަހަރެމެން ގޮވައިލަނީ ސިއްހީ އަދި އިންސާނީ އެހީ ދޭ މުއައްސަސާތަކަށް ދޭ ހަމަލާތައް ހުއްޓުވައިލަދިނުމަށް،" ހޮސްޕިޓަލް ހިންގާ ނަސޯރާ ފައްޅިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ހަމަލާ ދިނީ އާއްމު ރައްޔިތުންނަށް ނުރައްކަލެއް ނުވާނެ ގޮތަށް ބަލައިފައިކަމަށާއި ހޮސްޕިޓަލުގެ ބޭނުންކުރަމުން އައީ "ހަމާސްގެ ހަނގުރާމަވެރިން" ކަމަށެވެ.

ހަމާސް އާއި ފަލަސްތީންގެ ހާރިޖިއްޔާއިން މި ހަމަލާ ކުށްވެރިކުރިއެވެ. އަދި ބުނީ އިސްރާއީލުން ޣައްޒާގެ ސިއްހީ ނިޒާމު ނައްތައިލަމުންދާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އައި ފޮޓޯތަކުގައި ފެންނަނީ އެތައް ބަޔަކު ހޮސްޕިޓަލުން ބޭރަށް ދާ މަންޒަރެވެ. އޭގެ ތެރޭގައި އެނދުމަތީގައި ތިބި ބަލިމީހުންނަށް މީހުން އެހީ ވާ މަންޒަރު ވެސް ފެނެއެވެ.

"އެއީ ބިރުވެރި މަންޒަރެއް. ރޭއްސުރެ މި ވަގުތާ ޖެހެންދެން ގަތް ބިރެއްގެ ސަބަބުން އެންމެ މިނެޓަކަށް ވެސް އަހަރެންނަކަށް ނުނިދޭ. މުޅި ރޭގައި އަހަރެމެން ވަށައިގެން ބިއްލޫރިތައް މުގުރެމުން ދިޔައީ،" ޒަހަމްވި މީހެއް ކަމަށްވާ މުހައްމަދު އަބޫ ނާސިރު ބުނި ކަމަށް ދި އިންޑިޕެންޑެންޓުން ރިޕޯޓުކުރިއެވެ.

ހޮސްޕިޓަލްގެ ޑިރެކްޓަރު ފާޟިލު ނައީމު ބުނީ އީ.އާރް، ފާމަސީ އަދި ވަށައިގެން ހުރި އިމާރާތްތައް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ. އަދި 100 އަށްވުރެ ގިނަ ބަލިމީހުންނަށާއި އެތައް ސިއްހީ މުވައްޒަފުންނަށް މި ހަމަލާގެ ނޭދެވޭ އަސަރުކޮށްފައިވާ ކަމަށެވެ.

އިއްޔެ މިސައިލުން މި ދިން ހަމަލާއާއެކު އިސްރާއީލުން އިއުލާންކުރީ މުޅި ޣައްޒާގައި އެއްގަމު މަގުން ހިންގާ އަސްކަރީ އޮޕަރޭޝަން ފުޅާކޮށްލާނެކަމަށެވެ.

އިސްރާއީލުން އިއްޔެ ދިން ހަމަލާއެއްގައި މަދުވެގެން ހަ މީހުން ޝަހީދުވި ކާރެއް ސުންނާފަތިވެފައި

އޭގެ ގަޑިއިރުތަކެއް ފަހުން އިސްރާއީލު ސިފައިންވަނީ ޣައްޒާގެ މެދުތެރޭގެ ދައިރުލްބަލާހު ސަރަހައްދުގައި ކާރަކަށް ހަމަލާ ދީ ތިންބެއިންނާއި އެ މީހުންގެ ރަހްމަތްތެރިޔަކު ޝަހީދުކޮށްލައިފައެވެ. މި ކަން ކަށަވަރުކޮށްދިނީ އެ މީހުންގެ ހަށިގަނޑުތައް ގެނައި މޯޗަރީގެ އޮފިޝަލުންނެވެ.

އިސްރާއީލުން އިއްޔެ ދިން ހަމަލާތަކުގައި މަދުވެގެން 14 މީހުން ޝަހީދުވިއެވެ. އޭގެ ތެރޭގައި ޚާން ޔޫނިސްގެ ފުލުހުންގެ ވެރިޔާ ހިމެނެއެވެ.

އިސްރާއީލުން އިއްޔެ ވައިގެ ހަމަލާތައް ދޭން ފެށީ، އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގައި އޮޕަރޭޝަންތައް ފުޅާކޮށްލާނެ ކަމަށާއި، "ހަނގުރާމަ ހިނގާ ސަރަހައްދުތައް ދޫކޮށް ފަލަސްތީން ރައްޔިތުން ދާންޖެހޭނެ" ކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލު ކަޓްޒް ބުނިތާ މާގިނައިރެއް ނުވަނީހެވެ.

އިސްރާއީލު ސިފައިން މިހާރު ވަނީ ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހު ސިޓީ ޣައްޒާގެ އެހެން ހިސާބުތަކާ އެކަހެރިކޮށްލައިފައެވެ.

ރަފަހު އާއި ޚާން ޔޫނިސްގެ ދެމެދުގައި "ސަލާމަތީ މަގެއް" ހަދަން ކަމަށް ބުނެ އިސްރާއީލުން މި ދިޔަ ހަފުތާގައި ވަނީ އެ ސަރަހައްދަށް ސިފައިން ފޮނުވައިފައެވެ.

"މޮރާގް ނަމަކަށް ކިޔާ މި މަގު ހެދުމަކީ ބައިނަލްއަގުވާމީ ގާނޫނު ފާޅުގައި މުގުރައިލުން،" ރަފަހުގެ މުނިސިޕަލިޓީން ބުންޏެވެ.

މީގެ 18 މަހެއްހާކުރިން އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ ޣައްޒާގެ މައްޗަށް އިއުލާންކުރި ހަނގުރާމައިގައި އިސްރާއީލުގެ އަސްކަރިއްޔާއިން މިހާތަނަށް 50،000 އަށްވުރެ ގިނަ، ޣައްޒާގައި ދިރިއުޅޭ ފަލަސްތީން މީހުން ޝަހީދުކޮށްލައިފައިވާ ކަމަށް، ހަމާސްއިން ހިންގާ ޣައްޒާގެ ސިއްހީ ވުޒާރާއިން ބުންޏެވެ.

"ޣައްޒާގެ މުޅި ބިން ކަހަލަ ގޮތަކަށް މިހާރު މި ވަނީ ގާކޮށްޓަކަށް ކުޑަކޮށްލައިފައި. އަދި 2.2 މިލިއަންގެ އާބާދީން ގިނަ މީހުން ގެދޮރުން ބޭރުކޮށްލައިފައި،" އެހީ ދޭ ޖަމާއަތްތަކާއި އދ.އިން ބުންޏެވެ.

އިސްރާއީލުން ހަނގުރާމަ ފެށީ އޮކްޓޫބަރު 2023 ގައި އިސްރާއީލުގެ ދެކުނު ސަރަހައްދަށް ހަމާސްއިން ހަމަލާ ދީ ގާތްގަނޑަކަށް 1،200 ޔަހޫދީން މަރައިލައި 251 ޔަހޫދީން ރަހީނުކުރުމުންނެވެ.

އެމެރިކާއިން މެދުވެރިވެގެން މި އަހަރު ކުރީކޮޅު ގާއިމުކުރި ސުލްހައިގެ މުއާހަދާ މުގުރުނީ ޣައްޒާއަށް ވައްދާ ހުރިހާ ކާބޯތަކެއްޗާއި ތެލާއި ބޭސް ވެއްދުން އިސްރާއީލުން މަނާކުރުމުންނާއި ޣައްޒާއަށް އަލުން ހަމަލާތައް ދޭން ފެށުމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *