Support Us

މެދުއިރުމައްޗަށް ޔޫރަޕް އިއްތިހާދުން ކަނޑައަޅައިފައި ހުންނަ ކޮމިޝަނަރު ދޫބްރަވްކާ ސުއިކާ

ޔޫރަޕް އިއްތިހާދުން ފަލަސްތީން އޮތޯރިޓީއަށް 1.8 ބިލިއަން ޑޮލަރު ދެނީ

ފަލަސްތީންގެ ހުޅަނގު އައްސޭރި ހިންގާ ފަލަސްތީން އޮތޯރިޓީ (ޕީ.އޭ)އަށް 1.8 ބިލިއަން ޑޮލަރު (27 ބިލިއަން ރުފިޔާ) ކުރިއަށް އޮތް ތިން އަހަރަށް ބަހައިލައިގެން ދޭނެ ކަމަށް ޔޫރަޕް އިއްތިހާދު (އީ.ޔޫ)އިން މިއަދު އިއުލާންކޮށްފިއެވެ.

ޔޫރަޕުން މި ގޮތަށް އިއުލާންކުރީ ޔޫރަޕްގެ ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއި ފަލަސްތީންގެ އިސް އޮފިޝަލުންގެ މެދުގައި މާދަމާ ފުރަތަމަ ފަހަރަށް މަތީ ފެންވަރުގެ ސިޔާސީ މަޝްވަރާތަކެއް ބާއްވަން ހަމަޖައްސައިފައިވަނިކޮށެވެ. ލަކްސަމްބާގްގައި ބާއްވާ މި ބައްދަލުވުމުގައި ފަލަސްތީންގެ ބޮޑު ވަޒީރު މުހައްމަދު މުސްތަފާ ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މެދުއިރުމައްޗަށް ޔޫރަޕުން ކަނޑައަޅައިފައި ހުންނަ ކޮމިޝަނަރު ދޫބްރަވްކާ ސުއިކާ ބުނީ މި މާލީ އެހީގެ ބައެއް ޕީ.އޭ އިސްލާހު ކުރުމަށް ވެސް ހޭދަ ކުރަން ޖެހޭނެ ކަމަށެވެ. ޕީ.އޭގައި ކޮރަޕްޝަން އުޅޭ ކަމަށާއި އަދި ހުޅަނގު އައްސޭރި ހިންގަނީ ދޯދިޔާކޮށް ކަމަށް ފާޑުކިޔާ ފަރާތްތަކުން ތުހުމަތުކުރެއެވެ.

"އަހަރެމެން ބޭނުން ޕީ.އޭ އަމިއްލައަށް އިސްލާހުވާން. ސަބަބަކީ އިސްލާހު ނުވެއްޖެ ނަމަ އަހަރެމެންނާއެކު ބާއްވާ މަޝްވަރާކުރުންތަކުގައި ބައިވެރިވުމުގައި އިތުބާރާއި ބާރެއް ހުރި ފަރާތަކަށް ނުވާނެ،" ދޫބްރަވްކާ ރޮއިޓާސްއަށް ބުންޏެވެ.

އޭނާ ބުނީ ޔޫރަޕުން ބޭނުންވަނީ ޕީ.އޭއަކީ ހަމައެކަނި ޔޫރަޕާ ގުޅިގެން މަސައްކަތްކުރާ ޖަމާއަތަކަށްވުން ނޫން ކަމަށާއި އިސްރާއީލާއެކު މުއާމަލާތްކުރާ ޖަމާއަތަކަށްވުމަށް ވެސް ބޭނުންވާ ކަމަށެވެ.

ޔޫރަޕްގެ އިއްތިހާދަކީ މިހާރު ފަލަސްތީނަށް އެންމެ ބޮޑަށް އެހީ ދޭ ފަރާތެވެ. ޔޫރަޕުން ބުނީ ހުޅަނގު އައްސޭރި ހިންގުމުގެ އިތުރުން، އިސްރާއީލާއި "ހަމާސް ހަނގުރާމަވެރިން"ނާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމަ ނިމުމުން ޣައްޒާ ހިންގުމުގެ ޒިންމާއާ ހަވާލު ވާނީ ޕީ.އޭ ކަމަށް އުއްމީދުކުރާ ކަމަށެވެ.

އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫގެ ސަރުކާރުން މިހާތަނަށް ވަނީ ޣައްޒާ ޕީ.އޭއާ ހަވާލުކުރުމުގެ ހިޔާލާ ދެކޮޅުހަދައިފައެވެ. އަދި އިސްރާއީލާއި ފަލަސްތީނަކީ މިނިވަން ވަކި ދެ ދައުލަތް ކަމަށް ހަދަން ޔޫރަޕުން އެދޭ އެދުމަށް ވެސް ދެކޮޅުހަދައިފައެވެ.

ދޫބްރަވްކާ ބުނީ މި ދޭ އެހީގެ ތެރެއިން 706 މިލިއަން ޑޮލަރު (10 ބިލިއަން ރުފިޔާ) ދޭނީ ޕީ.އޭއަށް ދޭ މާލީ އެހީއެއްގެ ގޮތުގައި ކަމަށާއި ޕީ.އޭއަށް އިސްލާހުތައް ގެނައުމަށް ކަމަށެވެ. އެހީގެ ތެރެއިން 656 މިލިއަން ޑޮލަރު (10 ބިލިއަން ރުފިޔާ) ދެނީ ހުޅަނގު އައްސޭރި އާއި ޣައްޒާ އާރާސްތުކުރުމަށެވެ. އަދި 456 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ދެނީ ޔޫރަޕްގެ އިންވެސްޓްމެންޓް ބޭންކުގެ ހިންގާ ބޯޑުން އެއްބަސްވުމުން ދޭ ލޯނެއްގެ ގޮތަށެވެ.

ދޫބްރަވްކާ ބުނީ ވޭތުވެދިޔަ 12 އަހަރުގައި ނިސްބަތުން ކޮންމެ އަހަރަކު ޔޫރަޕުން ޕީ.އޭއަށް 456 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ދިން ކަމަށެވެ.

"އަހަރެމެން މިހާރު މި ފެށީ އިހުލާސްތެރި، ތެދުވެރި އަދި އިތުބާރު ހިފޭ ގޮތަކަށް ޕީ.އޭއަށް އިންވެސްޓްކުރަން،" ދޫބްރަވްކާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *