Support Us

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ (ވ) އަނބިކަނބަލުން މިޝެލްއާއެކު

އޮބާމާއާ ވަރިވާކަށް ނޫޅެން: މިޝެލް

އެމެރިކާގައި ދެ ދައުރު ރައީސްކަން ކުރެއްވި ބަރަކް އޮބާމާއާ ވަރިވާން އުޅުއްވާކަމަށް ފެތުރިފައިވާ ވާހަކަތައް އޭނާގެ އަނބިކަނބަލުން މިޝެލް އޮބާމާ ފުރަތަމަ ފަހަރަށް ފާޅުގައި ދޮގުކުރައްވައިފިއެވެ.

ދެކަނބަލުން ވަރިވާން އުޅުއްވާކަމުގެ އަޑުތައް ގަދަވީ އޮބާމާއާއެކު ބައެއް ރަސްމިއްޔާތުތަކުން މިޝެލް ނުފެނުމުންނެވެ. އެ ގޮތުން އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާގެ ޖަނާޒާ އާއި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި އޮބާމާ ފެނުނީ ގިނިކަންޏާ ހުންނެވި ތަނެވެ.

މި ރަސްމިއްޔާތުތަކާ ބެހޭ ގޮތުން ވަކި އެއްޗެއް ވިދާޅުނުވެ، ސޯފިއާ ބުޝް ހޯސްޓްކުރާ "ވޯކް އިން ޕްރޮގްރެސް" ޕޮޑްކާސްޓަށް މިޝެލް ވިދާޅުވީ އޭނާގެ "ޝެޑިއުލް މިހާރު ކޮންޓްރޯލް ކުރަނީ ބޮޑު މީހެއްގެ ގޮތުގައި އޭނާ އަމިއްލައަށް" ކަމަށެވެ.

"މީހުންނަށް އަދިވެސް ގަބޫލު ނުކުރެވިގެން އުޅެނީ އަހަރެންގެ ނިންމުންތައް ނިންމަނީ އަހަރެންކަން. މީގެ ބަދަލުގައި އެ މީހުންނަށް ހީވީ އަހަރެންގެ ފިރިމީހާ އާއި އަހަރެން ވަރިވަނީކަމަށް،" މިޝެލް ވިދާޅުވިއެވެ.

މިޝެލް އޮބާމާގެ ބަޔޮގްރަފީ "ބިކަމިން"

އޭނާ ވިދާޅުވީ "ބައެއް ޑިއުޓީތައް އަދާ ނުކުރެވި ފަސްޖެހެވުމުން ކޮންމެވެސް ވަރަކަށް އަމިއްލަ ނަފުސު ކުށްވެރިވެފައިވާ ކަމަށް އިހުސާސް ކުރެއްވޭ" ކަމަށެވެ.

"އެއީ އަހަރެމެން އަންހެނުންނަށް ދިމާވާ ކަމެއް. މި ބުނީ، މީހުން އަހަރެމެންނާމެދު ހިތްހަމަ ނުޖެހިދާނެތީ އަހަރެމެން ކަންބޮޑުވޭ،" މިޝެލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފުރާފުރިހަމަވެފައިވާ އަންހެނަކަށް، އޭނާއަށް އޭނާގެ ނިންމުންތައް އަމިއްލައަށް ނުނިންމޭނެކަން މިއީ "މުޖުތަމައުން މީހުންނަށް ވިސްނައިދީފައިވާ ވިސްނުމެއް" ކަމަށެވެ.

"އަހަރެން ހިޔާރު ކުރީ އަހަރެންނަށް އެންމެ ރަނގަޅު ގޮތް. ކޮންމެހެން އަހަރެން ކުރަން ޖެހޭ ކަންތައްތަކެއް ނޫން. އެހެން މީހުން އަހަރެން ލައްވާ ކުރަން ބޭނުންވާ ކަންތައްތައްކަމަށް އަހަރެންނަށް ހީވި ކަންތައްތަކެއް ނޫން،" ޕޮޑްކާސްޓަށް މިޝެލް ވިދާޅުވިއެވެ.

"އަހަރެންގެ ޒާތީ ދިރިއުޅުމަށް ވަގުތު ދިނުމުގެ އިތުރުން ތަގުރީރު ދިނުމަށާއި ދުނިޔޭގެ ކަންތައްތަކުގައި މަސްއޫލުވެ އުޅުމަށާއި މަޝްރޫއުތަކުގައި މަސައްކަތްކުރަން އަހަރެން ވަގުތު ދެން. އަންހެންކުދިންގެ ތައުލީމަށް އަހަރެން އަދިވެސް އަޅާލަން،" މިޝެލް އިތުރަށް ވިދާޅުވިއެވެ.

ދެކަނބަލުންގެ ކައިވެނީގެ 32 ވަނަ އެނިވާސަރީ ފާހަގަކުރެއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރުގައެވެ.

މިޝެލްގެ ބަޔޯގްރަފީ "ބިކަމިން"ގައި އޭނާ ވިދާޅުވެފައިވަނީ އޮބާމާގެ ސިޔާސީ ކެރިއަރާއި އެމެރިކާގެ ރައީސްކަމުގައި ހުންނެވިއިރު މިޝެލްއަށް "އެކަނިވެރިކަމާއި ވަރުބަލިކަން" އިހުސާސް ކުރެއްވުނު ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *