ޣައްޒާގެ ދިފާއުގައި ހުރިހާ އިސްލާމީ ގައުމަކުން ގުޅިގެން ދުނިޔޭގެ ފެންވަރުގައި އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް އިސްލާމީ ޖިހާދެއް އިއުލާން ކުރުމަށް ގޮވައިލައި ޕާކިސްތާންގައި މުޒާހަރާކޮށްފިއެވެ.
ޕާކިސްތާންގައި 1941 އުފެއްދި ޖަމާއަތޭ އިސްލާމީ ޕާޓީން އިއްޔެ ބޭއްވި މުޒާހަރާގައި ގާތްގަނޑަކަށް 15،000 މީހުން ބައިވެރިވިއެވެ.
ޕާކިސްތާނަކީ އިންޑޮނޭޝިއާ ނަގައިފައި މުސްލިމުންގެ އާބަދީ އެންމެ ބޮޑު ގައުމެވެ. ދުނިޔޭގެ އެންމެ ބޮޑު އާބާދީ އެކުލެވޭ ފަސް ވަނަ ގައުމުކަމަށްވާ ޕާކިސްތާނުގައި 241 މިލިއަން މީހުން އުޅެއެވެ. އޭގެ ތެރެއިން 97 ޕަސެންޓަކީ މުސްލިމުންނެވެ.
ޕާކިސްތާނުގެ އެންމެ ދުވަސްވީ އިސްލާމީ ޕާޓީން ލާހޫރު ސިޓީގައި ބޭއްވި މުޒާހަރާގައި ގޮވައިލީ އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް ހަނގުރާމަކުރަން ކަމަށް އޭޕީން ރިޕޯޓް ކުރިއެވެ.

ޕާޓީގެ ވެރިޔާ ނައީމުއްރަހްމާން މިހެން ގޮވައިލީ މި ފަދަ ޖިހާދަކަށް މަޝްހޫރު އިސްލާމީ އިލްމްވެރިން ވެސް ފަތުވާ ނެރެފައިވަނިކޮށް ކަމަށް މިޑްލް އީސްޓް އައިއިން ރިޕޯޓުކުރިއެވެ.
ދީނީ އަދި ސިޔާސީ ލީޑަރުން މި ގޮތަށް ގޮވައިލި ނަމަވެސް ޕާކިސްތާން ސަރުކާރުން މި ގޮވައިލުމަށް އަދި ރަސްމީ ގޮތުން ތާއީދެއް ނުކުރާކަމަށް އޭޕީއިން ބުންޏެވެ.
"ޕާކިސްތާނުން އިސްރާއީލާ ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައެއް ނުވޭ. ޣައްޒާ ހަނގުރާމަ ދާއިމީ ގޮތެއްގައި ހުއްޓައިލަން ޕާކިސްތާނުން އަބަދުވެސް އަންނަނީ ގޮވައިލަމުން،" އޭޕީއިން ރިޕޯޓުކުރިއެވެ.
އިސްރާއީލާއި އެމެރިކާއާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި އިސްލާމީ ގައުމުތަކުން ޖިހާދެއް ކުރުމަށް ގޮވައިލުމަކީ މެދުއިރުމަތީގައި ދީނީ، ސިޔާސީ އަދި އިންސާނީ މައްސަލަތައް މަސްހުނިވެފައިވާ މިންވަރު ދޭހަކޮށްދޭ ކަމެއް ކަމަށް ސިޔާސީ ތަޖުރިބާކާރުން ބުންޏެވެ.
އޮކްޓޫބަރު 2023 ގެ ހަތްވަނަ ދުވަހު ފެށި ޣައްޒާ ހަނގުރައިމައިގައި މިހާތަނަށް 50،800 ފަލަސްތީން މީހުން ޝަހީދުކޮށްލައިފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާ އާއި އިންސާނީ އެހީ ދޭ ޖަމާއަތްތަކުން ބުންޏެވެ.
"މީގެ ތެރޭގައި ފާހަގަ ކުރެވޭ މިންވަރަކަށް އަންހެނުންނާއި ކުޑަކުދިން ހިމެނޭ،" އެ ވުޒާރާއިން ބުންޏެވެ.
ބައިނަލްއަގުވާމީ ރެޑް ކްރޮސްއިން ޣައްޒާގެ ހާލަތު މިހާރު ވަރަށް ގޯސް ކަމަށް ބުނި ކަމަށާއި އެ ތަނަކީ މިހާރު "ދުނިޔެމަތީގެ ނަރަކައެއް" ކަމަށް ސިފަކުރިކަމަށް ވެސް ރޮއިޓާސްއިން ރިޕޯޓުކުރިއެވެ.
އިސްރާއީލަށް ދިން ހަމަލާގައި 1،200 ޔަހޫދީން މަރުވިއިރު ގާތްގަނޑަކަށް 250 ޔަހޫދީން ހަމާސްއިން ވަނީ ރަހީނުކޮށްފައެވެ. މީގެ ތެރެއިން މިހާރު ދޫނުކޮށްލައި ތިބީ 59 އަސީރުންނެވެ. އޭގެ ތެރޭގައި ބޭރު ގައުމުތަކުގެ މީހުން ހިމެނޭއިރު އިސްރާއީލުން ބުނީ 34 އަސީރުން މަރައިލައިފައިވާ ކަމަށް ވެސް ޖާސޫސީ މައުލޫމާތު ލިބިފައިވާކަމަށެވެ.
ޖަނަވަރީ މަހު ސުލްހައަށް އެއްބަސްވެފައި އޭގެ ދެ މަސް ފަހުން މިދިޔަ މަހު އިސްރާއީލުން އަނެއްކާ ދޭން ފެށި ހަމަލާތަކުގައި ފަލަސްތީންގެ 400،000 މީހުން ވަނީ ގެދޮރުން ވެސް ބޭރުކޮށްލައިފައި ކަމަށް އދ.އިން ބުންޏެވެ.
"އެ މީހުން މިހާރު ހިމާޔަތް ހޯދައިގެން ތިބީ ބޮން އަޅައި ހަލާކުވެފައިވާ ޔުނިވާސިޓީތަކާއި އދ.ގެ މިހާރު ވެސް ތޮއްޖެހިފައިވާ ހިޔާތަކުގައި،" އދ.އިން ބުންޏެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުގެ ތަފާސްހިސާބުތަކުން ދެއްކި ގޮތުގައި 1.9 މިލިއަން ޣައްޒާ މީހުންވަނީ ގެދޮރުން ބޭރުކޮށްލައިފައެވެ. މިއީ ޣައްޒާގެ އާބާދީގެ 85 ޕަސެންޓެވެ.
"މި ތަފާސްހިސާބުތަކުން ހާމަވަނީ ޣައްޒާ ހަނގުރާމަ އަވަހަށް ހުއްޓައިލުމާއި ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުން އަވަސްކުރުމުގެ މުހިންމުކަން،" ސިޔާސީ ތަޖުރިބާކާރަކު ބުންޏެވެ.
ޣައްޒާގައި ގެދޮރު ގެއްލުނު މީހުންނަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ތެރޭގައި ފެނާއި ކާނާ އަދި ސިއްހީ އެހީ ނުލިބުން ހިމެނެއެވެ. މީގެ ސަބަބަކީ އިސްރާއީލުން ހަމަލާ ދީ ޣައްޒާގެ އިންފްރާސްޓްރަކްޗަރު ސުންނާފަތިކޮށްލުމެވެ.