މިދިޔަ މަހު 23 ގައި އިސްރާއީލު ސިފައިން ފަލަސްތީންގެ ރެޑް ކްރެސެންޓްގެ 15 ސިއްހީ އެހީތެރިން ޝަހީދުކޮށްލުމުގައި އެ މީހުންގެ ވެހިކަލްތަކާ ދިމާއަށް 100 އަށްވުރެ ގިނަ ފަހަރު ބަޑިޖަހައިފައިވާކަން ފަޅާއަރައިފިއެވެ.
މަރައިލި އެއް އެހީތެރިއެއްގެ މޮބައިލް ފޯނުން ނަގައިފައިވާ ވީޑިއޯއެއްގެ އަޑުތައް ދިރާސާ ކުރުމުން އެނގުނީ 39 ފޫޓުހާ ކައިރިން ބަޑިޖަހައިފައިވާކަމެވެ. ނަމަވެސް އިސްރާއީލު އަސްކަރިއްޔާއިން ދޮގުހަދަމުން ބުނީ ބަޑިޖެހީ ވަރަށް ދުރުން ކަމަށެވެ.
"މި އަދަދަށް އުންޑަ އަރައިފައިވަނީ އެތައް ބަޑިތަކެއް އެއް ފަހަރާ ޖެހުމުން،" ބީ.ބީ.ސީން ކުރި ފޮރެންސިކް ތަހުގީގެއްގައި ތަޖުރިބާކާރަކު ބުންޏެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ފަލަސްތީންގެ ރެޑް ކްރެސެންޓް ވެހިކަލްތައް އައީ ލައިޓްތައް ނިއްވައިލައިގެން ކަމަށެވެ. ނަމަވެސް ފަހުން އިސްރާއީލުގެ އަސްކަރިއްޔާއިން މިއީ ތެދެއް ނޫން ކަމަށް އިއުތިރާފުވިއެވެ. އަދި ސިއްހީ އެހީތެރިޔަކު ނަގައިފައިވާ ވީޑިއޯއަކުން ފެންނަނީ ރެޑް ކްރެސެންޓްގެ ވެހިކަލްތަކުގެ ލައިޓްތައް ދިއްލައިގެން ދުއްވި މަންޒަރެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ތުހުމަތުކުރި ގޮތުގައި ޝަހީދުވި މީހުންގެ ތެރެއިން ހަ މީހުންނަކީ ހަމާސްގެ މެންބަރުންނެވެ. ނަމަވެސް ފަލަސްތީންގެ ރެޑް ކްރެސެންޓުންނާއި މި ހަމަލާގައި ސަލާމަތްވި ސިއްހީ އެހީތެރިޔަކު ވަނީ މި ތުހުމަތު ދޮގުކޮށްފައެވެ.
ޝަހީދުވި މެޑިކްގެ ވީޑިއޯގެ އަޑުތައް އެނަލައިޒް ކުރުމަށް ތަޖުރިބާކާރުން ބޭނުންކުރީ ސައުންޑް ވޭވްފޯމް އަދި ސްޕެކްޓްރޮގްރާމްއެވެ. އެއީ އިސްރާއީލު ސިފައިން ފަލަސްތީންގެ ރެޑް ކްރެސެންޓްގެ ވެހިކަލްތަކާ ދިމާއަށް ބަޑިޖެހީ ކިހާ ދުރަކުންތޯ ދެނެގަތުމަށެވެ.
"ގާތްގަނޑަކަށް 164 ފޫޓާއި 328 ފޫޓާ ހިސާބުން އިސްރާއީލު ސިފައިންނަށް ދެނެގަނެވޭނެ މި ވެހިކަލްތަކަކީ އިންސާނީ އެހީ ދޭ އުޅަނދުތަކެއްކަން. އަދި އޭގައި ތިބި މީހުންނަކީ ހަތިޔާރުއެޅި ބައެއް ނޫންކަން،" ވީޑިއޯގެ އަޑު ދިރާސާކުރި އެއް އަސްކަރީ ތަޖުރިބާކާރަކު ބީ.ބީ.ސީއަށް ބުންޏެވެ.
ވީޑިއޯގެ އޯޑިއޯގައި ޔަހޫދީން ވާހަކަދައްކާ އިބްރީ ބަހުން ބަސް ބުނާ އަޑު ވެސް ހުއްޓެވެ. އެ ގޮތުން "ތެދުވޭ" "އަދި "އައި ތާކަށް ދޭ" މި ފަދަ ވާހަކަތައް ވެސް އިބްރީ ބަހުން ޔަހޫދީ ސިފައިން ބުނާ އަޑުއިވެއެވެ.
މި ވީޑިއޯ ފެނުނީ އިސްރާއީލް ސިފައިން ދިން މި ހަމަލާގައި ޝަހީދުވި ސިއްހީ އެހީތެރިއްގެ ވަޅުލައިފައިވާ ހަށިގަނޑުންނެވެ.
ވަޅުގަނޑަކަށް ލައި ފަސްއަޅައިފައިވާ ތަނަކުން ފެނުނު ފަލަސްތީންގެ ރެޑް ކްރެސެންޓްގެ 15 ޕެރަމެޑިކުންނާއި ރެސްކިއު އެހީތެރިންގެ ހަށިގަނޑު ފެނިފައިވަނީ އަތްފައި ބަނދެ އަދި ބޮލާއި މޭގައި ބަޑީގެ ޒަހަމްތަކަކާއެކު ކަމަށް އެ ވަޅުގަނޑުން ހަށިގަނޑުތައް ނެގި މީހަކާއި އެ ހަށިގަނޑުތަކުގެ ފޮޓޯ ނެގި ފަލަސްތީންގެ ޑޮކްޓަރަކު ދަ ގާޑިއަން ނޫހަށް ކުރިން ބުނެފައިވެއެވެ.



advertisment