ސައުދީ އަރަބިއްޔާގެ އާއިލާއެއް ވެރިރަށް ރިޔާޟްގެ 148 މޭލު ހުޅަނގުން ހޮންނަ ސަހަރާއެއްގައި މި ދިޔަ ހަފުތާގައި ތާށިވުމުން ސަލާމަތްވީ އެ މީހުން ދަތުރުކުރި ކާރުގެ އިންޖީނު ފިނި ކުރާ ރޭޑިއޭޓަރުގައި ހުރި ފެން ބޮއިގެން ކަމަށް މެދުއިރުމަތީގެ މީޑިއާއިން ރިޕޯޓުކޮށްފިއެވެ.
އެ މީހުންގެ އަތުގައި ފެނާއި ކާބޯތަކެއްޗެއް ނެތެވެ. އަދި ކާރު ސަހަރާގެ މަޑު ފަސްގަނޑަށް ގަނބައިގަތީ ފޯންގެ ސިގްނަލް ނުލިބޭ ހިސާބަކަށެވެ.
އާއިލާއިން ވަނީ ސަހަރާގައި ހުރި ބައެއް ކަހަލަ ގަސްގަހުގެ ފަތް ވެސް ކައިފައިކަމަށް ރިޕޯޓުކޮށްފައިވެއެވެ.
އާއިލާ ސަލާމަތްކުރީ ސައުދީ އަރަބިއްޔާގެ ސަހަރާތަކުގައި މީހުން ހޯދައި ސަލާމަތްކުރުމުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ އިންޖާދު ޖަމިއްޔާގެ 40 މެންބަރުންގެ ޓީމަކުން ޑްރޯން އާއި މެޕިން ޓެކްނިކް ބޭނުންކޮށްގެންނެވެ. އާއިލާގެ ކާރު ފެނުނީ ހޯދަން ފެށިތާ ދެ ދުވަސް ފަހުން ޑްރޯންއަކަށެވެ.

އާއިލާގެ މެންބަރުން ތިބީ ފެން މަދުވުމުގެ ސަބަބުން ޑިހައިޑްރޭޓްވެފައި ކަމަށް ވިޔަސް ސިއްހަތު ރަނގަޅެވެ. އަދި އިންޖާދުން ވަގުތުން ވަނީ ކާނާ، ފެން އަދި ސިއްހީ ފަރުވާ ދީ، ހުރިހާ އެންމެން ސަލާމަތްކޮށްފައެވެ.
ސޯޝަލް މީޑިއާގައި މި ހަބަރު ވަނީ ވައިރަލް ވެފައެވެ. ގިނަ ބަޔަކު އަންނަނީ ޖިންޖާދު ޓީމަށް ތައުރީފު ކުރަމުންނެވެ.



advertisment