އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގައުމުތަކުގެ މުދަލުން ނަގާ ޓެރިފް ބޮޑު ކުރިއިރު މީގެ ތެރޭގައި ފަޅު ރަށްރަށް ވެސް ހިމަނައިފިއެވެ.
މިދިޔަ ބުދަ ދުވަހު ޓްރަމްޕް ޓެކްސް ބޮޑުކުރެއްވި ގައުމުތަކުގެ އިތުރުން މީހުން ދިރިނޫޅޭ ޖަޒީރާތައް ވެސް ހިމެނެއެވެ. މީގެ ތެރޭގައި އިންޑިޔާ ކަނޑުގައި ދުނިޔޭގެ ދެކުނު ބިތުގައިވާ އޮސްޓްރޭލިއާގެ ހާޑް އަދި މެކްޑޮނަލްޑް އައިލެންޑްސް ޖަޒީރާތައް ވެސް ހިމެނެއެވެ. މި ތަނުގައި އުޅެނީ ސީލް އާއި ޕެންގުއިން ދޫނި ފަދަ އިތުރު ދޫނިސޫފާސޫފިއެވެ. މި ޖަޒީރާއިން ބޭރުކުރާ ހުރިހާ މުދަލަށް ޓްރަމްޕް ވަނީ 10 ޕަސެންޓްގެ ޑިއުޓީއެއް އިއުލާން ކުރައްވައިފައެވެ.
ޓްރަމްޕް 10 ޕަސެންޓް ޑިއުޓީ އިއުލާން ކުރެއްވި ބިންތަކުގެ ތެރޭގައި އޮސްޓްރޭލިއާގެ ކޮކޯސް ކީލިން ޖަޒީރާ އާއި އެފްރިކާގެ އައްސޭރީގައި އޮންނަ ކޮމޮރޯސް ޖަޒީރާ ވެސް ހިމެނެއެވެ.
ޓްރަމްޕް އިއުލާން ކުރެއްވި އާދަޔާ ހިލާފު ޓެރިފްތަކުގެ ތެރޭގައި އިހަކަށް ދުވަހު ބިންހެލުން އައިސްގެން 3،000 އަށްވުރެ ގިނަ މީހުން މަރުވި މިޔަންމާ ހިމެނެއެވެ. ޓްރަމްޕް އަލަށް އިއުލާން ކުރެއްވި ސްކީމްގެ ދަށުން މިޔަންމާގެ މުދަލުން 44 ޑިއުޓީ ނަންގަވާ ގޮތަށް ވަނީ ހަމަޖައްސަވައިފައެވެ.
މީގެ އިތުރުން އެޓްލާންޓިކް ކަނޑުގައި ދެކުނު އެމެރިކާގެ އާޖެންޓީނާ ކައިރީގައި، އިނގިރޭސި ވިލާތުގެ ބާރުގެ ދަށުގައިވާ ފޯކްލޭންޑްސް ޖަޒީރާގެ އެކްސްޕޯޓުތަކަށް 41 ޕަސެންޓް ޑިއުޓީ ނަންގަވަން ވެސް ޓްރަމްޕް ހަމަޖެއްސެވިއެވެ. މި ޖަޒީރާގައި އުޅެނީ ގާތްގަނޑަކަށް އެއް މިލިއަން ޕެންގުއިން ދޫންޏާއި އެންމެ 3،200 އިންސާނުންނެވެ. އެއާ ހިލާފަށް މި ޖަޒީރާ ހިފަން ނާކާމިޔާބު ހަނގުރާމައެއް 1982 ގައި ކުރި އާޖެންޓީނާގެ މުދަލުން ނަންގަވަން ހަމަޖައްސަވައިފައިވަނީ 10 ޕަސެންޓް ޓެރިފްއެވެ.
އާޖެންޓީނާގެ ޗެމްބާ އޮފް ކޮމާސްއިން ބުނީ ދުނިޔޭގެ އެކްސްޕޯޓުތަކުގެ ނިސްބަތުން ބަލާއިރު ފޯކްލޭންޑްސް އޮތީ 173 ވަނައިގައި ކަމަށެވެ. އެ ގޮތުން 2019 ގައި އެކްސްޕޯޓުކުރީ 306 މިލިއަން ޑޮލަރު (4.7 ބިލިއަން ރުފިޔާ)ގެ މުދަލެވެ. މީގެ ތެރޭގައި ބޯވަ އާއި ބޯވަދިލަމަސް ހިމެނޭ "މޮލަސްކް" އާއިލާގެ ދިރޭ ތަކެތިން 255 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިޔާ)ގެ އަގުހުރި އެކްސްޕޯޓާއި ގަނޑުކުރި މަހުގެ 30 މިލިއަން ޑޮލަރު (461 މިލިއަން ރުފިޔާ)ގެ އަގުހުރި ބާވަތް އެކްސްޕޯޓުކޮށްފައިވެއެވެ.



advertisment