އިސްރާއީލުން މި ދިޔަ މަހު 18 ގައި ޣައްޒާއަށް އަލުން ހަމަލާ ދޭން ފެށި ފަހުން ކޮންމެ ދުވަހަކު މަދުވެގެން 100 އެއްހާ ކުޑަކުދިން ޝަހީދުވެ ނުވަތަ ޒަހަމްވަމުންދާ ކަމަށް އދ.އިން ބުނެފިއެވެ.
"ނަމަވެސް އިސްރާއީލުގެ އަމަލުތަކަށް އެމެރިކާއިން އަދިވެސް ދަނީ ތާއީދުކުރަމުން،" ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވާ އދ.ގެ ޖަމާއަތް ޔޫ.އެން.އާރް.ޑަބްލިޔު.އޭއިން ބުންޏެވެ.
"ކުޑަކުދިން މެރުމަކީ އެއްވެސް އުޒުރެއް ދެއްކޭނެ ކަމެއް ނޫން،" އެ ޖަމާއަތުގެ ވެރިޔާ ފިލީޕް ލައްޒަރީނީ އިއްޔެ އެކްސްގައި ބުންޏެވެ.
އޭނާ ބުނީ އިސްރާއީލުން ހިސޯރުކޮށްފައިވާ ޣައްޒާ މިހާރު އިސްރާއީލުން ދަނީ ކުޑަކުދިންނަށް "އެކަށީގެން ނުވާ ބިމަކަށް" ހަދަމުން ކަމަށާއި "މިއީ ކުޑަކުދިންގެ ހިއްސާއެއް ނެތް ހަނގުރާމައެއްގައި އެ ކުދިންގެ ފުރާނަ ދުއްވާލުން" ކަމަށެވެ.
"މިއީ އަހަރެމެން އިންސާނުންނަށް އަމާޒުވާ ލައްގަނޑެއް،" ފިލީޕް ބުންޏެވެ.

އދ.ގެ ކުޑަކުދިންނާ ބެހޭ ޖަމާއަތް ކަމަށްވާ ޔުނިސެފުން ބުނީ މި ދިޔަ މަހު އިސްރާއީލުން އަލުން ހަމަލާތައް ފެށި ފަހުން މިހާތަނަށް މަދުވެގެން 322 ކުޑަކުދިން ޝަހީދުވެފައިވާ ކަމަށެވެ. ޖަނަވަރީ 19 ގައި ހަމާސްއާއެކު ސުލްހައިގެ މުއާހަދާއަކަށް އެއްބަސްވެފައި އިސްރާއީލުން އެ އެއްބަސްވުން މުގުރައިލީ ކިރިޔާ ދެ މަސް ވީ ތަނާއެވެ.
"ޣައްޒާ ހަނގުރާމަ ހުއްޓައިލަން ނިންމުންވެގެން އައީ ދިރިއުޅުން އާރާސްތުކުރަން ޣައްޒާގެ ކުޑަކުދިންނަށް ލިބުނު އުއްމީދަކަށް. ނަމަވެސް މިހާރު އަލުން މި ވަނީ މަރުގެ އެތިފަހަރު އަންނަ އަނިޔާވެރިކަމާއި އަސާސީ ހިދުމަތްތަކުން އެ ކުދިން މަހްރޫމްވާ ފަދަ މަރުހަލާއަކަށް އެ ކުދިން އަލުން ހުށަހެޅިފައި،" ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރު ކެތަރިން ރަސަލް ބުންޏެވެ.
ކޮންމެ އަހަރަކު އެޕްރިލް ފަހެއް ފަލަސްތީނު ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު ފަލަސްތީނުގެ ތައުލީމާ ބެހޭ ވުޒާރާއިން ބުނީ އިސްރާއީލުގެ އަނިޔާވެރިކަމުގެ އެންމެ ބޮޑު ޝިކާރައަކީ ކުޑަކުދިން ކަމަށެވެ. އެ ގޮތުން ޣައްޒާ ހަނގުރާމަ އޮކްޓޫބަރު 2023 ގައި ފެށި ފަހުން މިހާތަނަށް 17،000 އަށްވުރެ ގިނަ ކުދިން ޣައްޒާގައި ޝަހީދުކޮށްލައިފައިވާ ކަމަށެވެ.
"މި އަދަދުތައް ތަމްސީލުކުރަނީ ކުޑަކުދިން ތަހައްމަލު ކުރަމުންދާ ހިތާމައިގެ ފުންކަން. މި އިން ކޮންމެ ތަފާސްހިސާބަކީ ފުރާނައަކާއި އެ ކުއްޖެއްގެ ހަނދާންތަކާއި އެ ކުއްޖެއްގެ ދިރިއުޅުމުގެ ތަޖުރިބާގެ ނިމުން،" އެ ވުޒާރާއިން ބުންޏެވެ.
ހަމާސްއިން ވެސް ވަނީ އިސްރާއީލުގެ އަނިޔާވެރިކަން ކުށްވެރިކޮށްފައެވެ.
"މިއީ ގަސްދުގައި ކުޑަކުދިން މަރައިލައި، ހައްޔަރުކޮށް، އަނިޔާކޮށް، އަދި އެ ކުދިންގެ އަސާސީ ހައްގުތައް ނިގުޅައިގަންނަ އިސްރާއީލުގެ ސިޔާސަތެއް،" ހަމާސްއިން ބުންޏެވެ.
ހަމާސްއިން ބުނީ "އިސްރާއީލުގެ އަނިޔާވެރިކަމަށް އެ ގައުމު ޒިންމާ ނުކުރުވާތީ ފަލަސްތީނު ކުދިންނާ ދެކޮޅަށް ހިންގާ ކުށްތައް އިތުރަށް ގޯސް ކުރުމަށް އިސްރާއީލަށް ހިތްވަރު ލިބޭ" ކަމަށެވެ.
"އޮކްޓޫބަރު 2023 ގެ ހަތް ވަނަ ދުވަހުގެ ފަހުން ގާތްގަނޑަކަށް 1،100 ކުދިން އިސްރާއީލު އަސްކަރިއްޔާއިން ވަނީ ހައްޔަރުކޮށްފައި. އަދި އިސްރާއީލުގެ އަނިޔާވެރިކަމުގައި ގާތްގަނޑަކަށް 39،000 ކުދިންގެ ވަނީ އެއް ބެލެނިވެރިޔަކު ނުވަތަ ދެ ބެލެނިވެރިން ވެސް ޝަހީދުވެފައި،" ހަމާސްއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
"އިސްރާއީލުން ފަލަސްތީނުގެ ބިންތައް 1948 ގައި ހިފައި، ނިޒާމެއްގެ ދަށުން ކުޑަކުދިންނާ ދެކޮޅަށް ދަނީ ކުށްކުރަމުން. އެ ގޮތުން އެ ކުދިން އަމާޒުފަތްގަނޑެއްގެ ގޮތުގައި ވެސް ބޭނުންކުރޭ. އެ ކުދިން ތައުލީމުން މަހްރޫމުކުރޭ. ތައުލީމީ މަންހަޖު ބަދަލުކޮށްގެން އެ ކުދިންގެ ގައުމީ އައިޑެންޓިޓީ އޮޅުވައިލަން އުޅޭ. އެއީ ކުށްކުރުން ފެތުރުމާއި އަހަރެމެންގެ ވެލިއުސް ވެސް ނައްތައިލައިގެން،" ހަމާސްގެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.
ފަލަސްތީނުގެ ހައްޔަރީންނާ ބެހޭ އިދާރާ އާއި ފަލަސްތީނުގެ ގައިދީންނާ ބެހޭ ޖަމިއްޔާ އަދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އައްޟަމީރު ނަމަކަށް ކިޔާ ގައިދީންނަށް އެހީ ދޭ ޖަމާއަތަކުން ގުޅިގެން އިއްޔެ ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނީ އޮކްޓޫބަރު 2023 ގެ ހަތް ވަނަ ދުވަހަށް ފަހު އިސްރާއީލުން ހިފައިފައިވާ ހުޅަނގު އައްސޭރިން 1،200 ކުދިން ހައްޔަރުކޮށްފައިވާ ކަމަށެވެ.
"މި ގޮތަށް ޑިޓޭން ކުރާ ކުދިންނަށް އަނިޔާކޮށް، ބަނޑަށްޖައްސައި، ސިއްހީ ފަރުވާއިން މަހްރޫމުކޮށް، ކޮންމެ ދުވަހަކު ވެސް ނިޒާމެއްގެ ދަށުން ކަންތައްތަކުން އެ ކުދިން މަހްރޫމުކުރަމުންދޭ،" އެ ބަޔާނުގައި ބުންޏެވެ.

މި ހާލަތްތަކުގެ ސަބަބުން ޣައްޒާ ހަނގުރާމަ ފެށި ފަހުން އިސްރާއީލުގެ ޖަލެއްގައި މަރުވި ފުރަތަމަ ކުއްޖަކަށް އުމުރުން 17 އަހަރުގެ ވަލީދު އަހްމަދު ވިއެވެ.
ފަލަސްތީނާއި އަދި ޚުދު އިސްރާއީލުގެ އިންސާނީ ހައްގުތަކާ ބެހޭ ރިޕޯޓުތަކުން ހާމަވެފައިވާ ގޮތުގައި އިހާނެތި ހާލަތްތަކުގައި އިސްރާއީލުގެ ޖަލުތަކުގައި 9،500 ފަލަސްތީނު ރައްޔިތުން ހައްޔަރުކޮށްފައި އެބަތިއްބެވެ. އޭގެ ތެރޭގައި އަންހެނުންނާއި 350 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.
ޣައްޒާ ހަނގުރާމަ ހުއްޓާލާ ސުލްހައިގެ މުއާހަދާ އިސްރާއީލުން މި ދިޔަ މަހު 18 ގައި މުގުރައިލުމުން އެ ދުވަހާއި އެއާ ވިދިގެން އައި 23 ވަނަ ދުވަހާ ދެމެދު 142،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުންގެ ގެދޮރު ވަނީ ގެއްލިފައިކަމަށް ޔޫ.އެން.އާރް.ޑަބްލިޔު.އޭއިން ބުންޏެވެ. މިއީ "އަނެއްކާވެސް އިތުރު އިންސާނީ ކާރިސާއެއް ޣައްޒާއަށް އައުން" ކަމަށް އެ ޖަމާއަތުން އިންޒާރު ދިނެވެ.
"ޣައްޒާ ހަނގުރާމަ ފެށި ފަހުން، އެތައް ހާސް ކުޑަކުދިން ހިމެނޭ ގޮތަށް، ގާތްގަނޑަކަށް 1.9 މިލިއަން މީހުން ވަނީ ތަކުރާރުކޮށް ގެދޮރު ދޫކޮށް ދާންޖެހިފައި. އެއީ ބޮން އެޅުމާއި ބިރުވެރިކަމާއި ގާތް މީހުންނާއި މުދާ ގެއްލުމުގެ އިހުސާސްތަކުގެ ތެރޭގައި،" ފަލަސްތީނުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް އިއްޔެ ނެރުނު ބަޔާނެއްގައި ޔޫ.އެން.އާރް.ޑަބްލިޔު.އޭއިން ބުންޏެވެ.
ޣައްޒާ ހަނގުރާމަ އޮކްޓޫބަރު 2023 ގައި ފެށި ފަހުން އިސްރާއީލުން މިހާތަނަށް ވަނީ 50،600 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ޣައްޒާގައި ހަނގުރައިމައިގެ ކުށްތަކާއި އިންސާނީ ޖަރީމާތައް ހިންގުމުގެ ތުހުމަތުގައި މި ދިޔަ އަހަރު ނޮވެމްބަރު މަހު ބައިނަލްއަގުވާމީ ޖިނާއީ ކޯޓު ކަމަށްވާ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައި.ސީ.ސީ)އިން ވަނީ އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ އާއި އޭނާގެ ކުރީގެ ދިފާއީ ވަޒީރު ޔޮއަވް ގެލަންޓް ހައްޔަރުކުރުމުގެ އަމުރެއް ނެރެފައެވެ. އައި.ސީ.ސީއަކީ މި ފަދަ ޖަރީމާތައް ހިންގާ ފަރުދުންނާ ދެކޮޅަށް ޖިނާއީ ޝަރީއަތް ހިންގުމަށް ރޯމް މުއާހަދާއިން ގާއިމުކޮށްފައިވާ ބައިނަލްއަގުވާމީ ފަނޑިޔާރުގެއެވެ.
އދ.ގެ ޗާޓަރުގެ ދަށުން ގާއިމުކޮށްފައިވާ ދޭ ދޭ ގައުމުތަކުގެ ދެމެދުގައި މައްސަލަތައް ނިންމާ ކޯޓެއް ކަމަށްވާ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައި.ސީ.ޖޭ)ގައި ވެސް އިސްރާއީލުން ފަލަސްތީނު ނަސްލު ނައްތައިލުމުގެ މައްސަލައިގެ ދައުވާއާ އިސްރާއީލަށް ކުރިމަތިލާންޖެހިފައިވެއެވެ.



advertisment