ކެންސަރު ސެލް ނައްތާލާ ކާނާތަކުގެ ބައެއް އެއްޗެހި އަހަރެމެންގެ ތެރޭގައި އެހާ މަޝްހޫރެއް ނޫނެވެ. މިހެންވެ މި ބަލައިލަނީ މީގެ ތެރެއިން އާއްމު ގޮތެއްގައި އަހަރެމެން ސަމާލުކަން ނުދޭ، ކެންސަރާ ހަނގުރާމަކުރާ އަށް ބާވަތެއްގެ ކާނާއަށެވެ.
މި، އަށް ކާނާއަކީ ދުވަހުގެ ކެއުމުގައި ހިމެނުމުން ކެންސަރު ބަލިން ސަލާމަތްވުމުގެ އިތުރުން އަހަރެމެންގެ ހަށިގަނޑު ސިއްހީ ގޮތުން ދުޅަހެޔޮކޮށް ބެހެއްޓުމަށް ވަށާޖެހޭ ގޮތަށް ލިބޭ ގުދުރަތީ ފަރުވާތަކެކެވެ. މި ތަކެތީގައި ހިމެނޭ އެންޓިއޮކްސިޑަންޓްސްއަކީ ސެލްތައް ހަލާކުވުމުން ރައްކާތެރިކޮށްދޭ އެއްޗެކެވެ.
ސެލްތައް ހަލާކުވުމުން ތަފާތު ސިއްހީ މައްސަލަތައް ކުރިމަތިވެއެވެ. އެންޓިއޮކްސިޑަންޓްސް އާއި އެންޓި-އިންފްލެމޭޓަރީ ނުވަތަ ދުޅަވުމުން ރައްކާތެރިކޮށްދޭ މާއްދާތަކުން އޮކްސިޑެޓިވް ސްޓްރެސްގެ ސަބަބުން ސެލްތަކާއި ޓިޝޫތައް ހަލާކުވުމުން ދުރުކޮށްދެއެވެ. މި ކަމުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަވެއެވެ. ނަތީޖާއަކަށްވަނީ ކެންސަރާ ދުރުކޮށްދިނުމެވެ.
މި އަށް ކާނާއަކީ:

1. އެމަރާންތު
މިއީ ފައިދާ ހުރި ގޮވާމުގެ ބާވަތެކެވެ. ޕްރޮޓީން، ފައިބަރު އަދި އެންޓިއޮކްސިޑަންޓްސް ގިނައިން ހުންނަ އެއްޗެކެވެ. ބައެއް ދިރާސާތަކުން ބުނާ ގޮތުގައި ގޮހޮރާއި އުރަމަތީގެ ކެންސަރު ޖައްސާ ސެލްތައް އިތުރަށް ހެދިގަތުމަށް އެމަރާންތުން ހުރަސްއަޅައެވެ. މިއީ ކެންސަރު ސެލްތައް ހެދިގަތުމަށް ހުރަސްއަޅާ ސެޕޮނިން މާއްދާ ވެސް އެކުލެވޭ ގޮވާމެކެވެ. މީގެ އިތުރުން އެމަރާންތަކީ ކެންސަރު ސެލްތައް މަރައިލައި އަދި ހަށިގަނޑުގެ އެތެރޭގައި ގުނަންތައް ދުޅަވުމުގެ މައްސަލައަށް ވެސް ހައްލު ގެނެސްދޭ ގޮވާމެކެވެ.

2. ލޮނުމެދު
ލޮނުމެދަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކުރާ، އެންޓިއޮކްސިޑަންޓްސް ހުންނަ އެއްޗެކެވެ. މިއީ ކެންސަރު ސެލް އުފެދުމުންނާއި ކެންސަރު ސެލް ފެތުރުމަށް ހުރަސްއަޅާ އަލިޗީން މާއްދާ ހުންނަ އެއްޗެކެވެ. އެޕޮޕްޓޮސިސް ކިޔާ ނިޒާމަކުން ހަށިގަނޑުގައި އުފެދިފައި ހުންނަ ކެންސަރު ސެލްތައް ވެސް ލޮނުމެދުން ނައްތައިލައެވެ.

3. ގްރީން ޓީ
ލަފުޒީ މާނައިން ނަމަ "ފެހި ސައިފަތަ"ކީ ކެޓަކިން ގިނަ އަދަދަކަށް ހުންނަ އެއްޗެކެވެ. ހާއްސަކޮށް އެޕިގެލޮކެޓަކިން ގެލެއިޓް (އީ.ޖީ.ސީ.ޖީ)އެވެ. މިއީ ކެންސަރު ޖެހުމުން ދުރުކޮށްދޭ މާއްދާތަކެވެ. ގްރީން ޓީއިން ހަށިގަނޑުގައި އުފެދޭ ކެންސަރު ޓިއުމަރު އިތުރަށް ބޮޑުވިޔަ ނުދީ ހިފަހައްޓައެވެ. އަދި ކެންސަރު ސެލްތައް އިތުރަށް އަށަގަންނަން ފުރުސަތެއް ނުދެއެވެ. އެންޖިއޮޖެނެސިސް ކިޔާ ނިޒާމެއްގެ ދަށުން ގްރީން ޓީގައި ހުންނަ މާއްދާތަކުން ޓިއުމަރު ހަށިގަނޑުގައި ފަތުރާ ލޭގެ ވެސެލްތައް ހެދިގަތުމަށް ހުރަސްއަޅައެވެ. ގްރީން ޓީއަކީ ހާއްސަ ގޮތެއްގައި ހަމާއި އުރަމައްޗާއި ޕްރޮސްޓްރޭޓް ކެންސަރުން ދުރުކޮށްދޭ އެއްޗެކެވެ.

4. ރީނދޫ
ރީނދޫގައި ހިމެނޭ ކާކަމިން މާއްދާއަކީ ދުޅަވުން ކޮންޓްރޯލްކުރާ އެންޓިއޮކްސިޑަންޓެކެވެ. ކެންސަރު އުފެދުމުން ދުރުކޮށްދިނުމާއެކު ކެންސަރު ސެލް އިތުރަށް ހެދިބޮޑުވުމަށް ހުރަސްއަޅައި އަދި ހަށިގަނޑުގައި ކެންސަރު ފެތުރުމަށް ވެސް ހުރަސްއަޅައެވެ. ރީނދޫއިން ފުއްޕާމެއާއި ގޮހޮރާއި ޕެންކްރިއަސްގެ ކެންސަރާ ހަނގުރާމަކުރެއެވެ.

5. ބެރީ (ބްލޫބެރީ، ސްޓްރޯބެރީ އަދި ރާސްޕްބެރީ)
ބެރީގެ ބާވަތްތަކުގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑަންޓްސް ހުރެއެވެ. ހާއްސަކޮށް ފްލެވޮނޮއިޑްސް އާއި ވިޓަމިން ސީއެވެ. ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކުރުމުގެ އިތުރުން ޑީ.އެން.އޭ ހަލާކުވުމުން ވެސް ރައްކާތެރިކޮށްދެއެވެ. ބެރީގެ މި ތިން ބާވަތުގައި ހިމެނޭ އެންތޮސަޔަނިންއިން ކެންސަރު ސެލް ހެދިގަނެ ބޮޑުވުމަށް ހުރަސްއަޅައެވެ. ބެލެވޭ ގޮތުގައި ކެންސަރުގެ ސްޓެމް ސެލް ހެދިގަތުމަށް ވެސް ބެރީގެ ބާވަތްތަކުން ހުރަސްއަޅައެވެ. ކެންސަރުގެ ސްޓެމް ސެލްތަކަކީ ހަށިގަނޑުގައި ކެންސަރު ފަތުރާ ސެލްތަކެވެ.

6. ފެހި ފަތް (ބޯވެލި، ކޮޕީ ފަތް އަދި ކެބެޖު)
ފެހި ފަތަކީ ހަށިގަނޑުގެ ވަށާޖެހޭ ދުޅަހެޔޮކަމަށް ބޭނުންވާ ވިޓަމިން އާއި މިނެރަލްގެ ބާވަތްތަކާއި ފައިބަރު ހުންނަ ފަތްތަކެވެ. ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ނައްތައިލައެވެ. އަދި ކެންސަރު ޖައްސާ މާއްދާތައް ހަށިގަނޑަށް ނަގައިދިނުމަށް ހުރަސްއަޅައެވެ. ހަށިގަނޑުގެ ސެލްތަކާއި ޓިޝޫތައް ހަލާކުވުމާ ދުރުކޮށްދޭ ކަރާޓިނޯއިޑްސް ހުރެއެވެ. އަދި ސެލްތަކުގައި ކެންސަރުގެ ހަރަކާތްތަކަށް ހުރަސްއަޅައެވެ. ހަޖަމުގެ ނިޒާމު ރަނގަޅު ކުރުމަށް ބޭނުންވާ ފޮލޭޓް އަދި ފައިބަރު އެކުލެވިގެންވެއެވެ. މެއާއި ބަނޑާއި ގޮހޮރުގެ ކެންސަރު އުފެދުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.

7. ޓޮމާޓޯ
ކެންސަރާ ހަނގުރާމަކުރާ ވަރުގަދަ މާއްދާއެއް ކަމަށްވާ ލައިކޮޕީން ހުރެއެވެ. ޕްރޮސްޓްރޭޓް ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. ކެންސަރު ސެލްތައް ހެދިގަނެ، އަށަގަނެ، އަދި ފެތުރުމަށް ހުރަސްއަޅައިގެންނެވެ. އަދި ދުޅަވުމުގެ މައްސަލަ ހައްލުކޮށްގެންނެވެ. ޓޮމާޓޯ ކައްކައިގެން ކެއުމުން ލައިކޮޕީން އިތުރުވާތީ މިއީ ކެންސަރުން ސަލާމަތްވާން މާ ފައިދާ ހުރި ގޮތެކެވެ.

8. ނަޓް (އާމަންޑް، ވޮލްނަޓް އަދި ބްރެޒިލް ނަޓް)
ނަޓްގެ ބާވަތްތަކުގައި ސިއްހަތަށް ރަނގަޅު ފެޓްގެ އިތުރުން ވިޓަމިން އާއި މިނެރަލްގެ ބާވަތްތައް ހުރެއެވެ. އޮމެގާ-3 ފެޓީ އެސިޑުން ދުޅަވުމުގެ ހާލަތްތަކުން ސަލާމަތްކޮށްދޭތީ ކެންސަރުން ރައްކާތެރިކޮށްދެއެވެ. ވޮލްނަޓްގައި ހާއްސަކޮށް އެއްލަޖިކް އެސިޑް ހުރެއެވެ. މިއީ ކެންސަރު ސެލް ހެދިބޮޑުވުމަށް ހުރަސްއަޅާ މާއްދާއެކެވެ. ހަށިގަނޑު ނުރައްކަލަށް ހުށަހެޅުމުން ނަޓްގެ ބާވަތްތަކުން ހަށިގަނޑުގެ ދިފާއީ ނިޒާމު ހިންގުވައިލައެވެ. ގުނަވަންތައް ދުޅަވުމަށް ހުރަސްއަޅައެވެ. ކެންސަރު ސެލްއަށް އަންނަ ބަދަލުތައް ހުއްޓުވާ އެންޓިއޮކްސިޑަންޓްސް ވެސް ހުރެއެވެ.
އެއްވެސް ކަމަކީ 100 ޕަސެންޓްގެ ޔަގީންކަމެއްވާ ކަންކަމެއް ނޫނެވެ. ނަމަވެސް އާއްމުކޮށް މި އަށް ބާވަތް ކެއުމުގެ ތެރޭގައި ހިމެނުމުން ކެންސަރު ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަކޮށްދެއެވެ. ހަށިގަނޑުގައި ކެންސަރު އުފެދިދާނެ ފުރުސަތުތަކާ ހަނގުރާމަކުރަން ހަށިގަނޑު އެންމެ ފުރިހަމައަށް ތައްޔާރުކޮށްދޭކަމީ އުފާކުރަންޖެހޭ ކަމެކެވެ. ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީގެންނެވެ. މި ކާނާ ކެއުމުން ހަށިގަނޑަށް ވަންނަ ވިހަ މާއްދާތައް ބޭރުކޮށްދިނުމުގެ ސަބަބުން ފުރާނަ ސަލާމަތްވުމަށް މަގުފަހިވެއެވެ. މިހާރުއްސުރެ ވެސް މި ތަކެތި ކާން ފެށުމުން ހަށިގަނޑަށް އަންނަ ރަނގަޅު ބަދަލުތައް އެނގެން ފަށާނެއެވެ. މިއީ ސާދާ ކާނާތަކެއް ކަމަށް ހީވިޔަސް މިއީ ހަގީގަތުގައި ކެންސަރާ ދެކޮޅަށް ހަށިގަނޑު ރައްކާތެރިކުރުމަށް އެޅޭނެ ބޮޑު ފިޔަވަޅެކެވެ.
- ތަރުޖަމާއެއް



advertisment