Support Us

ގެދޮރުން ބޭރުކޮށްލައިފައިވާ ރަށްވެހިން ތިބި ޣައްޒާގެ ކޭމްޕަކަށް އިސްރާއީލުން މި ދިޔަ މަހު ހަމަލާ ދީފައި

ޣައްޒާގެ ތިންބައިކުޅަ ދެބައިން ރަށްވެހިން ބޭރުކޮށްލައިފި

ޣައްޒާގެ ތިންބައިކުޅަ ދެބައިން ރަށްވެހިން ބޭރުކޮށްލައިފި ކަމަށް އދ.ގެ އިންސާނީ އެހީ ދޭ ޖަމާއަތް ކަމަށްވާ އޯ.ސީ.އެޗް.އޭއިން ބުނެފިއެވެ.

ޣައްޒާގެ މި ސަރަހައްދަކީ މިހާރު ރަށްވެހިން ވަނުން މަނާ ނުވަތަ ގަދަކަމުން ގެދޮރުން ބޭރުކޮށްލައިވާ ސަރަހައްދެއް ކަމަށް އެ ޖަމާއަތުން ބުންޏެވެ. މީގެ ތެރޭގައި ޣައްޒާގެ އެންމެ ދެކުނުގައި އޮންނަ ރަފަހު ސިޓީ ހިމެނެއެވެ.

"އެތައް ލައްކަ ފަލަސްތީނު ރައްޔިތުން އަނެއްކާވެސް މި ވަނީ މަގުމަތިވެފައި،" އޯ.ސީ.އެޗް.އޭއިން ބުންޏެވެ.

މިއީ މީގެ ކުރިން ވެސް އެތައް ފަހަރަކު މަގުމަތިވެފައިވާ ރަށްވެހިން ކަމަށްވާތީ މީގެ މާނައަކީ އަލުން އެ މީހުން ޣައްޒާ އާއި ރަފަހު ދޫކޮށްފައި ދާން ޖެހުމެވެ.

އިސްރާއީލު އަސްކަރިއްޔާއިން މިދިޔަ ހޯމަ ދުވަހު ކުރި އިއުލާނެއްގައި ބުނީ ދެކުނު ޣައްޒާއަށް "އަލުން އެނބުރި ވަންނަނީ އިތުރު ބާރުގަދަކަމާއެކު ހަނގުރާމަ ކުރުމަށް" ކަމަށެވެ.

އިސްރާއީލުން އިއްޔެ ވަނީ އެ ގައުމުގެ "ސަލާމަތީ ސަރަހައްދެއް" ގޮތަށް ގާއިމުކުރަން ޣައްޒާއަށް އަލުން އެއްގަމު މަގުން ވަދެގަތްފައެވެ.

"އަހަރެމެންނަށް މިހާރު އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލައަކީ ގެދޮރުން ބޭރުކޮށްލާފައިވުން. މި މައްސަލަ ހައްލުކުރާނެ ގޮތުގެ ހިޔާލެއް ވެސް އަހަރެމެންގެ ސިކުނޑިއަކަށް ނާދޭ. އަހަރެން މި ދަނީ ޣައްޒާ ސަހަރުގެ ހުޅަނގާ ދިމާއަށް. އެއީ ޓެންޓެއް ނަގާލެވޭނެ މަގެއް ފެނޭތޯ،" މުސްކުޅި މީހެއް ކަމަށްވާ އަބޫ ހާޒަމު ހަލީފު އަލް ޖަޒީރާއަށް ބުންޏެވެ.

"އަހަރެމެން ގަދަކަމުން މި ތަނުން ބޭރުކޮށްލީ. އަހަރެމެންނަކަށް ނޭނގޭ ދާނެ ތަނެއް. އަހަރެމެން މި ތިބީ ހަލާކުވެ ވަރުބަލިވެފައި،" ގެދޮރުން ބޭރުކޮށްލި އެހެން މީހެއް ކަމަށްވާ މަހްމޫދުލްޣަރަބްލީ ބުންޏެވެ.

ޣައްޒާ ބައިބައިކޮށްލުން

އިސްރާއީލުގެ މި އަސްކަރީ ކުރިމަތިލުމަކީ ހަމާސްއިން އިތުރު ކަންތައްތަކަށް ދޫދިނުމަށް ޕްރެޝަރު ކުރުމުގެ ގޮތުން އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫގެ އިންޒާރާ ގުޅިގެން ކުރަން ފެށި ކަމެކެވެ.

"އަހަރެމެން މިހާރު ޣައްޒާ މި ބައިކޮށްލަނީ. ފިޔަވަޅަކަށް ފަހު ފިޔަވަޅަކުން އަހަރެމެން ހަމާސްއަށް މި ޕްރެޝަރު ކުރަނީ އަހަރެމެންގެ އަސީރުން ދޫކޮށްލުމަށް،" ބުދަ ދުވަހު ވީޑިއޯ މެސެޖެއްގައި ނަތަންޔާހޫ ބުންޏެވެ.

އިއްޔެ ވެސް އިސްރާއީލު ސިފައިން ވަނީ ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. ފަތިހު ދޭން ފެށި ހަމަލާތަކުގައި މަދުވެގެން 30 މީހުން ޝަހީދުވި ކަމަށް ޣައްޒާގެ ސިއްހީ މަސްދަރުތަކުންނާއި ޣައްޒާގެ މަދަނީ ދިފާއީ އިދާރާއިން ބުންޏެވެ.

އޭގެ ކުރިން ބުރާސްފަތި ދުވަހު މުޅި ދުވަހު އަޅަމުން ދިޔަ ބޮންތަކުން 112 މީހުން ޝަހީދުވިއެވެ. އޭގެ ތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.

ޣައްޒާގެ އުތުރު ސަރަހައްދުތަކުން ޝިކާރައަކަށްވެފައިވާ މީހުންގެ ހާލަތު ޣައްޒާ ސިޓީގެ އަލް-އަހުލީ ހޮސްޕިޓަލުގައި ފެނުނީ "ގިޔާމަތެއްވެފައިވާ ސިފައެއްގެ ގޮތަށް" ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކުރިއެވެ.

"އަހަރެމެންނަށް ފެނުނީ ބިންމަތީގައި ހަށިގަނޑުތައް އަތުރައިފައިވާ މަންޒަރު. އަހަރެމެންނަށް ފެނުނީ އުއްމީދު ކަނޑައިލައިފައިވާ ޑޮކްޓަރުން. އެ މީހުންނަކަށް ނޭނގޭ ހަދާނެ ގޮތެއް. ހޮސްޕިޓަލުގެ ހާލަތު ހުރި ގޮތުން އެ މީހުންނަކަށް ނެތް މީހުންގެ ފުރާނަ ސަލާމަތްކުރެވޭކަށް،" ހޮސްޕިޓަލަށް ޒިޔާރަތް ކުރުމަށް ފަހު އަލް ޖަޒީރާގެ ނޫސްވެރިޔާ ހާނީ މަހްމޫދު ރިޕޯޓުކުރިއެވެ.

ސުލްހަ މުގުރައިލުން

ހަމާސްއާއެކު އިސްރާއީލުން ގާއިމުކުރި ސުލްހައިގެ އެއްބަސްވުން ދެ މަސް ފަހުން މި ދިޔަ މަހު 18 ގައި އިސްރާއީލުން މުގުރައިލައި ޣައްޒާއަށް އަލުން ހަމަލާތައް ދޭން ފެށީ މުއާހަދާގެ ދެވަނަ ފިޔަވަހި ކުރިއަށް ގެންދާނެ ގޮތަކާމެދު އެއްބަސްވުމަކަށް ނާދެވުމުންނެވެ.

ނަތަންޔާހޫ ބޭނުންވަނީ ޣައްޒާ ހަނގުރާމަ ދާއިމީ ގޮތެއްގައި ހުއްޓާލާނެކަމަށް އެއްބަސް ނުވެ އަދި އިސްރާއީލު ސިފައިން ޣައްޒާއިން ބާލާނެ ކަމަށް ވެސް އެއްބަސްނުވެ ހަމާސްގެ ބާރުގެ ދަށުގައިވާ އިސްރާއީލުގެ ބާކީ ތިބި 59 އަސީރުން ދޫކޮށްލުމަށެވެ. އެއީ އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ދޫކޮށްލާމަތިންނެވެ.

ސުލްހައިގެ އެއްބަސްވުމުގެ އެންމެ ފަހު ފިޔަވަހީގައި ނަތަންޔާހޫ ބޭނުންވަނީ ހަމާސްއިން އެއްކޮށް ހަތިޔާރު ބެހެއްޓުމަށެވެ. އަދި އެހާ ހިސާބުން ޣައްޒާއަކީ އިސްރާއީލުގެ ބާރުގެ ދަށުގައިވާ ތަނަކަށް ހަދައި، ފަލަސްތީނު ރަށްވެހިން އެ ތަނުން ދާއިމީ ގޮތެއްގައި ބޭރުކޮށްލުމަށެވެ.

ހަމާސްއިން ހުށަހަޅައިފައިވަނީ ތިން ފޭސްއަކަށް ބަހައިލައިގެން ކުރިއަށްގެންދަން އެއްބަސްވި ސުލްހައިގެ މުއާހަދާއަށް އަލުން އަމަލުކުރުމަށެވެ. އަދި ޣައްޒާ ހަނގުރާމަ ދާއިމީ ގޮތެއްގައި ހުއްޓާލަން އިސްރާއީލުން އެއްބަސްވެއްޖެ ނަމަ ހުރިހާ ޔަހޫދީ އަސީރުން ދޫކޮށްލާނެ ކަމަށް ބުންޏެވެ.

އޮކްޓޫބަރު 2023 ގެ ހަތް ވަނަ ދުވަހު ފެށި ޣައްޒާ ހަނގުރާމައިގައި ފަލަސްތީނުގެ 50،523 ރައްޔިތުން މިހާރު ޝަހީދުވެފައިވެއެވެ. އަދި 114،638 މީހުން ޒަހަމްވެފައިވެއެވެ.

ހަމާސްއިން އެ ދުވަހު ދިން ހަމަލާގައި 1،139 ޔަހޫދީން މަރާލައި 200 އެއްހާ ޔަހޫދީން ރަހީނުކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *