ބައިނަލްއަގުވާމީ ޖިނާއީ ކޯޓު އައި.ސީ.ސީން ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވަނިކޮށް އެ ކޯޓުގެ ފައުންޑަރު މެންބަރެއްކަމަށްވާ ހަންގެރީން، މިހާރު އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫއަށް ރަތްދޫލައިގެ މަރުހަބާއެއް ކިޔައިފައިވާއިރު، ޔޫރަޕްގެ ބައެއް ގައުމުތަކުން ބުނީ ނަތަންޔާހޫ އެއިން ގައުމަކަށް ފިޔަވަޅު އަޅައިފި ނަމަ ހައްޔަރުކޮށް އައި.ސީ.ސީއާ ހަވާލުކުރާނެ ކަމަށެވެ.
ހަންގެރީން ދައުވަތު ދީގެން ނަތަންޔާހޫއަށް އެ ގައުމުން އިއްޔެ މަރުހަބާކިޔުމުން ހައްޔަރު ނުކުރާނެ ކަމަށް ބުނި ގައުމުތަކުން ވެސް ބުނީ "މިއީ ދުނިޔޭގައި ގާނޫނު ނެގެހެއްޓުމުގައި ކުރިމަތިވި ހިތާމައިގެ ދުވަހެއް"ކަމަށެވެ.
ނަތަންޔާހޫއަށް ދައުވަތު ދެއްވައިގެން އޭނާ ހަންގެރީއަށް ޒިޔާރަތްކުރަމުން ދަނިކޮށް ހަންގެރީގެ ބޮޑު ވަޒީރު ވިކްޓޯރު އޮރްބާން ވަނީ ހަންގެރީ އައި.ސީ.ސީން ވަކިކުރައްވާނެކަން އިއުލާންކުރައްވައިފައެވެ.
"އައި.ސީ.ސީ އުފެއްދުމަށް ގާއިމުކުރި ރޯމް މުއާހަދާ ފަދަ ޔޫރަޕްގެ ހުރިހާ ގައުމަކުން ތަބާވާންޖެހޭ ގާނޫނުތަކެއްވޭ. ޔޫރަޕްގެ އެއްވެސް ގައުމަކީ ގާނޫނުން މަތީގައިވާ ގައުމެއް ނޫން،" ނަތަންޔާހޫ ހައްޔަރު ނުކުރި ނަމަވެސް އައި.ސީ.ސީން ހަންގެރީ ވަކިވުމާ ދެކޮޅުހައްދަވަމުން ޖަރުމަނީގެ ބޮޑު ވަޒީރު އަނަލީނާ ބެއާބޮކް ވިދާޅުވިއެވެ.
އައި.ސީ.ސީން ހަންގެރީ ވަކިވާނެކަމަށް އޮރްބާން އިއުލާންކުރެއްވީ ނަތަންޔާހޫ އެ ގައުމަށް އައިތާ މާގިނައިރުތަކެއް ނުވަނީހެވެ.
ނަތަންޔާހޫ އާއި އިސްރާއީލުގެ ކުރީގެ ދިފާއީ ވަޒީރު ޔޮއަވް ގެލަންޓް ހައްޔަރުކުރުމުގެ އަމުރެއް އައި.ސީ.ސީން ނެރުނީ މިދިޔަ އަހަރު ނޮވެމްބަރު މަހު ޣައްޒާގައި ހިންގަމުންދާ ފަލަސްތީނު ނަސްލު ނައްތައިލުމުގެ ޖަރީމާގެ މައްސަލައިގައެވެ. ސަތާރަ މަސްވީ ޣައްޒާ ހަނގުރައިމައިގައި މިހާތަނަށް ފަލަސްތީނުގެ 50،000 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލައިފައިވެއެވެ.
ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރު ނެރެމުން އައި.ސީ.ސީގެ ފަނޑިޔާރުން ބުނެފައިވަނީ ހަމާސްއާދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރައިމައިގައި "ހަނގުރައިމައިގެ ކުށާ"އި "އިންސާނީ ޖަރީމާ" ހިންގުމުގައި ނަތަންޔާހޫގެ އަތެއްވާކަމަށް ގަބޫލުކުރެވޭ "އެކަށީގެންވާ ސަބަބުތައް" އެބަހުރި ކަމަށެވެ. އައި.ސީ.ސީގެ ނިންމުމާ ބެހޭ ގޮތުން ނަތަންޔާހޫ ބުނީ އެއީ ޔަހޫދީ ނަސްލާ ދެކޮޅު ތައައްސުބު ނުވަތަ "އެންޓި-ސެމިޓިސިސަމް"ގެ ސަބަބުން އައި.ސީ.ސީން ނިންމި ކަމެއްކަމަށެވެ.
ރޯމް މުއާހަދާގެ ދަށުން އައި.ސީ.ސީ އުފެއްދީ 125 ގައުމު ގުޅިގެންނެވެ. އޭގެ ތެރޭގައި ޔޫރަޕް އިއްތިހާދުގެ ގައުމެއްކަމަށްވާ ހަންގެރީ ވެސް ހިމެނެއެވެ. އައި.ސީ.ސީގެ އިހުތިސާސްގައި ޖެނޮސައިޑް ނުވަތަ ނަސްލު ނައްތައިލުމުގެ ޖަރީމާތަކާއި އިންސާނުންނާ ދެކޮޅަށް ހިންގާ އެހެން ޖަރީމާތަކާއި އަދި ހަނގުރާމައިގެ ކުށްތައް ތަހުގީގުކޮށް ޝަރީއަތް ހިންގުމުގެ މެންޑޭޓްއޮވެއެވެ.



advertisment