Support Us

ޝްރީ ލަންކާގެ ރެސްޓޯރަންޓަކުން މީހުން ހިދުމަތް ހޯދަނީ

ލަންކާ ސަރުކާރުން ރެސްޓޯރަންޓް ވިޔަފާރިއަށް

ޝްރީ ލަންކާ ސަރުކާރުން ރެސްޓޯރަންޓް ވިޔަފާރިއަށް ވަދެއްޖެއެވެ.

ރައީސް އަނުރަ ޑިސަނަޔަކަގެ މީޑިއާ އިދާރާއިން ބުނީ އަމާޒަކީ ރައްޔިތުންނަށް "އަތްފޯރާފަށުގައި ސިއްހަތަށް ފައިދާހުރި ކާބޯތަކެތި އެކަށީގެންވާ މިންވަރަކަށް ފޯރުކޮށްދިނުމާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުން" ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ފުރަތަމަ ރެސްޓޯރަންޓް ހުޅުވީ އަންގާރަ ދުވަހު ވެރިރަށް ކޮޅުނބުގެ ނަރަހެންޕިޓާ އަވަށުގައެވެ.

މިއީ ނެޝަނަލް ފުޑް ޕްރޮމޯޝަން ބޯޑާއި ސިއްހީ ވުޒާރާ އަދި ދަނޑުވެރިކަމާ ބެހޭ ވުޒާރާ ގުޅިގެން ގައުމީ ފެންވަރުގައި ހިންގާ ޕްރޮޖެކްޓެކެވެ.

ޝްރީ ލަންކާގެ ރެސްޓޯރަންޓެއް

"ގައުމީ ފެންވަރުގެ މި ޕްރޮގްރާމްގައި މިހާރު ހުރި ރެސްޓޯރަންޓްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރަން ވެސް ހަމަޖައްސައިފައިވޭ. އެއީ މި މަޝްރޫގެ ދެވަނަ ފޭސްގައި،" އޮފިޝަލަކު ބުންޏެވެ.

މިއީ ލަންކާގައި ހިންގާ "ކްލީން ޝްރީ ލަންކާ" އިނިޝިއެޓިވްގެ ވެސް ބައެކެވެ. ލަފުޒީ މާނައިން ނަމަ "ސާފު ޝްރީ ލަންކާ" ޕްރޮގްރާމަކީ ގައުމުގެ ހުރިހާ ދާއިރާއެއް ކުރިއެރުވުމަށް ސަރުކާރުން ހިންގާ ވަށާޖެހޭ ސިޔާސަތެކެވެ. އޭގެ ތެރޭގައި ސިޔާސީ، ތިމާވެށި، އިގުތިސާދީ އަދި ސިއްހީ ދާއިރާ ދެފުށްފެންނަ ގޮތަށް ތަރައްގީ ކުރުމުގެ ސިޔާސަތްތައް ކުރިއެރުވުން ހިމެނެއެވެ.

"މިހާރު ރެސްޓޯރަންޓް ހިންގާ ފަރާތްތަކުގެ އެއްބާރުލުން ވެސް މި މަޝްރޫއަށް ހޯދާނަން،" ޑިސަނަޔަކަގެ މީޑިއާ އިދާރާއިން ބުންޏެވެ.

އެ ގޮތުން މި އަމާޒަށް ވާސިލުވުމަށް މިހާރު ތަންފީޒުކުރަމުން އަންނަ ކާބޯތަކެއްޗާ ގުޅޭ ސިޔާސަތުތަކާއި ކާބޯތަކެތީގެ ފެންވަރު ހިފަހައްޓާ މިންގަނޑުތައް ދެމެހެއްޓުން މުހިންމުކަމަށް ރިޔާސީ ސެކްރެޓޭރިއެޓްގައި ބޭއްވި ބައްދަލުވުމެއްގައި އޮފިޝަލުން ބުންޏެވެ.

ޝްރީ ލަންކާ ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް ރައްކާތެރި އަދި ސިއްހީ ގޮތުން ފައިދާ ހުރި ކާބޯތަކެތި އަތްފޯރާފަށުގައި ފޯރުކޮށްދިނުމަށް

ނާމުސޫފި ގެންގުޅުމާ ބެހޭ އިދާރާ ކަމަށްވާ ނެޝަނަލް ލައިވްސްޓޮކް ޑެވެލޮޕްމެންޓް ބޯޑު ފަދަ އިދާރާތަކުން ރެސްޓޯރަންޓް ފެންވަރުގައި ނޫނަސް މިހާރު ވެސް ކާބޯތަކެތި ވިއްކާ ތަންތަން ހިންގައެވެ.

ރިޔާސީ ސެކްރެޓޭރިއެޓްގައި ބޭއްވި ބައްދަލުވުމުގައި އޮފިޝަލުން ބުނީ "ރައްކާތެރި، ފެންވަރު ރަނގަޅު އަދި ފައިދާ ހުރި ކާބޯތަކެތި ލިބުމަކީ ރައްޔިތުންގެ ހައްގެއް" ކަމަށެވެ.

"ކާބޯތަކެއްޗަށް ރައްޔިތުންގެ އިތުބާރު އުފައްދައި ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގެ ގުޅުން ރަނގަޅުކުރަންޖެހޭ،" ރިޔާސީ ސެކްރެޓޭރިއެޓްގައި އޮތް ބައްދަލުވުމުގައި އޮފިޝަލަކު ބުންޏެވެ.

މި ބައްދަލުވުމުގައި ނެޝަނަލް ފުޑް ޕްރޮމޯޝަން ބޯޑާއި ސިއްހީ ވުޒާރާ އަދި ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ އޮފިޝަލުންގެ އިތުރުން ޑިސަނަޔަކަގެ ސީނިއާ އެޑިޝަނަލް ސެކްރެޓެރީ ކަޕިލަ ބަންޑާރަ އާއި އެޑިޝަނަލް ސެކްރެޓެރީ އެސް.ޕީ.ސީ ސުގީޝްވަރަ ބައިވެރިވިއެވެ.

ލަންކާ ސަތޯސާގެ ފިހާރައެއް ކައިރީގައި ޝަކުވާ ހުށަހަޅަން މީހުން ކިޔޫގައި

ދިވެހި ރާއްޖޭގައި އަސާސީ މުދަލުގެ އަގު ހިފެހެއްޓުމަށާއި ތަކެތީގެ އަގު ބޮޑު ވިޔަ ނުދިނުމަށް ނުވަތަ އިންފްލޭޝަން ކޮންޓްރޯލް ކުރުމަށާއި އިގުތިސާދީ ދަތިތަކުގެ ތެރޭގައި އާއްމުންނަށް އަސާސީ މުދާ އަގު ހެޔޮކޮށް ވިއްކުމަށް ހިންގާ ސަރުކާރު ކުންފުނި ނުވަތަ އެސް.އޯ.އީ (ސްޓޭޓް އޯންޑް އެންޓަޕްރައިސް)ކަމަށްވާ އެސް.ޓީ.އޯ ފަދައިން ލަންކާގައި އޮތް ލަންކާ ސަތޯސާ ކުންފުނި އަލުން ހަރަކާތްތެރިކުރުވަން ލަންކާގެ ކެބިނެޓުން މިދިޔަ މަހު 24 ގައި ނިންމިއެވެ.

ލަންކާގެ ވިޔަފާރި އާއި ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ވުޒާރާ އާއި މާލީ ވުޒާރާގެ ބޮޑު ހިއްސާއެއް އޮންނަ ކޫޕަރެޓިވް ހޯލްސޭލް ކޫޕަރޭޝަން (ސީ.ޑަބްލިޔު.ސީ) ނުވަތަ އާއްމު ނަމުން ނަމަ ސަތޯސާ އުވާލަން ނިންމީ މި ދިޔަ އަހަރު ސެޕްޓެމްބަރު ދެ ވަނަ ދުވަހު ކުރީގެ ސަރުކާރުންނެވެ. ސަބަބަކީ ސަތޯސާއަކީ އެތައް ދަހަރެއް ވަންދެން ގެއްލުންވަމުންދިޔަ ކުންފުންޏަކަށްވާތީއެވެ.

ނަމަވެސް ހޯލްސޭލް އަދި ރީޓޭލް ވިޔަފާރިކުރާ ސަތޯސާ އަލުން ހިންގުވަން ނިންމީ ދައުލަތުގެ މުއައްސަސާތައް އިސްލާހުކުރުމަށް މިހާރުގެ ސަރުކާރުން ފެށި މަސައްކަތުގެ ދަށުންނެވެ.

"ސަތޯސާ އަލުން ދިރުވަން ނިންމީ އަތްފޯރާފަށުގައި މުދާ ފޯރުކޮށްދީ، މާކެޓުގައި ވާދަވެރިކަން އުފައްދަން،" އޮފިޝަލަކު ބުންޏެވެ.

އިގުތިސާދީ ދަތިކަމުގެ ދުވަސްވަރު އަސާސީ ތަކެތި ފޯރުކޮށްދިނުމުގައި ސަތޯސާއިން މުހިންމު ދައުރެއް އަދާކުރެއެވެ. އެ ގޮތުން އެ ފަދަ ހާލަތްތަކުގައި ރައްޔިތުންނަށް ބުރައަކަށް ނުވާނޭވަރުގެ ހެޔޮ އަގުގައި މުދާ ވިއްކައެވެ.

ލަންކާގެ ރީޓޭލް މާކެޓުގައި ސަތޯސާގެ ނުފޫޒު ވަރުގަދައެވެ. ނަތީޖާއެއްގެ ގޮތުން ގައުމުގައި މުދަލުގެ އަގަށް ލޮޅުން ނާރާ ހިފެހެއްޓެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *