ބަލިމީހަކަށް ހެދިގެން ފުރޮޅު ލީ ގޮނޑިއެއްގައި މީހަކު ރަނާއި ބަނގުރަލާއި އަދި ފޯންތަކެއް ސްމަގްލް ކުރަން އުޅެނިކޮށް ބަނގްލަދޭޝްގެ މައި އެއާޕޯޓު ކަމަށްވާ ހަޒްރަތު ޝާހްޖަލާލު އިންޓަނޭޝަނަލް އެއާޕޯޓުން ހިފަހައްޓައިފިއެވެ.
ވައިރަލްވެފައިވާ ވީޑިއޯއަކުން ފެންނަނީ މި މީހާ ލޯ މަތީގައި ފޭކު ބެންޑޭޖެއް އަޅައިގެން އިންނަ މަންޒަރެވެ.
ވެރިރަށް ދާކާގެ ކަސްޓަމްސް އޮފިޝަލުން އޭނާ ޗެކު ކުރީ އޭނާއާމެދު ޝައްކުތަކެއް ކުރެވުމުންނެވެ.
ނުހިނގޭ ކަމަށް ހެދިގެން އިން މި މީހާ ވަކި ހިސާބަކުން ކޮޅަށް ތެދުވެ، ފޮރުވައިގެން އުޅުނު އެއްޗެހިތައް އޮފިޝަލުންނާ ހަވާލުކުރަން ފެށިއެވެ. އޭނާ ވަނީ ހަށިގަނޑުގެ އެކި ތަންތަނުގައި ހަރުކޮށްގެން މި ތަކެތި ފޮރުވައިފައެވެ.

މީގެ ކުރިން 2017 ގައި ހަމަ މި އެއާޕޯޓުން މީހަކު ވަނީ އޭނާގެ ފަލަމަސްގަނޑުގައި ހަރުކޮށްގެން ވަގަށް އެތެރެކުރަން އުޅުނު 25 ކިލޯގެ ރަން ހިފަހައްޓައިފައި ކަމަށް ބީ.ބީ.ސީން ރިޕޯޓުކުރިއެވެ. ފޭކު ފުރޮޅު ލީ ގޮނޑިއެއްގައި ޖަމީލު އަޚްތަރު ނަމަކަށް ކިޔާ އެ މީހާ އެ އަހަރު ވަނީ 13 ފަހަރު ގައުމުން ބޭރަށް ގޮސްފައި ކަމަށާއި އޭނާ ވަގަށް އެތެރެ ކުރަން އުޅުނު ރަނުގެ އަގު 1.5 މިލިއަން ޑޮލަރު (23 މިލިއަން ރުފިޔާ)އަށް އަރާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުންޏެވެ.
"ބަނގްލަދޭޝްވެފައިވަނީ އިންޑިއާއަށް ރަން ސްމަގްލްކުރާ މަރުކަޒަކަށް،" ބީ.ބީ.ސީން ބުންޏެވެ.
އިންޑިއާއަކީ ދުނިޔޭގައި އެންމެ ގިނައިން ރަނުގެ ވިޔަފާރި ހިނގާ ގައުމެވެ. އަދި ރަނުގެ އިމްޕޯޓު ޑިއުޓީ ބޮޑުކަމުން އިންޑިއާ ތެރެއަށް ރަން ޓްރެފިކް ކުރުން ވަނީ އިތުރުވެފައެވެ.
ހަމަ 2017 ގައި ސިންގަޕޫރުން އައި ފްލައިޓެއްގެ ފާހާނާ ތަށީގައި ހަ ކިލޯގެ ރަން ހަރުކޮށްފައިވަނިކޮށް ވަނީ ފެނިފައެވެ.
ބަނގްލަދޭޝްއަށް ރަން ސްމަގްލްކުރަނީ މެދުއިރުމަތީގެ ގައުމުތަކުން އަންނަ ފަސިންޖަރުން ކަމަށް އޮފިޝަލުން ބުނެއެވެ. އެ ގޮތުން 2017 ގެ ކުރިން އައި ތިން އަހަރުގެ ތެރޭގައި 1.5 ޓަނުގެ ރަން އަތުލައިގެންފައިވާ ކަމަށާއި މިއީ ރެކޯޑު އަދަދެއް ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

"ބަނގްލަދޭޝްގެ އެއާޕޯޓުތަކުގެ ޒަރީއާއިން ވަގަށް ރަން އެތެރެ ކުރަން އުޅުނު 100 އަށްވުރެ ގިނަ މީހުން 2014 ގެ ފަހުން ވަނީ ހައްޔަރުކޮށްފައި. އޭގެ ތެރޭގައި ގިނައީ މެދުއިރުމަތީގައި މަސައްކަތްކުރާ ބަނގްލަދޭޝްގެ ރައްޔިތުން،" އޮފިޝަލަކު ބުނިކަމަށް ބީ.ބީ.ސީން ރިޕޯޓުކުރިއެވެ.
ރަން ޓްރެފިކް ކުރުމުގައި ފްލައިޓްތަކުގައި މަސައްކަތްކުރާ އެއާ ހޮސްޓެސްއިންނާއި ގްރައުންޑް ސްޓާފުންނާއި ސެކިއުރިޓީ ބަލަހައްޓާ މުވައްޒަފުން ވެސް ހިމެނޭ ކަމަށް ބީ.ބީ.ސީއަށް އޮފިޝަލުން ބުނެފައިވެއެވެ.

ދާކާ އެއާޕޯޓުގައި 2016 ގައި މީހަކު ވަނީ އޭނާގެ ފުރަގަސްފަރާތުގައި ފޮރުވައިގެން 600 ގްރާމްގެ ރަންގަނޑުތަކެއް އެތެރެކުރަން އުޅެނިކޮށް ހައްޔަރުކޮށްފައެވެ. އުމުރުން 32 އަހަރުގެ މީހާ އޮފިޝަލުންގެ ގާތުގައި ބުނީ އޭނާއަށް އެ ރަނުން 384 ޑޮލަރު (5،913ރ.) ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.
އޭނާގެ ފުރަގަސްފަރާތުގައި ވަނީ 100 ގްރާމްގެ ރަން ފަށެއް ވެސް ފޮރުވައިފައެވެ. އޭގެ އަގަކީ 38،000 ޑޮލަރު (585،200ރ.)އެވެ.

ފުރޮޅޮ ލީ ގޮނޑީގައި އެއް ފަހަރަކު މީހަކު ވަނީ 23 ކިލޯގެ ރަނާއެކު ހައްޔަރުކޮށްފައެވެ.
މީގެ އިތުރުން ބަނގްލަދޭޝުން އިންޑިއާގެ ކޮލްކަޓާ ސިޓީއަށް ދަތުރު ކުރި މީހެއްގެ ލަގެޖުން 1.2 ކިލޯގެ ރަން ވެސް އަތުލައިގެންފައިވެއެވެ.



advertisment