Support Us

މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރު ކައިރީގައި، ގައުމީ ތެޔޮ ކުންފުނި ޕެޓްރޮނާސްގެ ތެޔޮ ހޮޅިއެއް މިއަދު ގޮވުމުން އެރި އަލިފާންގަނޑު

ތެޔޮ ހޮޅިއެއް ގޮވައި މެލޭޝިއާގައި 112 މީހުން ޒަހަމް

މެލޭޝިއާގައި މިއަދު އީދު ފާހަގަ ކުރަމުން އަންނަނިކޮށް ވެރިރަށް ކުއަލަ ލަމްޕޫރު ކައިރީގައި ތެޔޮ ހޮޅިއެއް ގޮވައި 112 މީހުން ޒަހަމްވެއްޖެއެވެ. ގައުމީ ތެޔޮ ކުންފުނި ޕެޓްރޮނާސްގެ މި ތެޔޮ ހޮޅި ގޮވީ ސެލަންގޯރު ސްޓޭޓްގެ ޕުޓްރާ ހައިޓްސް ޓައުންގައެވެ.

"އެއްވެސް މީހަކު މަރުވިކަމުގެ ރިޕޯޓެއް މި ވަގުތު ލިބިފައެއް ނެތް،" އޮފިޝަލަކު ބުންޏެވެ.

މި ގޮވުމުގެ ސަބަބުން އެތައް މޭލު ދުރަށް ފެންނަން ހުރި ބޮޑު އަލިފާންގަނޑެއް އެރިއެވެ. މި އަލިފާންގަނޑުގެ ވީޑިއޯ ވަނީ ވައިރަލްވެފައެވެ. މަގުމަތިން ދިޔަ އުޅަނދަކުން ނަގައިފައިވާ މި ވީޑިއޯއިން ފެންނަނީ ބޮޑު މަޝްރޫމެއްގެ ސިފައިގައި އަލިފާނުގެ "ވިލާގަނޑެއް" މައްޗަށް އަރައިގެންދާ މަންޒަރެވެ.

"އެންމެ މަދުވެގެން 49 ގެ ހަލާކުވި. ޒަހަމްވި 63 މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ. އެއީ ފިހިފައި ހުރި ގުނަވަންތަކަށާއި ނޭވާލުމުގެ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލަތަކަށް،" އޮފިޝަލަކު ބުންޏެވެ.

އޭނާ ބުނީ 83 މީހުން ސަލާމަތް ކުރެވުނު ކަމަށެވެ.

"ތެޔޮ ހޮޅި އޮތް ހިސާބުގައި ދިރިއުޅޭ މީހުން މިހާރު އަންނަނީ ރައްކާތެރި ހިސާބުތަކަށް ގެންދަމުން،" ސެލަންގޯރުގެ ޗީފް މިނިސްޓަރު އަމީރުއްދީން ޝާރީ ވިދާޅުވިއެވެ.

ބައެއް މީހުންނަށް ވަގުތީ ހިޔާ ދީފައިވަނީ މިސްކިތްތަކުގައެވެ. އޭގެ ތެރޭގައި ޕުޓްރާ ހައިޓްސް މޮސްކް މަލްޓިޕާޕޯސް ހޯލް ހިމެނެއެވެ.

"ތެޔޮ ހޮޅީގެ މައްސަލަ ޖެހިފައިވާ ހިސާބު މިހާރު ވަނީ ބަންދުކޮށް އެކަހެރިކުރެވިފައި،" ސެލަންގޯރުގެ ކާރިސާތަކާ ބެހޭ އިދާރާ، ސެލަންގޯރު ޑިޒާސްޓާ މެނޭޖްމަންޓް ޔުނިޓުން ބުންޏެވެ.

ތެޔޮ ހޮޅި ގޮވި ސަބަބު މިހާރު އަންނަނީ ތަހުގީގުކުރަމުން ކަމަށް އެ ތަނުން ބުންޏެވެ.

ހާދިސާ ހިނގާފައިވާ ސަރަހައްދަށް އަލިފާން ނިއްވާ ލޮރީތަކާއި ސިއްހީ ހިދުމަތް ދޭ އުޅަނދުތަކާއި ފެން އުފުލާ ޓޭންކަރުތަކުގެ އިތުރުން ނުރައްކާތެރި އަދި ވިހަ މާއްދާތައް ނައްތާލާ ޓީމެއް ވަނީ ފޮނުވައިފައެވެ.

"ވަރަށް ގިނަ އަދަދެއްގެ އަލިފާން ނިއްވާ ޓީމުތައް ފޮނުވައިފިން،" އަލިފާން ނިއްވާ ޑިޕާޓްމަންޓްގެ ޑިރެކްޓަރު ވާން މުހައްމަދު ރާޒާލީ ވާން އިސްމާއީލް ދަ ސްޓާއަށް ބުންޏެވެ.

އެ ޑިޕާޓްމަންޓްގެ އޮޕަރޭޝަންސް ބަލަހައްޓާ ޑިރެކްޓަރުގެ ނައިބު އަހްމަދު މުހްލިސް މުހްތާރު މެލޭ މެއިލަށް ބުނީ ކުއްލި ހާލަތެއްގެ ފޯން ކޯލެއް ގަޑިން ހެނދުނު 8.10 ގައި ޕެޓްރޮނާސްގެ ފަރާތުން ލިބުނު ކަމަށެވެ.

"ގާތްގަނޑަކަށް ތެޔޮ ހޮޅީގެ ބައި މޭލެއްހާ ދިގުމިނުގައި އަލިފާން ރޯވެފައިވާ ކަމަށް އަހަރެމެންނަށް ރިޕޯޓު ލިބުނީ،" އަހްމަދު ބުންޏެވެ.

އެހީ ދޭން ދިޔަ ފަރާތްތަކުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އިތުރު ނުރައްކަލެއް ކުރިމަތިވެދާނެތީ ތެޔޮ ހޮޅީގެ އެ ހިސާބުން ތެޔޮ ހުސްކުރުމަށެވެ.

މީގެ އިތުރުން އަލިފާން ހިނގި ސަރަހައްދުގައި ހުރި ތެޔޮ އަޅައިދޭ ތިން ސްޓޭޝަނެއް ވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައި ކަމަށް ޕެޓްރޮނާސްއިން ބުންޏެވެ.

"ބައެއް ގޭގޭގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދޭ. ލިބިފައިވާ ހުރިހާ ގެއްލުމެއްގެ ތަފުސީލު ހޯދަމުން މި އަންނަނީ،" ސެލަންގޯރު ޑިޒާސްޓާ މެނޭޖްމަންޓް ޔުނިޓުން ބުންޏެވެ.

ތެޔޮ ހޮޅި ގޮވި ހިސާބުގައި ދިރިއުޅޭ މީހުން ބުނީ ތެޔޮ ހޮޅި ގޮވި ވަގުތު އެ މީހުންގެ ގޭގޭގެ ދޮރުތަކާއި ކުޑަދޮރުތައް ހެލެން ފެށި ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *