Support Us

ފްރާންސްގެ ޑޮކްޓާސް ވިތައުޓް ބޯޑާސް (އެމް.އެސް.އެފް)ގެ ސިއްހީ އެހީތެރިއަކު ޒަހަމްވެފައިވާ ޣައްޒާގެ ކުޑަކުއްޖަކު ފަރުވާއަށް ގެންދަނީ

896 މީހުން ޝަހީދުކޮށް، ޣައްޒާގެ 142،000 ރަށްވެހިން ގެދޮރުން ބޭރުކޮށްލައިފި

މި މަހު 18 ގައި އިސްރާއީލުން ޣައްޒާއަށް އަލުން ހަމަލާ ދޭން ފެށި ފަހުން މިހާތަނަށް 896 މީހުން ޝަހީދުކޮށްލައިފި ކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ބުނެފިއެވެ. އަދި ގަދަކަމުން ޣައްޒާގެ 142،000 ރަށްވެހިން ގެދޮރުން ބޭރުކޮށްލައިފައިވާ ކަމަށް އދ.އިން ބުނެފިއެވެ.

"މަދު މުދާކޮޅަކާއެކު އެތައް ބަޔަކު މިހާރު ވަނީ މަގުމަތިވެފައި. ކާބޯތަކެއްޗާއި ހިޔާވަހިކަމަށް ވަނީ ބޭނުން ޖެހިފައި،" އދ.ގެ އިންސާނީ އެހީއާ ބެހޭ ޖަމިއްޔާ އޯ.ސީ.އެޗް.އޭއިން ބުންޏެވެ.

އިސްރާއީލުން ދަނީ ޣައްޒާގެ ޖަބާލިޔާ އާއި ޚާން ޔޫނިސް އަދި ރަފަހަށް ހަމަލާތައް އޮއްސަމުންނެވެ. ޝަހީދުވި މީހުންގެ ތެރޭގައި އެތައް އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. އުމުރުން އެންމެ ހަ މަހުގެ ތުއްތުކުއްޖެއް ވެސް ހިމެނޭއިރު އަލް-ބުރައިޖު ކޭމްޕުން އެއް އަހަރުގެ ކުއްޖަކު ޝަހީދުވެފައިވެއެވެ.

އޮކްޓޫބަރު 2023 ގެ ހަތް ވަނަ ދުވަހު ޣައްޒާ ހަނގުރާމަ ފެށި ފަހުންނާއި، ހަމާސް އާއި އިސްރާއީލާ ދެމެދު ގާއިމުކުރި ސުލްހައިގެ މުއާހަދާ ދެ މަސް ފަހުން އިސްރާއީލުން މުގުރައިލުމަށް ފަހު، މި ވީ ދުވަސްތަކުގެ ތެރޭގައި ގާތްގަނޑަކަށް 50،200 މީހުން ޝަހީދުވެއްޖެއެވެ. އަދި ނޮވެމްބަރު މަހު ލުބްނާނާއެކު ގާއިމުކުރި ސުލްހައިގެ އެއްބަސްވުން ވެސް އިސްރާއީލުން ވަނީ މުގުރައިލައިފައެވެ. އެއަށް ފަހު އިސްރާއީލުން ވަނީ މި ދިޔަ ދުވަސްތަކުގައި ހަމާސް އާއި ހިޒްބުﷲގެ އޮފިޝަލުން ޝަހީދުކުރަން ފަށައިފައެވެ.

އިސްރާއީލުން ހަމަލާ ދިނުމުން ފަޅުވެފައިވާ ގެތަކެއް ކައިރީގައި އދ.ގެ އިންސާނީ އެހީ ދޭ ޖަމާއަތް އޯ.ސީ.އެޗް.އޭގެ އެހީތެރިއަކު ހުއްޓިލައިގެން

އޯ.ސީ.އެޗް.އޭއިން ބުނީ ސަލާމަތަށްޓަކައި ރަފަހާއި ޚާން ޔޫނިސް އަދި ޣައްޒާގެ އުތުރު ސަރަހައްދުތަކުން ބޭރަށް ގެންދަން 250،000 ފަލަސްތީނު ރައްޔިތުން ތައްޔާރު ކުރެވިފައިވާ ކަމަށެވެ. މީގެ ތެރޭގައި މިހާރު ވެސް 240 ސަރަހައްދެއްގައި ތިބި ގެދޮރުން ބޭރުކޮށްލައިފައިވާ 50،000 މީހުން ހިމެނެއެވެ.

"ކިތައްމެ ކުޑަ ގޮތަކަށް ނަމަވެސް ސަލާމަތް ލިބޭނެ ހުރިހާ ތަނެއް ހޯދަމުން ޣައްޒާ ރައްޔިތުން އަންނަނީ. އޭގެ ތެރޭގައި ޓެންޓު ޖަހައިފައިވާ ތަންތަނާއި މީހުން ތޮއްޖެހިފައިވާ ސަރަހައްދުތަކާއި އަދި މިހާރު ވެސް މީހުން ރައްކާތެރިކަން ހޯދައިގެން ތިބި އެކަމަކު ކޮންމެވެސް ވަރަކަށް ހަލާކުވެފައިވާ ތަންތަނަށް ވެސް މީހުން އެބަ އަންނަމުންދޭ،" އަލް ޖަޒީރާއިން ރިޕޯޓުކުރިއެވެ.

މި ދަތި ހާލުގައި ދިރިއުޅުމަށް ބޭނުންވާނެ އެންމެ އަސާސީ ހިދުމަތްތައް ވެސް މި ތަންތަނުގައި ނެތް ކަމަށް އަލް ޖަޒީރާއިން ބުންޏެވެ. އެ ގޮތުން ގެދޮރު ދޫކޮށްލަން ޖެހުމުން ކުރިމަތިވި ބަނޑުހައިހޫނުކަމާއި ކަރުހިއްކުމާއި އަދި ކޮންމެ އިރަކު ވެސް ހަމަލާއެއްގެ ޝިކާރައަކަށްވެދާނެކަމުގެ ބިރުގައި މި ތަންތަނަށް އައިސްފައިވާ މީހުން ތިބި ކަމަށް އަލް ޖަޒީރާއިން ބުންޏެވެ.

"ގެދޮރު ދޫކޮށް ދާން ޖެހުނު މައިގަނޑު ސަބަބަކީ ގެދޮރު ދޫކޮށް ދާން އިސްރާއީލުން ނެރެފައިވާ އަމުރުތައް. އަދި ގޭގެ އާއި އާއްމު އިންފްރާސްޓްރަކްޗަރު އިސްރާއީލުން ސުންނާފަތިކުރަމުންދާތީ،" އޯ.ސީ.އެޗް.އޭ.އިން ބުންޏެވެ.

އެ އިދާރާއިން ބުނީ މި މަހު 18 ގައި އިސްރާއީލުން ޣައްޒާއަށް އަލުން ހަމަލާ ދޭން ފެށި ފަހުން މިހާތަނަށް ގެދޮރު ދޫކޮށް ދާން އަންގާ ހަ އަމުރެއް އިސްރާއީލުން ނެރެފައިވާ ކަމަށެވެ. އޭގެ ދަށުން ޣައްޒާގެ ދެ މިލިއަން މީހުންގެ އާބާދީގެ ތެރެއިން 15 ޕަސެންޓް މީހުން ގެދޮރު ދޫކޮށް ދާން ޖެހޭ ކަމަށެވެ.

ޣައްޒާގެ ސާފުތާހިރު ފެނުގެ ނިޒާމު ވެސް މިހާރު ވަނީ ނުރައްކަލަށް ހުށަހެޅިފައެވެ.

"ތެޔޮ ނުލިބިއްޖެ ނަމަ އެއްކޮށް ފެން ބަންދުވާނެ،" ފްރާންސްގެ ޑޮކްޓަރުން ހިލޭސާބަހަށް ހިންގާ ޑޮކްޓާސް ވިތައުޓް ބޯޑާސް (އެމް.އެސް.އެފް)އިން ބުންޏެވެ.

އިސްރާއީލުން އަދިވެސް ދަނީ ޣައްޒާއަށް އެހީ ވެއްދުމަށް ހުރަސްއަޅަމުންނެވެ.

"ސާފުތާހިރު ފެން ނުލިބުމުން ޣައްޒާގެ ރަށްވެހިންނަށް މިހާރު ވެސް ވަނީ ނުރައްކާތެރި ނަތީޖާތަކާ ކުރިމަތިލާން ޖެހިފައި. ހަމުގެ ބަލިތައް ޖެހިފައިވާ ގުނާއަދަދުނުކުރެވޭ ކުޑަކުދިންނަކީ ޣައްޒާ ސުންނާފަތި ކުރުމާއި ޣައްޒާއަށް އެހީ ވެއްދުމަށް ހުރަސްއަޅައިފައިވުމުގެ ނަތީޖާ،" ޣައްޒާގައި ހުންނަ އެމް.އެސް.އެފްގެ ސިއްހީ ޓީމުގެ ވިލަރެސްކުރުންތެރިޔާ ކިއަރާ ލޯޑީ ބުންޏެވެ.

"ހަނގުރައިމައިން ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ލިބޭ ޒަހަމްތަކަށް ފަރުވާ ދިނުމުގެ އިތުރުން އަހަރެމެންގެ މުވައްޒަފުން އަންނަނީ ސްކޭބީސް ފަދަ އެއްކޮށް ފަސޭހަވާ ބަލިތައް ވެސް ޖެހެމުންދާ ކުޑަކުދިންނަށް ފަރުވާ ދެމުން. މި ފަދަ ކުދިންގެ އަދަދު ދަނީ އިތުރުވަމުން. ސްކޭބީސް އެންމެ ވަރުގަދައަށް ޖެހުމުން އެ ކުދިންގެ ގައިގެ ހިރުވާ ތަންތަން ކެހުމުގެ ސަބަބުން ލޭ ހިލޭ،" އޭނާ އިތުރަށް ބުންޏެވެ.

ސްކޭބީސްއަކީ އިންސާނާގެ ހަންގަނޑު ދަށަށް ވަދެ ސުއިއްޕަކުން ބިސް އެޅުމުން ޖެހޭ ބައްޔެކެވެ. މި ކަމުގެ ސަބަބުން ގައި ހިރުވައި ހަމުގައި ރޭޝް ނަގައެވެ. ސްކޭބީސް ޖެހުމުން ހަންގަނޑު ފާރުވުމުގެ އިތުރުން ސެޕްޓިސީމިއާ އާއި، ނުސީދާކޮށް ނަމަވެސް ހިތުގެ ބަލިތަކާއި އަދި ގުރުދާގެ މައްސަލަތައް ޖެހެން ވެސް ދިމާވެއެވެ. ސެޕްޓިސީމިއާއަކީ ލެއަށް ޖެހޭ ބައްޔެކެވެ. ސްކޭބީސް އަށް ފަރުވާ ދެނީ ކްރީމް ހަމުގައި އުނގުޅައިގެންނާއި އަނގައިން ހަށިގަނޑަށް އެތެރެ ކުރާ ބޭސްތަކުންނެވެ.

އިސްރާއީލު ސިފައިން ޣައްޒާ އަލުން ވަށައިލީ މި މަހު ދެ ވަނަ ދުވަހުއެވެ. އެއީ ހަމާސްއާއެކު ގާއިމު ކުރި ސުލްހައިގެ މުއާހަދާ މުގުރައިލައިފައެވެ. ދެން ކުރި ކަމަކީ ތިން މަރުހަލާއަކަށް އެކުލަވައިލި އެއްބަސްވުމުގެ ފުރަތަމަ ފޭސްގެ ދުވަސްތައް އިތުރު ކުރުމަށް މަސައްކަތް ކުރުމެވެ. އެއީ ޣައްޒާ ހަނގުރާމަ ހުއްޓައިލައިނެކަމުގެ އެއްވެސް އިޝާރާތެއް ނުދީއެވެ.

ޣައްޒާގެ އާއްމު ރައްޔިތުން ޝަހީދުވުމުގެ އިތުރުން، އިސްރާއީލުން އަލުން ފެށި ހަމަލާތަކުގައި އެހީ ދޭ ޖަމާއަތްތަކުގެ، މަދުވެގެން އަށް މަސައްކަތްތެރިން ޣައްޒާގައި މަރުވެފައިވެއެވެ. އެ ގޮތުން ވޭތުވެދިޔަ ދޮޅު އަހަރުގެ ތެރޭގައި މިހާތަނަށް 399 އެހީތެރިން މަރުވެފައިވާ ކަމަށް އޯ.ސީ.އެޗް.އޭއިން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *