Support Us

100 ބުޅަލަށް އިހުމާލުވި އަންހެނަކަށް 10 މަހުގެ ޖަލު ހުކުމެއް

ފްލެޓެއްގައި އެކަށީގެންވާ ގޮތެއްގައި ކާނާ އާއި ފެން ނުދީ 100 އަށްވުރެ ގިނަ ބުޅަލާއި އެއް ކުއްތާ ގެންގުޅުނު ހަންގެރީގެ އަންހެނަކަށް 10 މަހުގެ ޖަލު ހުކުމެއް ވެރިރަށް ބުޑަޕެސްޓްގެ ކޯޓަކުން އިއްވައިފިއެވެ.

އަންހެންމީހާ އޭނާ ދިރިއުޅޭ އެޕާޓްމަންޓްގައި މި ހުރިހާ ހައިވާނުން ބަންދުކޮށްގެން ގެންގުޅެ، އެ ސޮރުމެންނަށް އިހުމާލުވެފައިވުމީ ފަހުގެ ތާރީހެއްގައި ހަންގެރީގައި ޖަނަވާރުންނަށް މިހާ ބޮޑު އަނިޔާވެރިކަމެއް ދެއްކި މައްސަލަކަމަށް މެދުތެރޭ ޔޫރަޕްގެ މި ގައުމުގެ މިނިވަން މީޑިއާ ޓެލެކްސް ރިޕޯޓްކުރިއެވެ.

އުމުރުން 60 ގެ އަހަރުތަކުގައި އުޅޭ މި އަންހެންމީހާގެ ޝަރީއަތުގައި އޭނާ އެއްވެސް ވަރަކަށް ހިތާމަ ފާޅުކޮށްފައެއް ނުވެއެވެ.

"އޭނާ މި ޖަނަވާރުތައް ގެންގުޅުނީ ނަޖިހުން ތަތްތެޅިފައިވާ އޭނާގެ ފްލެޓްގައި. މި ކަމުގެ ސަބަބުން އެ ސޮރުމެންގެ ހަށިގަނޑުގެ ބޭރާއި ހަށިގަނޑުގެ އެތެރޭގައި ބަލިމަޑުކަން ހުރި. އަދި އެ ސޮރުމެންނަކަށް އަމިއްލަ ހާލައިގެން ނޫޅެވޭ،" ކޯޓުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ހައްޔަރުކުރަން އުޅުމުން އަންހެންމީހާ އެ ކަމާ ދެކޮޅުހެދިއެވެ. އަދި އޭނާވަނީ ނަފުސާނީ ފަރުވާއަށް ވެސް ގެންގޮސްފައެވެ.

"ޝަރީއަތުގެ މަރުހަލާގައި އަންހެންމީހާ ބުނެފައިވަނީ ބުޅާތަކަށް އިހުމާލު ނުވާ ކަމަށް. އަދި މާޒީގައި އެތައް ޖަނަވާރަކަށް އެހީވިކަމަށް އޭނާ ބުނި،" ޓެލެކްސް ރިޕޯޓްކުރިއެވެ.

ބައެއް ބުޅާތައް ފްލެޓް ތެރޭގައި ވަނީ މަރުވެފައެވެ. އަދި ދިރިހުރި ބުޅާތައް ކަމާ ބެހޭ އިދާރާތަކުން ސަލާމަތް ކުރި ނަމަވެސް ބަލި ހާލު ހުރި ގޮތުން އެ ތަކެތި ވަނީ އިންޖެކްޝަން ޖަހައި މަރައިލައިފައެވެ.

ހަންގެރީގައި މި މައްސަލަ ފެންމަތިވީ ޖަނަވާރުންނަށް އެހީވާ ޖަމިއްޔާއެއް ކަމަށްވާ ހެލްޕިން އޭންޖަލްސްއިން އަންހެންމީހާގެ ފްލެޓްގެ އެތެރޭގެ ފޮޓޯތައް ފޭސްބުކަށް ލުމުންނެވެ. ބުޅާތައް ސަލާމަތްކުރުމުގައި މި ޖަމިއްޔާއިން އެހީތެރިވިއެވެ.

މި މައްސަލަވެފައިވަނީ ހަންގެރީގެ ގިނަ އާއްމު ރައްޔިތުން ކަންބޮޑުވުން ފާޅުކުރި ކަމަކަށެވެ.

ކޯޓުގެ ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ދައުލަތުން ވެސް އަދި އަންހެންމީހާގެ ވަކީލުން ވެސް ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *