Support Us

ފިލައިގެން އުޅޭ ސްރީ ލަންކާގެ ފުލުހުންގެ ވެރިޔާ ޑެޝަބަންޑު ޓެންނަކޫން

ލަންކާ ފުލުހުންގެ ވެރިޔާ ހައްޔަރުކުރަން ނެރުނު ކޯޓު އަމުރު ދަމަހައްޓައިފި

ފިލައިގެން އުޅޭ ސްރީ ލަންކާގެ ފުލުހުންގެ ވެރިޔާ ޑެޝަބަންޑު ޓެންނަކޫން ހައްޔަރު ކުރުމުން ސަލާމަތްކޮށްދިނުމަށް އެދި އޭނާ ހުށަހެޅި ޕެޓިޝަން އިސްތިއުނާފު ކޯޓުން ބޭރުކޮށްލައިފިއެވެ.

ޖިނާއީ ތަހުގީގު ހިންގާ އިދާރާ ކަމަށްވާ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީ.އައި.ޑީ)ން އޭނާ ހައްޔަރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ވެސް ކޯޓް އޮފް އެޕީލުން އަމުރު ކުރިއެވެ.

މި ނިންމުން ގުޅިފައިވަނީ ދެކުނުގެ ޑިސްޓްރިކްޓެއް ކަމަށްވާ މާތަރާގެ މެޖިސްޓްރޭޓް ކޯޓުން ޓެންނަކޫން ހައްޔަރު ކުރުމަށް ނެރުނު ހައްޔަރު ކުރުމުގެ އަމުރު ނުވަތަ އެރެސްޓް ވޮރަންޓަކާއެވެ. މި މައްސަލަ ގުޅިފައިވަނީ 2023 ގެ ޑިސެމްބަރު މަހު ވެލިގަމަ ޓައުންގައި ހިނގި ބަޑިޖެހުމުގެ ހާދިސާއަކާއެވެ. މި ހާދިސާގައި ފުލުހުން ބައިވެރިވެފައިވެއެވެ.

ކޯޓުގެ ނިންމުންތައް ނިންމުމުގެ ކުރިން އިންސްޕެކްޓަރު ޖެނެރަލް އޮފް ޕޮލިސް (އައި.ޖީ.ޕީ)ގެ މަގާމުން ޓެންނަކޫން ސަސްޕެންޑް ކުރިޔަސް އެ މަގާމުން އޭނާ އަދި ވަތްކެއް ނުކުރެއެވެ. އަދި އޭނާ ހޯދައި ހައްޔަރު ކުރުމަށް، އޭނާގެ ދަށުން މަސައްކަތް ކުރަމުން އަންނަ ފުލުހުން އަދިވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

"އޭނާ ހޯދަން ފުލުހުންގެ ބައިވަރު ޓީމުތަކާ ހަވާލުކޮށްފިން. އޭނާ އާއްމު ގޮތެއްގައި އުޅޭ ތަންތަން ބަލައިފިން. ނަމަވެސް ގާނޫނަށް ތަބާ ނުވެ އޭނާ ވަނީ ފިލައިފައި،" ފުލުހުންގެ ތަރުޖަމާނު ބުއްދިކަ މަނަޓުންގަ ބުންޏެވެ.

ބުއްދިކަ ބުނީ ގާނޫނަށާއި ކޯޓު އަމުރުތަކަށް ތަބާ ނުވާ، ކުށެއްގެ ތުހުމަތު ކުރެވޭ މީހަކު، ހައްޔަރު ކުރާނެ އިޖުރާއަތްތައް ފުލުހުންގެ މުއައްސަސާގައިވާ ކަމަށެވެ. އެ ގޮތުން ޓެންނަކޫންގެ ފޯން ރެކޯޑުތަކާއި އޭނާ އުޅެފާނެ ތަންތަން ބަލަމުން އަންނަ ކަމަށެވެ.

ޓެންނަކޫނާމެދު އަމަލު ކުރަމުން އަންނަނީ "ނޯމަލް ސަސްޕެކްޓް" ނުވަތަ ކުށެއްގެ ތުހުމަތު ކުރެވޭ އާއްމު މީހަކާ އެއްގޮތަކަށް ކަމަށް ވެސް ބުއްދިކަ ބުންޏެވެ.

"ފުލުހުންގެ ވެރިޔާއަށް ވީތީ ޓެންނަކޫނަށް ވަކި ހާއްސަ ގޮތްތަކެއް ނުބަހައްޓަން. އޭނާއާ ދެކޮޅަށް ކޯޓު އަމުރެއް ވަނީ ނެރެފައި. އޭނާ ފިލައިގެން އުޅޭ އުޅުމަށް އެހެން މީހަކު އެހީ ވިޔަސް އެ މީހަކާ ދެކޮޅަށް ވެސް ފިޔަވަޅު އަޅާނަން. އަދި މި ކަމާ ގުޅޭ މައުލޫމާތެއް ހުރި ނަމަ، ސީ.އައި.ޑީއަށް އެ މައުލޫމާތު ދިނުމަށް އިލްތިމާސް ކުރަން،" މަނަޓުންގަ ބުންޏެވެ.

އޭނާ ބުނީ އެންމެ ފަހުން ލިބުނު މައުލޫމާތުތަކަށް ބަލާއިރު ޓެންނަކޫން އަދިވެސް ލަންކާއިން ބޭރަށް ނުދާކަން އެނގިފައިވާ ކަމަށެވެ.

ފުލުހުންގެ ވެރިޔާގެ މަގާމުގައި މަސައްކަތް ކުރުމަށް ޓެންނަކޫނަށް ހުރަސްއަޅާ ވަގުތީ އަމުރެއް ސުޕްރީމް ކޯޓުން މި ދިޔަ އަހަރު ޖުލައި މަހު ނެރުނެވެ. އެއީ ނުވަ "ފަންޑަމެންޓަލް ރައިޓްސް އެޕްލިކޭޝަންސް"ތަކަކުން އޭނާ ފުލުހުންގެ ވެރިޔާގެ މަގާމުގައި ހުރުމަށް ބަޔަކު ދެކޮޅުހެދުމުންނެވެ. ފަންޑަމެންޓަލް ރައިޓްސް އެޕްލިކޭޝަންތަކަކީ ގައުމުގައި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމާއި ގާނޫނާ ހިލާފަށް ސަރުކާރުން ކުރާ ކަންތައްތަކަށް ސަރުކާރު ޒިންމާ ކުރުވާ ޕެޓިޝަންތަކެވެ. ލަންކާގައި 1978 ގައި ތަންފީޒު ކުރި ގާނޫނު އަސާސީގެ ތިން ވަނަ ބާބުގައިވާ ގޮތުން ހަމަހަމަ ކަމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމާއި އަނިޔާ ކުރުމުން މިންޖު ވުމާއި އަދި ފުރާނަ އާއި މިނިވަންކަން ރައްކާތެރިކޮށްދޭން ޖެހެއެވެ.

ޓެންނަކޫން ފުލުހުންގެ މުއައްސަސާގައި އުޅޭތާ 26 އަހަރު ވެއްޖެއެވެ. ވަގުތީ ފުލުހުންގެ ވެރިޔާ ކަމަށް އޭނާ ވަނީ 2023 ގެ ނޮވެމްބަރު މަހު ހަމަޖައްސައިފައެވެ. އެ މަގާމު އޭނާއަށް ދާއިމީ ކޮށްދިނީ މި ދިޔަ އަހަރުގެ ފެބްރުއަރީ މަހު 26 ގައެވެ. ހަމައެއާއެކު އެ ކަން ބޮޑު މައްސަލައަކަށްވިއެވެ. ސަބަބަކީ 2010 ގައި ޝައްކު ކުރެވޭ ކުށްވެރިއަކަށް އޭނާ އަނިޔާ ކުރި ކަމަށް ސުޕްރީމް ކޯޓުން ނިންމުމެއް ނިންމައިފައިވާތީއެވެ. އޭނާ އެ މަގާމަށް ހަމަޖެއްސި ހަމަޖެއްސުމާ ދެކޮޅަށް ކޯޓުން ނިންމިޔަސް ފުލުހުންގެ ވެރިޔާގެ މަގާމުގައި އަދިވެސް ހުރީ އޭނާއެވެ. ސަބަބަކީ އެ މަގާމުން އޭނާ އިސްތިއުފާ ނުދޭތީ އާއި ސަރުކާރުން އޭނާ މަގާމުން ވަކި ނުކުރާތީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *