ސްޓާބަކްސްގެ ހޫނު ސައިތަށްޓެއް އެޅިގެން ކުރިމަތިފަރާތަށް ދާއިމީ ގެއްލުމެއް ލިބުނު މީހަކަށް ބަދަލެއްގެ ގޮތުގައި 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ) ދޭން އެމެރިކާގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
ޑެލިވަރީކޮށްދޭ ޑްރައިވަރެއްގެ ވަޒީފާގައި އުޅޭ މައިކަލް ގާސިއާ ބުނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު އަށް ވަނަ ދުވަހު ކެލިފޯނިއާ ސްޓޭޓްގެ ޑްރައިވް-ތުރޫ ތަނަކުން ސްޓާބަކްސްގެ މުވައްޒަފު ވެންޓި ސައިޒްގެ ތަށި ތަބަކަށްލައިފައިވާ ގޮތުން އެ ސައިތަށި ފުރޮޅައިލީ އޭނާގެ އުނގަށް ކަމަށެވެ. އަދި ހަން ގްރާފްޓް ކުރުމާއި އެހެނިހެން ސާޖަރީތައް ހެދި ނަމަވެސް އޭނާގެ ކުރިމަތިފަރާތަށް ވަނީ ރަނގަޅު ނުވާނެ ފަދަ ދާއިމީ ގެއްލުންތަކެއް ލިބިފައި ކަމަށެވެ.
"މިއީ މައިކަލްގެ ހަޔާތަށް ދާއިމީ ގޮތެއްގައި ލިބުނު ގެއްލުމެއް،" ހުކުރު ދުވަހު އޮތް ހުކުމް އިއްވުމުގައި މައިކަލްގެ ވަކީލުން ލޮސް އެންޖަލިސް ސިޓީގެ ކޯޓެއްގައި އޮތް ޝަރީއަތުގައި ބުންޏެވެ.
މައިކަލް ކުރި ދައުވާއަކީ ވޮޝިންޓަން ސްޓޭޓްގެ ސިއެޓްލް ސިޓީގައި މައި މަރުކަޒު ހުންނަ ސްޓާބަކްސުން އިހުމާލު ވުމުގެ ދައުވާއެވެ.
"މި ހުކުމަކީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް ފާޅުގައި ފަރުވާކުޑަކުރުމާއި ޒިންމާ ނެގުމަށް ފޭލިވުމުން ސްޓާބަކްސްއާ ދެކޮޅަށް އެޅި މުހިންމު ފިޔަވަޅެއް،" މައިކަލްގެ އެއް ގާނޫނީ ވަކީލު ކަމަށްވާ ނިކް ރޯލީ ނެރުނު ބަޔާނެއްގައި ބުންޏެވެ.
ސްޓާބަކްސުން ބުނީ މައިކަލްއަށް ހަމްދަރުދީވާ ކަމަށާއި އެކަމަކު މި ހުކުމް އިސްތިއުނާފު ކުރަން ރާވާ ކަމަށެވެ.
"މި ހާދިސާގެ ޒިންމާ ނަގަން ޖެހޭނީ އަހަރެމެންކަމާމެދު ދެބަސްވަން. އަދި ބަދަލުގެ ގޮތުގައި ދޭން މި ނިންމި އަދަދަކީ މާބޮޑު އަދަދެއް ކަމަށް ގަބޫލު ކުރަން،" މީޑިއާއަށް ފޮނުވި ބަޔާނެއްގައި ސްޓާބަކްސުން ބުންޏެވެ.
"ހޫނު ބުއިންތައް ގެންގުޅުމުގައި ރައްކާތެރިކަމުގެ އެންމެ މަތީ މިންގަނޑުތަކުގައި އަހަރެމެން ހިފަހައްޓަން،" އެ ކުންފުނިން އިތުރަށް ބުންޏެވެ.
ކަސްޓަމަރުން ގަޔަށް ހޫނު ބުއިންތައް އެޅި ޒަހަމްވުމުގެ ޝަރީއަތްތައް މީގެ ކުރިން ވެސް އެމެރިކާގައި ބާއްވައިފައިވެއެވެ.
އެ ގޮތުން 1990 ގެ އަހަރުތަކުގެ މަޝްހޫރު ޝަރީއަތެއްގައި ނިއު މެކްސިކޯ ސްޓޭޓްގައި މެކްޑޮނަލްޑްސް ޑްރައިވް-ތުރޫ އައުޓްލެޓަކުން ދިން ކޮފީ ތަށްޓެއްގެ މަތި ނަގަން އުޅެނިކޮށް ކޮފީ އެޅި ގައި ފިހުނު އަންހެނަކަށް ބަދަލެއްގެ ގޮތުގައި ކޯޓުން އޭނާއަށް ގާތްގަނޑަކަށް ތިން މިލިއަން ޑޮލަރު (46 މިލިއަން ރުފިޔާ) ދިނެވެ. ނަމަވެސް ފަހުން ފަނޑިޔާރަކު ވަނީ އެ އަދަދު މަދުކޮށްފައެވެ. އަދި މައްސަލަ އެންމެ ފަހުން ނިންމައިލީ، ހާމަ ނުކުރި ނަމަވެސް، 600،000 ޑޮލަރު (ނުވަ މިލިއަން ރުފިޔާ)ގެ އަދަދަކުން ކަމަށް ބެލެވެއެވެ.
ބައެއް ޝަރީއަތްތަކުގައި ކޯޓުތަކުން ޖެހިފައިވަނީ ރެސްޓޯރަންޓުތަކުގެ ކޮޅަށެވެ. އެ ގޮތުން ހަމަ 1990 ގެ އަހަރުތަކުގެ ޝަރީއަތެއްގައި އަޔޯވާ ސްޓޭޓްގައި މެކްޑޮނަލްޑްސްގެ ކޮފީ ތަށްޓެއް ކުޑަކުއްޖަކު އޭނާގެ ގަޔަށް އަމިއްލައަށް ބަންޑުން ޖަހައިލެވުމުން މައްސަލަ ނިންމީ މެކްޑޮނަލްޑްސްއާ އެއްކޮޅަށެވެ.



advertisment