Support Us

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ވައި ނުސާފުވުމުން އަނގަ އާއި ނޭފަތުގައި ފޮތި އަޅައިގެން ދެ އަންހެނުން މަގަކުން ދަނީ

އެންމެ ވައި ތަޣައްޔަރު ސިޓީއަކީ ނިއުދިއްލީ

ދުނިޔޭގެ އެންމެ ވައި ތަޣައްޔަރު ސަހަރަކީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީ ކަމަށް ދައްކައިފިއެވެ.

ބައިނަލްއަގުވާމީ ދިރާސާއެއް ކަމަށްވާ އައި.ކިއު.އެއާ ވޯލްޑް އެއާ ކޮލިޓީން ނެރުނު ރިޕޯޓުން ދެއްކި ގޮތުގައި މިދިޔަ އަހަރު އިންޑިއާ އާއި ކޮންގޯ އުޅެނީ އެންމެ ބޮޑަށް ވައި ތަޣައްޔަރު ވެފައިވާ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައެވެ. ހާއްސަކޮށް ދުނިޔޭގައި ވައި ތަޣައްޔަރު ވެފައިވާ ނުވަ ސިޓީތަކުގެ ތެރޭގައި އިންޑިއާގެ ހަ ސަހަރު ހިމެނެއެވެ.

ވައި އެންމެ ބޮޑަށް ތަޣައްޔަރު ބިނާވެށި ސަރަހައްދަކީ އިންޑިއާގެ ބިރްނިހަތު ސިޓީއެވެ. މިއީ މެޓްރޮޕޮލިޓަން ނުވަތަ ސިޓީއެއްގެ ސިފަ ޖެހިފައިވާ ބޮޑު ސަރަހައްދެއް ކަމަށްވާތީ ދިއްލީ ދެވަނައަށް ލައިފައި ބިރްނިހަތު ވަނީ އެއްވަނައަށް ލައިފައެވެ. ބިރްނިހަތުގައި ވައިގެ ތަޣައްޔަރުކަން ހުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، އދ.ގެ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ)އިން ކަނޑައަޅައިފައިވާ ވައި ތަޣައްޔަރުވުން ނުރައްކާތެރި މިންގަނޑަށްވުރެ 25 ގުނަ އިތުރުކޮށެވެ. އެ ޖަމިއްޔާއިން ކަނޑައަޅައިފައިވާ މިންގަނޑުގައި ބުނަނީ ޕޮލިއުޓަންޓްސް ނުވަތަ ވައި ތަޣްޔަރުކުރާ މާއްދާތައް ރައްކާތެރި ހިސާބެއްގައި ހުރި ކަމަށް ބެލެވޭނީ ވައިގެ ކޮންމެ ކޮޑި މީޓަރަކަށް ފަސް މައިކްރޯގްރާމްގެ ޕޮލިއުޓަންޓް ނުވަތަ ވައި ތަޣައްޔަރު ކުރާ މާއްދާތައް ހުރި ނަމައެވެ.

އިންޑިއާގެ އިތުރުން ދިވެހި ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުގައިވާ ބަނގްލަދޭޝް އާއި ޕާކިސްތާނުގެ އިތުރުން އެފްރިކާ ބައްރުގެ ކޮންގޯ ވެސް، އިންޑިއާއާއެކު ވަނީ ވައި ތަޣައްޔަރުވުމުގެ ލިސްޓްގެ ކުރިއަށް އަރައިފައެވެ.

މިދިޔަ އަހަރު އެންމެ ބޮޑަށް ވައި ތަޣައްޔަރުވެފައިވާ ސިޓީތައް ދައްކައިދޭ ކުރެހުމެއް

ދިރާސާކުރި 138 ގައުމުތަކުގެ ތެރެއިން 126 ގައުމު، ނުވަތަ 91.3 ޕަސެންޓް ގައުމު ވަނީ ޑަބްލިޔު.އެޗް.އޯއިން ވައި ސާފު ކަމަށް ކަނޑައަޅައިފައިވާ އިމުން 10 ގުނައަށް ބޭރުވެފައެވެ.

ވައި ތަޣައްޔަރުވުމުގެ ލިސްޓުގެ އެންމެ ކުރީގައި އޮތް ގައުމަކީ އެފްރިކާގެ ޗާޑްއެވެ. ޑަބްލިޔު.އެޗް.އޯގެ މިންގަނޑުން އެ ގައުމުގެ ވައި 18 ގުނައަށް ތަޣައްޔަރުވެފައިވެއެވެ.

"މި ދިޔަ އަހަރު ސާފު ވައި ހުރީ ދުނިޔޭގެ ސިޓީތަކުގެ ތެރެއިން އެންމެ 17 ޕަސެންޓް ސަހަރުގައި،" ދިރާސާގައި ބުނެފައިވެއެވެ.

މާނައަކީ ސާފު ވައި ހުންނަން ޖެހޭނެ ކަމަށް ބައިނަލްއަގުވާމީ ގޮތުން ކަނޑައަޅައިފައިވާ މިންގަނޑުތަކުގެ ތެރޭގައި ހިމެނެނީ ދުނިޔޭގެ ސިޓީތަކުގެ ތެރެއިން ފަސްބައިކުޅައެއްބައި ސިޓީކަމެވެ.

މިދިޔަ އަހަރު އެންމެ ބޮޑަށް ވައި ތަޣައްޔަރުވެފައިވާ ގައުމުތައް ދައްކައިދޭ ކުރެހުމެއް

ދިރާސާގައި މައުލޫމާތު އެއްކޮށްފައިވަނީ 138 ގައުމުގައި ހުރި 8،954 ސަރަހައްދުގައިވާ ވައިގެ ސާފުމިން ބަލާ 40،000 ސްޓޭޝަނުންނެވެ.

"ދުނިޔޭގެ އާބާދީގެ ބޮޑު އަޣުލަބިއްޔަތެއް އުޅެމުންދަނީ ނުސާފު ވައިން ނޭވާލަމުން. ގިނަ ސަރަހައްދުތައް ވަނީ ހައްދުފަހަނަޅާ ވަރަށް ވައި ތަޣައްޔަރުވެފައި،" ދިރާސާގައި ބުނެފައިވެއެވެ.

ޑަބްލިޔު.އެޗް.އޯގެ ވައި ސާފުވުމުގެ މިންގަނޑުތަކަށް ފެތެނީ އެންމެ ހަތް ގައުމުކަމަށް މި އާ ދިރާސާއިން ހާމަވިއެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާ، ބަހާމާސް، ބާބޭޑޯސް، އެސްޓޯނިއާ، ގްރެނެޑާ، އައިސްލޭންޑް އަދި ނިއު ޒީލޭންޑް ހިމެނެއެވެ.

"މިއީ 2024 ގައި ދެއްކި ގޮތުން ދިރިއުޅެން އެންމެ ސާފު ހަތް ގައުމު،" ދިރާސާގައި ބުނެފައިވެއެވެ.

ވައި ތަޣައްޔަރު އެންމެ ކުޑަކޮށް ވެފައިވަނީ ޕުއޭޓޯ ރީކޯގެ މެޓްރޮޕޮލިޓަން ސަރަހައްދެއް ކަމަށްވާ މަޔަގުއެޒްގައެވެ.

މިދިޔަ އަހަރު އެންމެ ކުޑަކޮށް ވައި ތަޣައްޔަރުވެފައިވާ ސިޓީތައް ދައްކައިދޭ ކުރެހުމެއް

އެމެރިކާގައި ވައި އެންމެ ތަޣައްޔަރު ކަމަށް ދެއްކި މައިގަނޑު ސިޓީއަކީ ލޮސް އެންޖަލިސްއެވެ. މިއީ އެމެރިކާގެ ދެވަނައަށް އެންމެ ބޮޑު ސަހަރެވެ. އަދި މިއީ ދުނިޔޭގެ ފަސް ވަނައަށް އެންމެ ބޮޑު އިގުތިސާދު ކަމަށްވާ އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގައި އޮންނަ ސިޓީއެކެވެ.

އެމެރިކާގެ ބޮޑެތި ސިޓީތަކުގެ ތެރެއިން އެންމެ ވައި ސާފީ ސިއެޓްލްގައެވެ. އެއާ ހިލާފަށް، އެމެރިކާގައި ގައުމީ ނިސްބަތަކުން ބަލާއިރު، އެންމެ ވައި ތަޣައްޔަރީ ކެލިފޯނިއާގެ އޮންޓޭރިއޯ ސިޓީގައެވެ.

މިދިޔަ އަހަރު އެންމެ ބޮޑަށް ވައި ތަޣައްޔަރުވެފައިވާ އެމެރިކާގެ މައި ސިޓީތައް ދައްކައިދޭ ކުރެހުމެއް

ޔޫރަޕަށް ބަލާއިރު ވައި އެންމެ ތަޣައްޔަރު ކަމަށް ދެއްކީ ބޮސްނިއާ-ހާޒެގޮވީނާގައެވެ. އެ ގައުމުގެ ވައި ތަޣައްޔަރުވުމުގެ ނިސްބަތް ހުރީ ޑަބްލިޔު.އެޗް.އޯ މިންގަނޑަށްވުރެ ފަސް ގުނަ މަތީގައެވެ.

ވަކި ވަކި ގައުމުތަކާއި ސިޓީތަކުގެ އިތުރުން ދިރާސާގައިވަނީ ދުނިޔޭގެ އެކި ސަރަހައްދުތަކަށް ބަލައިގެން ވެސް މައުލޫމާތު އެއްކޮށްފައެވެ. އެ ގޮތުން ބައެއް ސަރަހައްދުތަކުން ކުޑަކޮށް ނަމަވެސް ވައި ސާފުވަމުން އަންނަ ކަމަށް ދެއްކިއެވެ. މިސާލަކަށް، ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ވައިގައި ހިމެނޭ ވައި ތަޣައްޔަރު ކުރާ މާއްދާތައް މަދުވަމުން އަންނަ ކަމަށް ދެއްކިއެވެ.

"ނަމަވެސް ޖަންގަލިތަކުގައި ގުދުރަތީ ގޮތުން ރޯވުމާއި އަދި ދަނޑުވެރިކަން ކުރުމަށް ޖަންގަލިތަކުގައި ހުޅުޖެހުމުގެ ސަބަބުން ގައުމުތަކުގެ ބޯޑަރުތައް ހުރަސްކޮށް 'ހޭޒް' ވަނީ ފެތުރިފައި،" ދިރާސާގައި ބުނެފައިވެއެވެ.

ދުނިޔޭގެ ނިސްބަތުން ވައި އެންމެ ތަޣައްޔަރު ކަމަށް ދެއްކި އެފްރިކާގައި ވައިގެ ކޮލިޓީ ބެލެހެއްޓުމަކީ ބޮޑުވެގެންވާ ގޮންޖެހުމެއް ކަމަށް ދިރާސާގައި ބުނެފައިވެއެވެ. އެ ގޮތުން އެފްރިކާގައި ވައިގެ ކޮލިޓީ ބަލަހައްޓަން ހުންނަ ސްޓޭޝަންތަކުގެ އަދަދަކީ ކޮންމެ 3.7 މިލިއަން މީހުންނަށް އެއް ސްޓޭޝަން ކަމަށްވާތީ ވައި ތަޣައްޔަރުވެފައިވާ އަސްލު މިންވަރު ދެނެގަތުން އުނދަގޫ ކަމަށާއި ވައި ތަޣައްޔަރުވުމުގެ މައްސަލައަށް އެކަށީގެންވާ ފިޔަވަޅު އަޅަން ވެސް ދަތި ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

"އިންސާނުންގެ ސިއްހަތަށާއި ތިމާވެށީގެ ރައްކާތެރިކަމަށް، ވައި ތަޣައްޔަރުވުން އަދިވެސް ބޮޑު ނުރައްކަލެއްގެ ގޮތުގައި އެބައޮތް. ނަމަވެސް ވައިގެ ތަޣައްޔަރަށް އެ މީހުން ހުށަހެޅިފައިވާކަން ނޭނގޭ އެތައް ބައިވަރު މީހުން އެބައުޅޭ،" ދިރާސާ ކުރި އައި.ކިއު.އެއާގެ ބައިނަލްއަގުވާމީ ސީ.އީ.އޯ ކަމަށްވާ ފްރޭންކް ހޭމަސް ބުންޏެވެ.

"ވައިގެ ސާފުތާހިރު ކަމާ ބެހޭ މައުލޫމާތަކީ ފުރާނަ ރައްކާތެރިކޮށްދޭ އެއްޗެއް. މި ފަދަ މައުލޫމާތުން މީހުން ހޭލުންތެރިކޮށްދޭ. ސިޔާސީ ނިންމުންތައް ނިންމަން އެހީވެދޭ. އާއްމު ސިއްހަތު ދެމެހެއްޓުމަށް ނިންމަންޖެހޭ ނިންމުންތައް ނިންމަން ފަސޭހަވޭ. އަދި ވައި ތަޣައްޔަރުވުން ދަށްކޮށް، ކުރިމަގުގެ އިންސާނީ ޖީލުތައް ރައްކާތެރިކުރުމަށް މީހުން ބާރުވެރިކުރެވޭ،" އޭނާ އިތުރަށް ބުންޏެވެ.

ދެކުނު އެމެރިކާއަށް ބަލާއިރު އެމެޒޯން ޖަންގަލީގައި ހިނގި ގުދުރަތީ އަލިފާންތަކުގެ ސަބަބުން ވައިގެ ސާފުކަމުގެ ކޮލިޓީއަށް ބޮޑު އަސަރެއްކުރިއެވެ. އެ ގޮތުން ބްރެޒިލްގެ ރޮންޑޯނިއާ ސްޓޭޓާއި އޭކާ ސްޓޭޓްގެ ބައެއް ސިޓީތަކުގެ ވައިގައި ޕޮލިއުޓަންޓްތައް ހުރި ވަރުގެ ނިސްބަތް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހަތަރު ގުނަ ބޮޑުވިއެވެ. މިހެންވެ ވައި ތަޣައްޔަރުވުން ވަނީ ވިހަވާ ހިސާބަކަށް އިތުރުވެފައެވެ.

ދުނިޔޭގެ ސަރަހައްދީ މިންގަނޑަކުން ބަލާއިރު އޯޝަނިއާ ވެފައިވަނީ ވައި އެންމެ ސާފު ސަރަހައްދަށެވެ. އޯޝަނިއާގެ ސިޓީތަކުގެ ތެރެއިން ދެބައިކުޅައެއްބަޔަށްވުރެ ގިނަ ސިޓީތަކުގެ ވައިގެ ސާފުކަން ޑަބްލިޔު.އެޗް.އޯގެ މިންގަނޑުތަކަށް ފެތޭ ކަމަށް ދިރާސާއިން ދެއްކިއެވެ.

ވައި ނުސާފުވުމަކީ ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ މީހުން މަރުވާ ދެވަނަ ސަބަބެވެ. އެ ގޮތުން 2021 ގައި 8.1 މިލިއަން މީހުން މަރުވިކަމަށް މިދިޔަ އަހަރު ހެލްތު އެފެކްޓްސް އިންސްޓިޓިއުޓް (ހެޗް.އީ.އައި)އިން ކުރި ދިރާސާއަކުން ދެއްކިއެވެ.

އެހެން ދިރާސާއަކުން ދެއްކި ގޮތުގައި ވޭތުވެދިޔަ ހަތަރު ދަހަރުގައި 135 މިލިއަން މީހުން މަރުވެފައިވެއެވެ.

ނޭޗާ ކޮމިއުނިކޭޝަންސްއިން އާއްމުކުރި ދިރާސާއެއްގައި ހާމަވީ، ނޭވާލުމުގެ ނިޒާމަށް ނުރައްކާތައް ކުރިމަތިވުމުގެ އިތުރުން، ތަޣައްޔަރުވެފައިވާ ވަޔަށް ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހުށަހެޅިއްޖިއްޔާ އަހަރެމެންގެ ސިކުނޑިން ނިންމަން ޖެހޭ ނިންމުންތަކަށް އަސަރުކުރާ ކަމަށާއި އަހަރެމެން މަސައްކަތްކުރާއިރު އެ ކަމަށް ދޭންޖެހޭ ފޯކަސް ނުވަތަ ސަމާލުކަން ނުދެވޭ ކަމަށެވެ.

ތަޣައްޔަރުވެފައިވާ ވަޔަށް ހުށަހެޅުމުން ކުރިމަތިވާ މައްސަލަތަކުގެ ތެރޭގައި ހިތާއި ފުއްޕާމޭގެ ބަލިތައް، ލޭގެ ޕްރެޝަރު މަތިވުން، ނޭވާ ހިއްލުން، ނަފުސާނީ ބަލިތައް ކަމަށްވާ ޑިޕްރެޝަން އަދި އެންޒައިޓީއަށް ހުށަހެޅުން، ލޮލާއި ނޭފަތާއި ކަރު ހިރުވުން އަދި އުމުރު ކުރުވުން ހިމެނެއެވެ.

ތަޣައްޔަރުވެފައިވާ ވަޔަށް ހުށަހެޅުމުން ލިބޭ ޖިސްމާނީ އަދި ނަފުސާނީ ބަލިތައް ދައްކުވައިދޭ ކުރެހުމެއް

ވައިގެ ސާފުކަން ކަށަވަރުކުރަން މިހާރަށްވުރެ ވަރުގަދަ ގަވައިދުތައް ހެދުމަށާއި ޖައްވަށް ވިހަ ގޭސް ދޫކުރުން މަދުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ ޖަމާއަތްތަކުން އަންނަނީ ގޮވައިލަމުންނެވެ.

"ދުނިޔޭގައި ވައި ތަޣައްޔަރުވެފައިވާ މިންތަކުގެ މައުލޫމާތު އެއްކުރާ އައި.ކިއު.އެއާއިން ހެދި މި ދިރާސާއަކީ ވައި ތަޣައްޔަރުވާ މާއްދާތައް ވައިގެ ތެރެއަށް ދޫކުރުން މަދުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ފިޔަވަޅު އެޅުމަށް ގޮވައިލައި ދިރާސާއެއް ކަމަށް ބަލަންޖެހޭ،" ގްރީންޕީސް އިންޓަނޭޝަނަލްގެ ވައިގެ ކޮލިޓީއާ ބެހޭ އިސް ސައިންސްވެރިޔާ އެއިޑަން ފެރޯ ބުންޏެވެ.

"މިއަދު ފިޔަވަޅު ނައިޅައިފި ނަމަ ޒުވާނުންނާއި ކުރިމަގުގެ ޖީލުތަކަށް އޭގެ އަސަރުކުރާނެ. އިންސާނުން ކުރަމުންދާ ބޯޓު ދެލި އެންދުމާއި ޖަންގަލިތައް ކެނޑުމުގެ މަސައްކަތުގެ ސަބަބުން ވައިގެ ކޮލިޓީ އާއި މޫސުމަށް އަންނަ ބަދަލުތަކާއި އަހަރެމެންގެ ދަރިންނަށް ވާރުތަވާނެ ދުނިޔެއަކީ ގުޅިލާމެހިފައިވާ އެއްޗެއްކަން މި ދިރާސާއިން ދޭހަވޭ،" އޭނާ އިތުރަށް ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *