ހަޔާތަކީ ކުރިއަށް ކިޔަން ނޭނގޭ އެތައް ކަމެއް ކުރިމަތިވާ އެއްޗެކެވެ. އަދި ފިރިހެނުންނާއި އަންހެނުންނަށް ވެސް ދިމާވާ ކަންތައްތައް ތަފާތު ވެދާނެއެވެ. މި ބަލައިލަނީ މި ގޮތުން ފިރިހެނުންނަށް ކުރިމަތިވެދާނެ މައްސަލަތަކަކާއި އެ ކަންކަމުގެ ހައްލުތަކެވެ.
- އެންމެ ބާރުގަދަ ދިފާއަކީ ތިބާގެ ނަފުސަށް ބަހައްޓާ އިހުތިރާމެވެ. އެހެން މީހަކަށްޓަކައި އެ ކަން ގެއްލުވައިނުލައިށެވެ.
- ތިބާ ޖިސްމާނީ ގޮތުން ހުންނަ ސިފަ ވެސް ރީތި ކުރާށެވެ. އެއީ ކޮންމެހެން އެހެން މީހުންނަށް ދައްކާކަށް ނޫނެވެ. ތިބާގެ ޖިސްމު ނަލަކޮށްލުމުން ޚުދު ތިބާ ވެސް ތިބާގެ ނަފުސާމެދު ރަނގަޅު ގޮތެއްގައި ދެކޭނެއެވެ.
- ޝަހުވަތާއި ކެއިންބުމަށް ދެވިހިފުމާއި ދަހިވެތިވުން ކޮންޓްރޯލް ކުރެވޭ މީހާއަކީ އެންމެ ބާރުގަދަ މީހާއެވެ. ސަބަބަކީ އެ ދެ ކަންތައް ތިބާގެ ބާރުގެ ދަށަށް ގެނެވިއްޖެ ނަމަ ތިބާއަށް ކުރިމަތިވެފައިވާ ހުރިހާ މައްސަލަތަކެއްގެ 80 ޕަސެންޓް ހައްލުވީއެވެ. ހާއްސަ ގޮތެއްގައި ޖިންސީ އެދުން ކޮންޓްރޯލް ކުރުމަކީ ތިބާގެ ކާމިޔާބާއި ނާކާމިޔާބާ ގުޅިފައިވާ ކަމެކެވެ.
- ތިބާއަށް އެހީތެރިކަމުގެ އަތެއް ފޯރުނުކޮށްދޭ ރަހްމަތްތެރިންނާމެދު ހިތްބަރު ނުކުރާށެވެ. އެ މީހުން ވެސް އެ މީހުންގެ އަމިއްލަ ދިރިއުޅުމުގައި ކުރިއަށްދާނީ ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކުރުމުގައި މަސްއޫލުވެގެންނެވެ.
- ތިބާގެ ބައިވެރިޔާ ގެއްލިދާނެތީ ބިރުގަންނަ ނަމަ އޭނާ ތިބާއަށް ގެއްލޭނެއެވެ. އެއީ ކީއްވެ ހެއްޔެވެ؟ ސަބަބަކީ ތިބާއަށް އެހެން އިހުސާސް ކުރެވެން ފެށޭ ހިސާބުން ތިބާގެ މައްޗަށް އޭނާއަށް ބާރު ފޯރުވޭނެއެވެ. ހަގީގަތުގައި އޭނާ ޖެހޭނީ އޭނާއަށް ތިބާ ގެއްލިދާނެތީ ބިރުގަންނާށެވެ. ސަބަބަކީ ތިބާއަކީ އޭނާގެ ހިތުގެ ރަސްގެފާނެވެ.
- އެންމެ ބޮޑު ލަނޑެއް ލިބޭނީ ތިބާ އެންމެ ބޮޑަށް އިތުބާރުކުރި މީހުންގެ ފަރާތުންނެވެ. ތިބާގެ ގައިގައިވާ އެންމެ ހުތުރުކަން ބޮޑު ލަކުނަކީ ތިބާގެ ރަހްމަތްތެރިޔާގެ ހަންޖަރު ތިބާގެ ހަށިގަނޑަށް ދިން ހަމަލާއިންވި ޒަހަމެވެ.
- ތިބާއަށް ފައިސާގެ ތަނަވަސްކަން ނުލިބޭހާ ހިނދަކު ތިބާއަށް މަލާމާތް ލިބޭނެއެވެ. ހިތްވަރު ގެއްލުވައި ނުލާށެވެ. އެ ކަން ހާސިލު ކުރުމަށް މަސައްކަތް ކުރަމުން ގެންދާށެވެ.
- ވަގުތީ އުފާތައް ގެއްލުމަކީ އެންމެ ރަނގަޅު ކަމެކެވެ. އެއީ ތިބާގެ ހަޔާތަށް ދާއިމީ ހަމަޖެހުން ގެނައުމަށްޓަކައި ވާ ގުރުބާނީއެކެވެ. އެހެންކަމުން އެ އުފާތަކުގެ ރާހަތު މި ވަގުތު ނުކުރިއަސް އެއީ ތިބާގެ ހަޔާތުން މަދުވާ އެއްޗެއް ނޫނެވެ.
- ދަނޑުވެރިކަމާއި ސިނާއީ މަސައްކަތްތައް ކުރިއެރުވުމުގެ ބަދަލުގައި ހަމައެކަނި މަޖާކުރުމާއި ބަނގުރާ ބުއިމުގެ ސަގާފަތެއް ފިރިހެނުން ގެންގުޅޭ މުޖުތަމައަކީ މާއްދިއްޔަތަށް ގޮސް ހުސްވެފައިވާ މުޖުތަމައެކެވެ.
- ދެމަފިރިންގެ ޖިންސީ ގުޅުމުގެ ތަޅުދަނޑި އޮންނާނީ އަނބިމީހާގެ އަތުގައެވެ. އެ ކަން ތިބާ ބަލައިނުގަތްފި ނަމަ، ތިޔަ ދެމަފިރިންގެ ގުޅުމުގެ މަގު ބަލަހައްޓަން ޖެހޭނީ ތިބާއެވެ. އެ ކަމަށް އަދަބު ދޭން އަނބިމީހާ ޖެހިލުމެއް ނުވާނެއެވެ. ނިކަމެތި އަދި ވާނުވާނޭނގިފައި ތިބޭ ފިރިހެނުންނަށް އަދަބު ދޭން އަންހެނުން ވަރަށް މޮޅުވާނެއެވެ.
- އަންހެނެއް ގާތުން ނައްޓަން ނޭނގުމަކީ ތިބާގެ އެ ސިފަ ހުންނަކަން އެ އަންހެންމީހާއަށް އިހުސާސް ކުރެވޭނެ ކަމެކެވެ. އެ ނިކަމެތިކަން ތިބާގެ ފަރާތުން އޭނާއަށް ފެންނަ ނަމަ ތިބާ ދޫކޮށްލާކަށް އޭނާ ޖެހިލުމެއް ނުވާނެއެވެ. ނަމަވެސް ތިބާ އޭނާ ދޫކޮށްލަންދެން އޭނާ ތިބާގެ ކަރުގައި މަޅިއެއް އަޅުވައިގެން އުޅޭނެއެވެ. އޭނާގެ ވަށައިގެން ތިބާ ތޮވާފު ކުރާ ނަމަ އޭނާގެ ވަށައިގެން ބުރު ޖަހާ ގޮތަށް އޭނާ ތިބާ ގެންގުޅޭނެއެވެ. އޭނާގެ ބޭނުމަކަށް ވާނީ އޭނާއަކީ ފުރިހަމަ އިންސާނެއްކަން ތިބާގެ ފަރާތުން އޭނާއަށް ޔަގީންކޮށްދޭށެވެ. އަދި އޭނާ ބޭނުންވާނީ ތިބާގެ ރުހުން ލިބުމަށެވެ. އެހެންކަމުން އަންހެނެއްގެ އަޅަކަށް ތިބާ ނުވާށެވެ.
- ހަގީގީ ލޯތްބަކީ މުއާހަދާއެއް ގާއިމުކުރާ ބީދައިން މަޝްވަރާ ކުރަން ޖެހޭ ކަމެއް ނޫނެވެ. ބައިވެރިޔާގެ ސަމާލުކަން ތިބާއަށް ދޭން އޭނާގެ ގާތުން އާދޭސްކުރަން ތިބާ ފެށުމުން އެ ހާމަވީ ތިބާ އާއި އޭނާއާ ދެމެދު އޮތް ގުޅުމަކީ މިހާރު ބޮއްސުންލައިފައިވާ ގުޅުމެއް ކަމެވެ. ހަމަ ވަގުތުން އެ ގުޅުމުން ބޭރުވާށެވެ. އެހެން އަންހެނެއްގެ ލޯބި ހޯދާށެވެ. މި ގޮތަށް ކަން ކުރާށެވެ. ނުވަތަ ވޭންދެނިވި ގޮތަކަށް މި ކަމުން ފިލާވަޅު ލިބިގަންނަން ޖެހިދާނެއެވެ.
- އެއްވެސް ކަހަލަ އުސޫލުތަކަކާއި ސުލޫކީ މިންގަނޑުތަކެއް ނުގެންގުޅޭ، ބަނގުރޫޓުވެފައިވާ، ކަންނެތް އަދި ވަޒީފާއެއްގައި ނޫޅޭ އަންހެނުންނާ ނުގުޅޭށެވެ.
- ޑޮޕަމައިން ފަދަ ސިކުނޑި އުފާކޮށްދޭ ކެމިކަލްތައް ހަށިގަނޑުގައި އުފެއްދުމަށް ވިޔަސް ތިބާގެ ޝަރަފު ގެއްލުވައިނުލައިށެވެ.
- ރަނގަޅު ދުވަސްތަކަކީ ކޮބައިކަން ދެނެގަތުމަށް ނުރަނގަޅު ދުވަސްތައް ތަޖުރިބާކުރަން ބައެއް ފަހަރު ޖެހޭނެއެވެ.
- އުމުރުން ދުވަސްވާ ވަރަކަށް ހަޔާތަށް ކުރިމަތިވާ ގޮންޖެހުންތައް ބޮޑުވެ، ކިތައްމެ ކުޑަ ކަމެއް ގޯސްކޮށް ކުރެވުނަސް އޭގެ ނަތީޖާ ވަރަށް ނުބައިކޮށް ނިކުމެދާނެއެވެ.
- ކަމަކާ ދެރަވުމުން ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ އެ ކަން ހަޖަމުކޮށްލުމެވެ. ހަގީގަތަކީ ބަދަލުކުރެވޭނެ އެއްޗެއް ނޫނެވެ. އެ ކަން ބަލައިގަތުމަކީ ކުރަން އުނދަގޫ ކަމަކަށް ވިޔަސް އެ ނޫން ގޮތެއް ތިބާއަކަށް ނޯންނާނެއެވެ.
މިއީ ދިރިއުޅުމުގައި ފިރިހެނުންނަށް ގިނަ ފަހަރަށް ދިމާވާ މައްސަލަތަކެކެވެ. ނަމަވެސް މި ފާހަގަކޮށްލި ގޮތަށް އަމަލުކުރުމުން ހަޔާތައިގެން ފަސޭހަކަމާއެކު ކުރިއަށްދެވޭނެއެވެ.
- ތަރުޖަމާއެއް



advertisment