އެމް.ޑަބްލިއު.އެސް.ސީގެ އެޕް ބޭނުންކޮށްގެން ބިލް ދައްކާ ނަސީބުވެރި ތިން މީހަކަށް އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ރަމަޟާން މަހަށް ހާއްސަކޮށްގެން "އެކުވެރި ރޯދަ 30″ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޯމަޝަން ހިންގާ އެއް މަގުސަދަކީ މިއީ އެމް.ޑަބްލިއު.އެސް.ސީއަށް 30 އަހަރު ފުރޭ އަހަރު ކަމަށްވާތީ އެ ކަން ފާހަގު ކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ޕްރޮމޯޝަންގެ އިތުރު މަޤުސަދުތަކުގެ ތެރޭގައި ރަމަޟާން މަހާ ގުޅުވައިގެން އެމް.ޑަބްލިއު.އެސް.ސީގެ ކަސްޓަމަރުންނަށް ފަހި ފުރުސަތެއް ތަނަވަސް ކޮށްދިނުމާއެކު ވީހާ ވެސް ގިނަ ކަސްޓަމަރުން އެމް.ޑަބްލިއު.އެސް.ސީގެ އެޕަށް އަހުލުވެރިކުރުވައި އެޕް ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު އިތުރު ކުރުން ހިމެނޭ ކަމަށް އެ ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުންޏެވެ.
"އަދި ބިލް ދެއްކުމަށް ކައުންޓަރުތަކަށް އައުމުގެ ބަދަލުގައި އެޕް ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަށް އާންމުނަށް ބާރުއެޅުމާއި ކައުންޓަރަށް އައުމުގެ ބަދަލުގައި އެޕުން ބިލް ދައްކައިގެން ވަގުތު ސަލާމަތްކުރުމާއި އެމް.ޑަބްލިއު.އެސް.ސީގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް ފަސޭހަކޮށް ޒަމާނީކުރުމުގެ މަސައްކަތަށް ހަލުވިކަމާއެކު ކުރިއެރުން ހޯދުމަކީ" ވެސް އެމް.ޑަބްލިއު.އެސް.ސީގެ މަގުސަދުތަކެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހު އެކަކުން ފެށިގެން 31 އާ ހަމައަށެވެ.
ޕްރޮމޯޝަންގައި ބައިވެރިވެވޭ ޝަރުތަކުގެ ތެރޭގައި އެމް.ޑަބްލިއު.އެސް.ސީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށްވުމާއި ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި އެމް.ޑަބްލިއު.އެސް.ސީގެ އެޕް މެދުވެރިކޮށް ބިލަށް ފައިސާ ދައްކާ ކަސްޓަމަރުންނަށްވުމާއި އަދި ޕްރޮމޯޝަންގެ މުއްދަތު ހަމަވާއިރު ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެފައިވާ އެއްވެސް ފެން ބިލެއް ނުވަތަ އަދަދެއް ނުދައްކައި ނެތް ކަސްޓަމަރުންނަށް ވާންޖެހެއެވެ.
"މި ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ނަސީބުވެރި ތިން ފަރާތް އިއުލާންކުރާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި އުމްރާ ދަތުރުގެ ބޭނުންކުރަންވާނެ. އުމްރާ ދަތުރު ލިބުނު ފަރާތަށް އެ ދަތުރު ބޭނުން ނުކުރެވޭ ނަމަ، އެހެން މީހަކަށް ބަދަލުކުރުމުގެ ފުރުސަތު ދެވިގެންދާނެ،" އެމް.ޑަބްލިއު.އެސް.ސީން ބުންޏެވެ.
ގުރުއަތުން ހޮވުނު ފަރާތްތައް ރަސްމީކޮށް އިއުލާން ކުރެވޭނީ ކުންފުނީގެ ސޯޝަލް މީޑިއާ އާއި ވެބްސައިޓް އަދި ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދޭ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ކަމަށް އެމް.ޑަބްލިއު.އެސް.ސީން ބުންޏެވެ.
"ގުރުއަތު ނަގަން ހަމަޖެހިފައިވާ ތާރީހު ކަސްޓަމަރުންނާ ފަހުން ހިއްސާކުރެވޭނެ،" އެ ކުންފުނިން ބުންޏެވެ.
މި ކަމާ ބެހޭ ގޮތުން އިތުރު އެއްވެސް ކަމެއް ސާފުކުރަން ބޭނުން ނަމަ އެމް.ޑަބްލިއު.އެސް.ސީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމުން ނުވަތަ 1050 އަށް އެސް.އެމް.އެސް ފޮނުވުމުން ނުވަތަ mail@mwsc.com.mv އަށް އީމޭލް ކުރުމުން އެހީތެރިކަން ލިބޭނެ ކަމަށް އެމް.ޑަބްލިއު.އެސް.ސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.



advertisment

