މިއީ ކެން ވީލް ނަމަކަށް ކިޔާ މީހަކު ނަގައިފައިވައި އާދަޔާ ހިލާފު ފޮޓޯއެކެވެ. މި ބަލައިލަނީ މި ފޮޓޯއާ ބެހޭ ގޮތުން އޭނާ ލިޔެލި ކުޑަ ވާހަކަކޮޅަށެވެ.
ކެން ކިޔައިދިނެވެ:
މި ފޮޓޯ ބަލައިލުމުން އަހަރެންގެ ގާތަށް ހިނިއާދެއެވެ. މި ދެ ދޫނި އެކަތި އަނެކައްޗާ ހަތަރުކަޅި ހަމަކުރި ވަގުތުގައި ފޮޓޯއެއް ނެގުމަކީ މިލިއަނަކުން އެކެއްގެ ފުރުސަތެއް ލިބުނު ހިނދުކޮޅެކެވެ.
އެއް ދުވަހަކު އަހަރެން ނުކުތީ އަހަރެންގެ ބޯޓުގައި މަސް ބާނާށެވެ. އަހަރެން ދިރިއުޅޭ ކެބިން ކައިރީގައި އައްސޭރިފަށުގައި މި ބްލޫ ޖޭ މި ބާޒަށް ޖެއްސުން ކުރަމުންދިޔަ މަންޒަރު އަހަރެންނަށް ފެނުނެވެ.
ބްލޫ ޖޭ ކެނޑިނޭޅި ފުރައްސާރަ ކުރަމުން ދިޔަ އިރު ވެސް އެ ކަމުން ބާޒަށް ލިބުނީ ހަމައެކަނި ކުޑަކުޑަ އުނދަގުލެއް ފަދައެވެ. ބްލޫ ޖޭގެ މި އަމަލަކީ އެއްވެސް މުހިންމުކަމެއް ނެތް ފަދަ ކަމެއް ކަމަށް ބާޒުގެ މޫނުމަތިން ފެންނަމުން ދިޔަ ކަހަލައެވެ.
ބްލޫ ޖޭއަކީ އެ ސޮރު އުޅޭ ސަރަހައްދު ވަރުގަދައަށް ދިފާއުކުރާ ދޫންޏެކެވެ. ބާޒު މި ވަގުތު އެ އިނީ މި ބްލޫ ޖޭގެ ހާލި ހުރި ހިސާބެއްގައި ޖައްސައިލައިގެންނެވެ. އެހެންވެ ބްލޫ ޖޭ އިނީ އެ ސޮރުގެ ޅަ ދަރިންކޮޅު ސަލާމަތްކުރެވޭނެ ކޮންމެ ގޮތަކުން ނަމަވެސް ސަލާމަތްކުރުމަށް ހިފައިލައިފައެވެ.
ބާޒާއި ބްލޫ ޖޭ އާދެމެދު ހިނގަމުންދިޔަ ހަނގުރާމައާ އަހަރެންގެ ބޯޓު ކައިރިކުރަމުން ދިޔައީމެވެ. އަދި އަހަރެންގެ ކެމެރާއިން ފޮޓޯއަކަށް ފަހު ފޮޓޯއެއް ނަގަމުން ދިޔުމުން ހާއްސަ ވަގުތުކޮޅެއްގެ ފޮޓޯއެއް ލިބިދާނެކަން އަހަރެންނަށް އެނގުނެވެ.
މި ފޮޓޯ އަހަރެންނަށް ކަމުދާ ބައިވަރު ސަބަބުވެއެވެ. ބާޒު އެ އިނީ އެ ސޮރުގެ އެންމެ އަގުހުރި ސިއްރު ހަތިޔާރު ރައްކާތެރިކުރުމުގައެވެ: އެ ސޮރުގެ ދެ ލޮލެވެ. ބްލޫ ޖޭ، ބާޒާ ކައިރިވާ ކޮންމެ ފަހަރަކު ބާޒު އޭގެ ލޯމަތީގައިވާ ހިމަ ފަށަލައެއް ލޯމަތީގައި ފަރުދާއެއްހެން ކަހައިލައެވެ.
ބްލޫ ޖޭ އެ ދަނީ ނިންޖާއެއްހެން ހަރަކާތްކުރާ ގޮތަށް ބާޒުގެ ކައިރިން ކޮންމެ ފަހަރަކު ސަލާމަތްވަމުންނެވެ.
މީގެ އިތުރުން ބާޒުގެ ބޮޑު ކަމާއި ބްލޫ ޖޭގެ ކުޑަކަން މި ފޮޓޯއިން ދައްކައިދޭ ގޮތަކީ ވެސް އަހަރެންނަށް މި ފޮޓޯ ކަމުދާ ސަބަބެކެވެ.
ރަނގަޅު ތަނުގައި ރަނގަޅު ވަގުތު އަހަރެންނަށް ހުރެވުނީތީ އަހަރެން އަބަދުވެސް ޝުކުރުވެރިވާނަމެވެ.
- ތަރުޖަމާއެއް