ވަޒީފާ އަދާކުރުމަށް ދާން ކޮންމެ ދުވަހަކު މީހުން ބައިސްކަލް، ސައިކަލް، ކާރު، ބަސް، ފެރީ ނުވަތަ ރޭލުގައި ދަތުރުކުރުމަކީ އަހަރެމެންނަށް އާއްމު ގޮތެއްގައި އެނގޭ ކަމެކެވެ. ނަމަވެސް މި ފަހަރު މި އިވުނީ ހަފުތާއަކު ފަސް ދުވަހު، ކޮންމެ ދުވަހަކު މަސައްކަތްކުރާ އޮފީހަށް ފްލައިޓެއްގައި ދާ އަންހެނެއްގެ ވާހަކައެވެ.
އިންޑިއާ ނަސްލުގެ ރޭޗެލް ކޯރްއަކީ މެލޭޝިއާގެ ސްޓޭޓެއް ކަމަށްވާ ޕިނޭންގްގައި ދިރިއުޅޭ އަންހެނެކެވެ. މެލޭޝިއާގެ ބަޖެޓް އެއާލައިނެއް ކަމަށްވާ އެއާ އޭޝިއާ އެއާލައިންގެ މާލީ އޮޕަރޭޝަންތައް ހިންގާ ޑިޕާޓްމަންޓްގެ އެސިސްޓެންޓް މެނޭޖަރެއްގެ ވަޒީފާ އަދާކުރާ ރޭޗެލް މަސައްކަތަށް ނިކުންނަން ޖެހެނީ ވެރިރަށް ކުއަލަ ލަމްޕޫރުގައި ހުންނަ އޮފީހަށެވެ.
ރޭޗެލް ކުރިން ދިރިއުޅުނީ ކުއަލަ ލަމްޕޫރުން ތަނެއް ކުއްޔަށް ހިފައިގެންނެވެ. އެއިރު ޕިނޭންގަށް ދަރިންގެ ގާތަށް ދަނީ ހަމައެކަނި ހަފުތާބަންދުގައެވެ. އެއީ އެއްގަމު މަގުންނެވެ. ނަމަވެސް ދެ ދަރިންގެ އުމުރުން 12 އާއި 11 އަހަރަށް އެޅުމުން އޭނާ ބޭނުންވީ ގަވައިދުން ޕިނޭންގަށް ދާށެވެ.
"ދަރިން ބޮޑުވާން ފެށުމުން އެ ކުދިންގެ ގާތުގައި މަންމަ ހުންނަ ވަގުތުތައް އިތުރުކުރަން ޖެހޭކަން އިހުސާސްކުރެވުނު،" ރޭޗެލް ބުންޏެވެ.
އޭނާ ބުނީ ބޭނުންވީ ޒާތީ ދިރިއުޅުމާއި މަސައްކަތުގެ ދާއިރާގެ މެދުގައި ބެލެންސެއް ހިފެހެއްޓުން ކަމަށެވެ.
މިހެންވެ މި ދިޔަ އަހަރު ކުރީކޮޅުން ފެށިގެން އޭނާ އެއާ އޭޝިއާ ފްލައިޓުން ހެނދުނު ކުއަލަ ލަމްޕޫރަށް ގޮސް، ހަވީރު ޕިނޭންގަށް އާދެއެވެ. މި ކަމަށް ތަރުހީބު ދެމުން އެއާ އޭޝިއާ ހިންގާ ފަރާތުން ވަނީ އޭނާއަށް މި ކަމަށް ލުއިތަކެއް ދީފައެވެ. ނަމަވެސް ރޭޗެލް ފްލައިޓްގައި ދަތުރު ކުރަނީ އަމިއްލައަށް ހަރަދުކޮށްގެންނެވެ. އެ ގޮތުން ކޮންމެ ދުވަހަކު ރިޓާން ޓިކެޓަށް އޭނާ އަމިއްލައަށް 11 ޑޮލަރު (169ރ.) ހަރަދުކުރެއެވެ. އެއީ އެއާ އޭޝިއާއިން އެ ކުންފުނީގެ މުވައްޒަފުންނަށް ދޭ ޑިސްކައުންޓް ރޭޓުގައެވެ.
ރޭޗެލް ކޮންމެ ދުވަހަކު ފަތިހު 4.00 ގައި ހޭލައެވެ. އަދި ގެއަށް އާދެވެނީ ރޭގަނޑު 8.00 ގައެވެ.
"ދަރިން ފެނުމުން އެ ލިބޭ ހިތްހަމަޖެހުމުގެ ސަބަބުން ހުރިހާ ވަރުބަލިކަމެއް ވަގުތުން ފިލައިގެންދޭ،" ޗެނަލް ނިއުސް އޭޝިއާ (ސީ.އެން.އޭ)އަށް ދިން އިންޓަވިޔުއެއްގައި ރޭޗެލް ބުންޏެވެ.
ޕިނޭންގްގައި ހުންނަ ގެއިން ނިކުންނަނީ 5.00 ގައެވެ. އަދި ކާރުގައި އެއާޕޯޓަށް ގޮސް 5.55 ގެ ފްލައިޓަށް އަރައެވެ. ކުއަލަ ލަމްޕޫރަށް ފްލައިޓްގައި ބައި ގަޑި އިރެއްހާއިރުން ދެވެއެވެ.
"ހެނދުނު 7.45 ގެ ކުރިން އޮފީހަށް ދެވޭ،" ރޭޗެލް ބުންޏެވެ.
ބުއްދި ގަބޫލުކުރަން ދަތިވިޔަސް ރޭޗެލް ކުރަން ޖެހޭ ހަރަދުތައް މިހާރު ކުޑަކަމަށް އޭނާ ބުންޏެވެ. އެ ގޮތުން ކުރިން މަހަކު 474 ޑޮލަރު (7،298ރ.) ހަރަދު ކުރިއަސް މިހާރު ހަރަދުތައް މަހަކު 316 ޑޮލަރު (4،865ރ.)އަށް ކުޑަ ކުރެވިފައިވާ ކަމަށް ރޭޗެލް ބުންޏެވެ.
ގާތްގަނޑަކަށް ކޮންމެ ދުވަހަކު 434 މޭލަށް ދަތުރު ކުރުމުގައި ފްލައިޓެއްގައި އެހާ ގިނަ އިރު އެކަނި އިންނަން ޖެހުމުން ތަފާތު ފިކުރުތައް ކުރެވޭތޯ ސީ.އެން.އޭ.އިން ސުވާލުކުރުމުން ރޭޗެލް ބުނީ ފްލައިޓުގައި ހޭދަކުރާ ފުރަތަމަ ވަގުތުކޮޅު ހިޔާލުތައް އެނބުރެނީ އަމިއްލަ ހަޔާތާމެދު ކަމަށެވެ. ދެން އެއަށް ފަހު މިއުޒިކް އަޑުއަހާ، މަންޒިލަށް ދެވެންދެން ގުދުރަތީ ކަންތައްތަކާމެދު ވިސްނާ ކަމަށެވެ.
އެއާ އޭޝިއާގައި މަސައްކަތް ކުރާތީ ކުއަލަ ލަމްޕޫރު އެއާޕޯޓުން އޮފީހަށް ހިނގައިލައިފައި 10 ވަރަކަށް މިނެޓު ތެރޭ ދެވެއެވެ.
ރޭޗެލް ބުނީ ގޭގައި ހުރެގެން މަސައްކަތް ކުރުމަށްވުރެ އޮފީހަށް އައިސް މަސައްކަތް ކުރުމުން އެހެން މުވައްޒަފުންނާ ސީދާ ދިމާވެ، ކަންތައްތައް ނިންމަން ފަސޭހަ ކަމަށެވެ.
"އޮފީހުގައި އުޅޭއިރު މަސައްކަތަށް 100 ޕަސެންޓް ދެވޭ. ގޭގައި އުޅޭއިރު އާއިލާއަށް 100 ޕަސެންޓް ދެވޭ،" އޭނާ ބުންޏެވެ.
ރޭޗެލް ބުނީ ކޮންމެ ދުވަހަކު އޮފީހަށް ދަނީ ވައިގެ މަގުން ކަން އެނގުމުން ބައެއް މީހުން ހައިރާންވާ ކަމަށެވެ.
"މި ގޮތް މާ އަޖައިބުން ފުރިފައިވޭ. މުސްތަގުބަލުގައި ވެސް މި ގޮތަށް ކުރިއަށް ދާނީ،" އޭނާ ބުންޏެވެ.



advertisment