Support Us

މާރިއޯ ސަލްސޭޑޯ: ކްރޫސް ދަތުރުތަކުގައި ކަނޑުމަތީގައި 25 އަހަރު

ކިއުބާއަށް އުފަން މާރިއޯ ސަލްސޭޑޯއަކީ މިހާރު އެއްގަމުގައި އުޅޭ މީހެއް ނޫނެވެ. ވޭތުވެދިޔަ 25 އަހަރެއްހާ ދުވަހު އޭނާ އުޅެމުން އަންނަނީ ޓޫރިސްޓުން އުފުލާ ކްރޫސް މަނަވަރުތަކުގައެވެ. ނަމަވެސް އެއީ މުޅިއަކުން ޗުއްޓީއެއްގައެއް ނޫނެވެ.

"ސުޕަ މާރިއޯ"ގެ ވަނަން ދީފައިވާ މާރިއޯ މިހާރު ވަނީ އޭނާގެ 1،000 ވަނަ ދަތުރު ފާހަގަކޮށްފައެވެ. އެއީ 3،286 ފަސިންޖަރުން އުފުލޭ ރޯޔަލް ކެރިބިއަން ކުންފުނީގެ މަނަވަރު "އެކްސްޕްލޯރާ އޮފް ދަ ސީސް"ގައެވެ. އެ ދަތުރު ފެށީ މި ދިޔަ މަހު ފަހެއްގައި އެމެރިކާގެ މަޔާމީންނެވެ. ޕެނަމާއިން ފެށިގެން ކެރިބިއަން ކަނޑުގައި 11 ރޭގެ ދަތުރެއް ކުރިއެވެ.

އޭނާ ބުނީ ކްރޫސްތަކުގައި ދިރިއުޅުމަށް އޭނާ އަހަރަކު ހޭދަކުރަނީ 101،000 ޑޮލަރު (1.5 މިލިއަން ރުފިޔާ) ކަމަށެވެ. އޭނާ ދިރިއުޅުމަށްކުރާ މަސައްކަތަކީ އިންވެސްޓް ކުރުމަށް މީހުންނަށް މަގުދައްކައިދިނުމެވެ.

މާރިއޯ އެކްސްޕްލޯރާގައި އެހާ ގިނައިން ދަތުރުކުރާތީ އޭނާއަށް ވަނީ ބެލްކަނި ލާފައި ހުރި ކެބިންއެއް ދިރިއުޅެން ދީފައެވެ. އަދި ރޯޔަލް ކެރިބިއަނުން ވަނީ އޭނާއަށް އެކްސްޕްލޯރާގައި އޮފީހެއް ވެސް ގާއިމުކޮށްދީފައެވެ.

ސޯޝަލް މީޑިއާގައި ނޫޅޭ މާރިއޯ ބުނީ "ކްރޫސް ކުރުމަކީ މުސްކުޅިވާ ކަމެއް ނޫން" ކަމަށެވެ.

"މަނަވަރުތަކުގައި މިހާ ގިނަ ދުވަހު އުޅުނީމާ އެއްގަމުގައި އުޅުމަށްވުރެ ކަނޑުމަތީގައި އުޅުމަށް އަހަރެންނަށް ފަސޭހަ،" މާރިއޯ ބުންޏެވެ.

އޭނާ ބުނީ ކަނޑުމަތީގެ ދިރިއުޅުމެއް އޭނާ ދާއިމަށް އިހުތިޔާރުކުރީ "ކޯޓު ލައިފައި ޓައި އަޅައިގެން ވިޔަފާރިކުރާ ދުނިޔެ އާއި ބައިނަލްއަގުވާމީ ކަސްޓަމަރުންގެ ގާތަށް ދިގު ފްލައިޓްތަކުގައި އުދުހެން ވަރުބަލިވުމުން" ކަމަށެވެ.

މާރިއޯ ފުރަތަމަ ފަހަރަށް ކްރޫސް ލައިނާ މަނަވަރެއްގައި ދަތުރުކުރީ 1997 ގައެވެ. އެހާ ހިސާބުން އޭނާ އެ ކަމަށް "ދެވިހިފި" ކަމަށް ބުންޏެވެ.

ދެން އޭނާ ކުރި ކަމަކީ އެކި ކުންފުނިތަކުގެ އެކި ކްރޫސް މަނަވަރުތަކުގައި ދަތުރުކުރީއެވެ. އަދި މި ގޮތަށް "އަޖުމަ ބެލުމަށް ފަހު އެންމެ ކަމުދިޔައީ ރޯޔަލް ކެރިބިއަން ކުންފުނީގެ މަނަވަރުތައް" ކަމަށް އޭނާ ބުންޏެވެ. އެއަށް ފަހު، 2000 އިން ފެށިގެން އޭނާ ދާއިމީކޮށް އުޅެނީ ރޯޔަލް ކެރިބިއަންގެ މަނަވަރުތަކުގައެވެ.

"އަހަރަކު ވަރަށް މަދު ދުވަހެއްގައި އެއްގަމަށް އަރަނީ. ކޮވިޑް-19 ބަލިމަޑު ކަމުގައި 15 މަސް ވަންދެން އެއްގަމުގައި އުޅެން ޖެހުނު،" މާރިއޯ ކިޔައިދިނެވެ.

އޭނާ ބުނީ އޭނާ މިހާރު އާމްދަނީ ހޯދުމުގެ މަސައްކަތް ކުރަނީ ދުވާލަކު އެންމެ ފަސް ގަޑި އިރު ކަމަށެވެ.

"ދުވަހުގެ ބާކީ އޮތް ބައިގައި މަޖާ ކުރަނީ. އެއްވެސް ސްޓްރެސްއެއް ނުލިބޭ. މިއީ އަހަރެންނަށް ހޯދުނު އެންމެ ރަނގަޅު ލައިފްސްޓައިލް،" މާރިއޯ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް