Support Us

ކެޔޮނިރު ކޮލަމް

ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަށް ރައީސް އުމަރު ނަސީރުބާ؟

ދެހާސް ތޭވީސް ވަނައަހަރުގެ ރިއާސީ އިންތިހާބްގައި ވާދަ ކުރައްވާނެކަން މިހާތަނަށް އިއުލާން ކުރެއްވި ދެވަނަ ފަރާތަކީ އުމަރު ނަސީރެވެ. އުމަރުގެ ކުރީން ޖުމްހޫރީ ޕާރޓީގެ ލީޑަރ ޤާސިމް އިބްރާހިމްވެސް ވަނީ 2023 ގެ އިންތިޙާބްގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވައިފައެވެ. މިއަހަރު ކުރީކޮޅު، އުމަރު ވިދާޅުވީ ދެން އަންނަ ރިއާސީ އިންތިހާބްގައި ވާދަކުރައްވާނެ ކަމަށާއި އުންމީދަކީ 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޕީޕީއެމްގެ ތެރެއިން ލިބިވަޑައިގަތުން ކަމަށެވެ. އުމަރުގެ ރިއާސީ އެންމެ ބޮޑު ވައުދަކަށް ވާނީ ރާއްޖެއިން އިންޑިއާ ސިފައިން ބޭލުން ކަމަށްވެސް ވިދާޅުވިއެވެ. އަދި ޕީ.ޕީ.އެމްގެ ޓިކެޓް ނުލިބުނަސް އެހެން ގޮތަކުން ނަމަވެސް ރައީސް ކަމަށް 2023 ގައި ކުރިމަތި ލައްވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

"ދެހާސް ތޭވީހުގައި އަޅުގަނޑު ކުރިމަތިލާނަން. ކުރިމަތިލައިގެން އިރާދަކުރެއްވިއްޔާ އަޅުގަނޑު ކާމިޔާބު ވެސް ކުރާނަން. އަޅުގަނޑުގެ ވެރިކަމެއްގައި ދިވެހިރާއްޖެއިން އިންޑިއާ ސިފައިން ބާލާނަން. އަޅުގަނޑުގެ އުންމީދަކީ ޕީޕީއެމްގެ ލީޑަޝިޕްގެ ދޮރު ހުޅުވިގެން، ޕީޕީއެމްގެ ތެރެއިން ނުކުތުމުގެ ފުރުސަތު ލިބުން. އެ ފުރުސަތު ނުލިބުނަސް، އަޅުގަނޑު ކަންބޮޑެއް ވެސް ނުވޭ،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ދިވެހިރާއްޖެއިން އިންޑިއާ ސިފައިން ބާލާނެ ކަމަށާއި، އަމަންއަމާންކަން ގާއިމުކުރައްވާނެ ކަމަށާއި އަދި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ 67،000 ބިދޭސީންގެ މައްސަލަ ވެސް ހައްލު ކުރައްވާނެ ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސާދު އެއްކޮށް އަނބުރާލައްވާނެ ކަމަށާއި ރާއްޖޭގެ ޒުވާން ޖީލަކީ ތައުލީމީ، ހީވާގި، މުރާލި، މަސައްކަތްތެރި ޖީލަކަށް ހަދައިގެން އެޒުވާން ޖީލުގެ ކޮނޑުގައި މިގައުމު ތަރައްގީވެފައި އޮތް ގައުމަކާ ހަމައަށް ގެންދިއުމުގެ ދޮރު ހުޅުވާލައްވާނެ ކަމަށެވެ.

އުމަރު ނަސީރަކީ މީގެ ކުރިންވެސް އެއްފަހަރަށް ވުރެ ގިނަ ފަހަރު ރައީސް ކަމަށް ކުރިމަތި ލައްވާފައިވާ ބޭފުޅެކެވެ. ނަމަވެސް އެއްވެސް ފަހަރަކު މާބޮޑު ކާމިޔާބެއް ލިބިވަޑައިގެންފައި ނުވެއެވެ. މީގެ ކުރިން ހޯމް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އުމަރުގެ އެންމެ ފާހަގަކޮށްލެވޭ ސިފައަކީ ވަރަށް ބޮޑަށް ވަތަނީ ވުމާއި، އެގޮތުން އިންޑިއާ ފަދަ ބޭރުގެ އެއްވެސް ބާރަކަށް ރާއްޖެއަށް ނުފޫޒު ފޯރުވައި ރާއްޖޭގައި ތިބުމުގެ ފުރުސަތު ނުދެއްވުމުގެ ވިސްނުން ހުރުމެވެ. ރައީސް ޔާމީނުގެ ވެރިކަމުގެ ފަހު ދުވަސްތަކުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ވިސާ ހަމަވުމުން ވިސާ އާނުކޮށް، އިންޑިއާ ސިފައިންނާއި ހެލިކޮޕްޓަރުތައް ރާއްޖެއިން ގެންދިއުމަށް އެންގުމުން އިންޑިއާއިން ވަނީ އެކަން އެގޮތަށް ނުކޮށްފައެވެ. އުމަރު ނަސީރު ކުރީއްސުރެވެސް ވިދާޅުވަމުން ގެންދަވާފައިވަނީ އިންޑިއާއާ ރާއްޖެއާ ދެމެދު މައްސަލައެއް ނެތް ކަމަށާއި އިންޑިއާއަކީ ވެސް މުހިއްމު ބައިވެރިއެއް ކަމަށާއި، ނަމަވެސް އިންޑިއާގެ ހެލިކޮޕްޓަރާއި ސިފައިން ރާއްޖޭގައި ބޭސް ކޮށްފައި ނުބޭތިއްބޭނެ ކަމަށެވެ.

"ޔާމީނަށް ކެރިވަޑައިނުގަތީތާ އެމީހުން (އިންޑިއާ މީހުން)ގެ ގައިގައި އަތްލައިގެން ބާލަން. އަޅުގަނޑު ނަމަ ގައިގައި އަތްލައިގެން ނަމަވެސް ބާލާނަން އިނގޭތޯ ދިވެހިރާއްޖެ އިން،" އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އޭނާ ވާދަކުރައްވަން ނިންމަވާ އެންމެ ބޮޑު މަޤުސަދަކީވެސް އިންޑިއާ ސިފައިން ރާއްޖެއިން ބާލައި ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުން ކަމަށާއި، އަދި ވެރިކަމަށް ވަޑައިގަނެވިއްޖެ ނަމަ ގައިގައި އަތްލައިގެން ނަމަވެސް އިންޑިއާ ސިފައިން ބާލާނެ ކަމަށެވެ. އިންޑިއާ ސިފައިން ރާއްޖެއިން ބޭލިއަސް އުމަރު ވިދާޅުވީ އުމަރުގެ ވެރިކަމެއްގައި އިންޑިއާއާ އެކު ގާތް ގުޅުމެއް ބާއްވަވާނެ ކަމަށާއި، ނަމަވެސް "އަޅުގަނޑުމެންގެ އެނދަކު އިންޑިއާ ސިފައިންނަކަށް ނުއެއް ނިދޭނެ" ކަމަށެވެ.

ފަސް އަހަރުގެ ރިއާސީ ދައުރުގައި ރައީސް ޔާމީނު ސިޔާސީ ފަރާތްތައް ޖަލަށް ލައްވައިގެން ސިޔާސީ ގޯސްތަކެއް ހެއްދެވިކަމަށް އުމަރު ވިދާޅުވި ނަމަވެސް ޔާމީނުގެ އިގްތިސޯދީ ހިންގެވުމަށް އުމަރު ތައުރީފް ކުރެއްވިއެވެ. "ރައީސް ޔާމީންގެ ސަރުކާރުގައި ވަރަށް ވަރުގަދަ އިގުތިސާދެއް ޑްރައިވް ކުރެއްވި. އެކަމަކު ޕޮލިޓިކަލީ ވަރަށް ބޮޑަށް މިސް މެނޭޖްކުރެއްވި. މީހުން ޖަލަށްލައި ހެއްދެވި. ގޯސް ކަމެއް އެއީ. އެކަމާ ގުޅިގެން އިންތިހާބުން ބަލިވީވެސް،" އުމަރު ވިދާޅުވިއެވެ. ސިޔާސީ ބައެއް މިސްޓޭކް ޔާމިނު ހެއްދެވި ކަމަށް އުމަރު ވިދާޅުވިއަސް ޗައިނާއާ ޔާމިނާ ގުޅުވައިގެން ދައްކާ ސިޔާސީ ވާހަކަތަކުގައި އުމަރު ނެންގެވީ ޔާމީނުގެ ކޮޅެވެ.

ޗައިނާއާ އެކުގައި ޔާމީން ސަރުކާރުން ބޭއްވެވީ "ކޮމާޝަލް" ގުޅުމެއް ކަމަށާއި، އޭރުގެ އިދިކޮޅު ފަރާތްތަކުން އޭރުގެ ރައީސް ޔާމީން ސަރުކާރާއި ޗައިނާއާ ގުޅޭ ގޮތުން ދައްކަމުން ގެންދިޔައީ ދޮގު ވާހަކަތަކެއް ކަމަށް އުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޗައިނާއަށް ރާއްޖެއިން އެއްވެސް ރަށެއް ދިނުމަށް ރައީސް ޔާމީންގެ ސަރުކާރުން ނިންމާފައި ނުވާ ކަމަށެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީނު ބަންދު ކުރެވުމާއި އެކު ޕީ.ޕީ.އެމް ފަދަ އިދިކޮޅު ފަރާތްތަކުން ސަރުކާރު ޒިންމާދާރު ކުރުވަން މާބޮޑު ކަމެއް ނުކުރެވޭ ކަމަށް އުމަރު މީގެ ކުރީން ވިދާޅުވިއަސް މިހާރު ފެންނަ މަންޒަރަކީ، ސަރުކާރު ޒިންމާދާރު ކުރުވައި، އިންޑިއާގެ ކިބައިން ޤައުމު މިނިވަން ކުރުމަށްޓަކައި ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ވަރުގަދަ މަސައްކަތް ތަކެއް ކުރެވޭ ތަނެވެ. ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރު ޖަލަށް ލައިގެން އުޅޭއިރު، އަދި ޤައުމުގެ މިނިވަންކަން ގެއްލޭ ހިސާބަށް ސަރުކާރުގެ ސިޔާސަތުތައް ގޮސްފައިވާއިރު މިހާރަށްވުރެވެސް ބޮޑަށް އިދިކޮޅު ޕާރޓީ ތަކުން ގުޅިގެން ހަރަކާތްތެރި ވާންޖެހޭނެ ކަމަށް އުމަރު ވިދާޅުވިއެވެ. އަދި އިދިކޮޅުގެ ލީޑަރޝިޕް އުމަރަށް ލިބިވަޑައިގެންފި ނަމަ ފުރިހަމަ އެކްޓިވިޒަމް އާއި ހިތްވަރު އިދިކޮޅުން ދައްކާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އެ ބޭފުޅުންނަށް ބޭނުންވަނީ ވަރުގަދަ ބާޒެއް، އެ ބޭފުޅުންނަށް ބޭނުންވޭ ސިންގާއެއް. ބާޒެއް ނުވަތަ ސިންގާއެއް އެ ބޭފުޅުން ގޮވައިގެން ލީޑުކޮށްގެން މަގުމައްޗަށް ނުކުންނަން ޖެހޭ،" އުމަރު ވިދާޅުވި އެވެ.

ދެން އަންނަ ރިއާސީ އިންތިހާބެއް އޮންނާނީ އަދި ތިން އަހަރު ފަހުން، 2023 ގައެވެ. ޖުމްހޫރީ ޕާޓިގެ ލީޑަރ ޤާސިިމް އިބްރާހިމްގެ އިތުރުން އުމަރު ނަސީރު ރިއާސީ އިންތިހާބްގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެފަދަ އެއްވެސް އިޝާރާތެއް މިހާތަނަށް ކުރައްވާފައެއް ނުވެއެވެ. އަދި ކުރިމަތި ލައްވާނަމޭ ނުވަތަ ނުލައްވާނަމޭ ވެސް ވިދާޅެއް ނުވެއެވެ. ދެހާސް ތޭވީހުގައި އެންމެ ބޮޑު ވާދައެއް ކުރައްވާނެ ކަމަށް ގިނަ ބަޔަކު ޤަބޫލް ކުރާ ރައީސް މުހައްމަދު ނަޝީދު ދާދި ފަހުން ވިދާޅުވެފައި ވަނީ 2023 އާމެދު އަދި ވަކި ގޮތަކަށް ނުނިންމަވާ ކަމަށާއި، ނަމަވެސް ވަކި ގޮތަކަށް ނިންމެވުމަށް ފަހުވެސް ރައީސް ސޯލިހާއި ނަޝީދު ތިއްބަވާނީ ސިޔާސީ ގޮތުން އެއް ފަޅީގައި ކަމަށެވެ.

ރައީސް ޔާމީނުގެ މައްޗަށް މިހާރު ތަންފީޒު ކުރެވެމުންދާ ފަސް އަހަރުގެ ޖަލު ހުކުމްގެ މުއްދަތު މިހާރު އޮތްގޮތުން ހަމަވާނީ 2024 ވަނަ އަހަރު އެވެ. އެހެން ކަމުން އެހުކުމުގެ އިސްތިއުނާފް ޔާމިނުކޮޅަށް ކާމިޔާބެ ވެގެން މެނުވީ 2023 ގައި ވާދަކުރެއްވުމުގެ ފުރުސަތެއް ރައީސް ޔާމީނަކަށް ނެތެވެ. ރައީސް ޔާމީނު މިނިވަންވެއްޖެ ނަމަ 2023 ގައި ވަރުގަދަ ވާދައެއް ދެވިދާނެއެވެ. ރައީސް ޔާމީނަށް ވާދަނުކުރެވިއްޖެ ހާލަތެއްގައި އިދިކޮޅުން ނެރެވޭނެ ލީޑަރުންގެ ތެރޭގައި ކުރީގެ ރައީސް ޑރ.ވަހީދު، ކުރީގެ ނައިބު ރައީސް ޑރ.ޖަމީލް، އަދި އުމަރު ނަސީރު ފަދަ ލީޑަރުން ހިމެނެއެވެ. އަދި ފަހަރުގަ ޤާސިމް އިބްރާހިމާއި އުމަރު ނަސީރު، ނުވަތަ ރައީސް ޔާމީނާއި އުމަރު ނަސީރު ގުޅިގެން އެއް ޓިކެޓްގައި ވާދަ ކުރެއްވުމަކީ ވެސް ހަމަ ވެދާނެ ކަމެކެވެ. ކޮންމެ ގޮތެއް ވިއަސް އިދިކޮޅު ޕާޓީ ތަކުގެ ހަރަކާތައް މިހާރަށް ވުރެ ހަރުދަނާވެ ފޯރި ހިފައިގެން މެނުވީ ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތް ފުރިހަމަވާނެ ކަމަކަށް ނުބެލެވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
4

2 Responses

  1. +މި ޤައުމަށް ބޭނުންވަނީ އުމަރު ކަހަލަ ކެރޭ ހީވާގި މުރާލި ތަންދޮރު ދަންނަ ވެރިއެއް ލީޑަރެއް. ވަރަށް އަތްތިލަ މަޑު ނެގިމަޑު އޮޔެއް ވަޔެއް ނާޅާ ތަނެއްދޮރެއް ނުދަންނަ ބަޔަކު ދިނީމަ ކާލައިގެން، އިންޑިޔާގެ އުނގަށްވެޓި ނިދަންތިބޭ ކަހަލަ ވިސްނުންގެން ގުޅޭ ސަބް ޑީލަރުން، އުރައިގެ ބޭރުގަ "ލީޑަރުން" ނޭ ޖަހައިގެން. ހިންޏައް ހަކުރުގަ ލޮނު ޖަހައިގެން އުޅޭޒާތު މީހުންނެއްނޫން.. 2000 އަހަރު ތަކުގެ މެދާ ހިސާބަށްދާއިރު މިރާއްޖެ އެބަޖެހޭ ކުރިއަރާ ފުދުންތެރި ނަމޫނާ ޤައުމަކަށް ވާން….

  2. އުމަރަކީ ވަރަށް މުރާލި ބޭފުޅެއް އެކުގައި މަސައްކަތް ކުރަން ލިބުނު ވަޒީރުންގެ ތެރެއިން އެންމެ ހީވާގި ވަޒީރު ހެނދުނު ފަތިހާ ތެދުވެ 6.30 އަަށް އޮފީހަށް ވަޑައިގަންނަވަނީ ކީއްވެތޯ އަޅުގަނޑު ސުވާލު ކުރީމެވެ. ދެއްވި ޖަވާބަކީ އަށެއް ޖެހުމާއި އެކު ރަސްމީ މީޓިންތައް ފެށި މުޅި ދުވަހަު ދަނީ ރަނގަޅަށް މަސައްކަތް ކުރަން ފުރުސަތު ނުލިބިއެވެ. ވީމާ ކުރީދުވަހު ނުނިމި މޭޒުގައި ހުންނަ މައްސަލަ ތަކާއި ބައެއް ކަންކަން ދިރާސާ ކޮށްލަން ފުރުސަތުލިބެނީ އެގަޑީގައެވެ. އެއީ ތެދެއްކަން އެނގެނީ އުމަރުގެ މޭޒް ބަލައިލުމުގެ ފުރުސަތު ލިބިފައިވާތީއެވެ. އަދި އެންމެ ޚާއްސަކަމަކީ ރަށްރަށުގެ ރަށު ކައުންސިލްތަކުގައި މެންބަރުން އެޕޮއިންޓް މަންޓަކަށް އެދި ދުވަހަކުވެސް ބައްދަލު ނުކޮށް ދޫކޮްލާފައި ނުވާތީއެވެ. ނެގި މަޑު ހިންގުމުގެ ވައްޓަފާޅި ނެތް މީހަކަށް އެންމެ ވުޒާރާއެއް ވެސް ރަނގަޅަށް ނުހިންގޭނެއެވެ. ގޮަނޑި ހޫނު ކުރެވިދާނެއެވެ. މޮޅު ޓުއިޓް ކުރެވިދާނެއެވެ. މީހާގައިން ހުޅުބު ދިޔުން ނޫން ކަމެއް ނުކުރެވޭނެއެވެ. މިގައުމަށް ބޭނުން ވަނީ ދީން ދެކެ ލޯބިވާ ގައުމީ ލޯބި ހުރި ކެރޭ ހީވާގި ވެރި އެކެވެ. އެއީ އުމަރު ކަހަލަ މީހަކަށް ވުން ލާޒިމެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *