އިންޑިއާގެ އަނަންތު އަމްބާނީގެ ބައްޕަ މުކޭޝް އަމްބާނީގެ މިލްކިއްޔާތު މިހާރު ހުރީ 93 ބިލިއަން ޑޮލަރު (1،433 ބިލިއަން ރުފިޔާ)ގައެވެ. ރިލަޔަންސް އިންޑަސްޓްރީޒް ކުންފުނީގެ ވެރިޔާ މުކޭޝްއަކީ އޭޝިއާގެ އެންމެ މުއްސަނދި މީހާއެވެ. އަދި މުޅި ދުނިޔޭގެ ނުވަ ވަނައަށް އެންމެ މުއްސަނދި މަހުޖަނެވެ.
މުކޭޝްގެ ހަގު ފިރިހެން ދަރިފުޅު އަނަންތު ދާދި ފަހުން ވަނީ "ރިޗަޑް މިލެ އާރް.އެމް 52-04 ސްކަލް ބްލޫ ސަފަޔާ ވޮޗް" އަތުކުރި ގަޑިއެއް އަޅައިގެން އުޅުނު މަންޒަރު ފެނިފައެވެ. މިއީ ރިޗަޑް މިލެ ކުންފުނިން އުފެއްދި މީގެ ހަމައެކަނި ތިން އަތުކުރި ގަޑީގެ ތެރެއިން އެއް އަތުކުރި ގަޑިއެވެ. ސަފަޔާ ނަމަކަށް ކިޔާ ޖަވާހިރެއްގައި ހަދައިފައިވާ މި އަތުކުރި ގަޑީގެ އަގަކީ 2.6 މިލިއަން ޑޮލަރު (40 މިލިއަން ރުފިޔާ)އެވެ.
ހޮރޮލޮޖިސްޓް ނުވަތަ ގަޑި ހަދައި، އެ މަރާމާތު ކުރަން ދަންނަ އަނަންތު މި އަތުކުރި ގަޑި އަޅައިގެން އުޅެނިކޮށް ފެނިފައިވަނީ އަންހެނުން ރަދިކާ މާޗަންޓް އާއެކު ބޭރުތެރެއިންނެވެ. އަނަންތު، ރަދިކާ އާ ކައިވެނިކުރީ މިދިޔަ އަހަރު ޖުލައި މަހުއެވެ.
އަނަންތު އިތުރު އެހެން ބްރޭންޑްތަކުގެ އަތުކުރި ގަޑި ވެސް އަޅައެވެ. އޭގެ ތެރޭގައި ޕެޓެކް ފިލީޕް އަދި އޯޑެމާރް ޕިކޭ ބްރޭންޑް ހިމެނެއެވެ.
ސެލެބްރިޓީން އަޅަނީ ކޮން އަތުކުރި ގަޑިއެއްތޯ ފާހަގަކުރާ ދި އިންޑިއަން ހޮރޮލޮޖީން ބުނީ ރިޗަޑް މިލެގެ އަތުކުރި ގަޑި ހަދައިދެނީ ހަމައެކަނި ހާއްސަ ކްލަޔަންޓުންނަށް ކަމަށެވެ.
"ރިޗަޑް މިލެގެ މި އަތުކުރި ގަޑި ފެނުމަކީ ވެސް ހަޔާތުގައި ތަޖުރިބާ ކުރެވޭނެ ނަސީބެއް،" ދި އިންޑިއަން ހޮރޮލޮޖީގެ އިންސްޓަގްރާމްގައި ބުންޏެވެ.
ރިޗަޑް މިލެއަކީ ސްވިޒަލެންޑްގެ ބްރޭންޑެކެވެ. އެ ކުންފުނީގެ އަތުކުރި ގަޑިތަކުގެ އަގު ވަރަށް ވެސް ބޮޑެވެ. އެއިން އަތުކުރި ގަޑިއެއް ހަދައިދެނީ ވެސް ހަމައެކަނި ކްލަޔަންޓަށެވެ. އަދި ފަރުމާ ކޮށްދެނީ ސީދާ ކްލަޔަންޓް ބޭނުންވާ ޑިޒައިނަކަށެވެ. މި އަތުރުކުރި ގަޑި ވެފައިވަނީ މުއްސަނދި އަދި މަޝްހޫރު މީހުންގެ އިޖުތިމާއީ ފެންވަރު ދައްކައިދޭ އެއްޗަކަށެވެ.